ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި އަދީބު ބޭނުންކުރެއްވި ކަމުގެ މައްސަލަ ކޯޓުން ބަލައިގެންފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ދައުވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ގަފޫރު އުފުލައި ކްރިމިނަލް ކޯޓަށް ޕީޖީން ވެއްދި މައްސލަ އެ ކޯޓުން ބަލައިގެންފިއެވެ.
މި މައްސަލަ މި މަހުގެ ހަވަނަ ދުވަހު ޕީޖީއިން ކްރިމިނަލް ކޯޓަށް ވައްދާފައިވާއިރު އެ ކޯޓުން މި މައްސަލަ ބަލައިގެންފައިވަނީ މި މަހުގެ ހަތްވަނަ ދުވަހު ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ކުރީގެ ނައިބު ރައީސް އަދީބުގެ މައްޗަށް މި ދައުވާ ދައުލަތުން އުފުލާފައި މިވަނީ މާލެ އަތޮޅުގެ ފަޅެއް ބޭރު ބަޔަކަށް ދިނުމަށްފަހު ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ.
އަދީބުގެ މައްޗަށް މި ދައުވާ އުފުލައި ކޯޓުން މައްސަލަ ބަލައިގެންފައިވާއިރު އެމައްސަލަ ތަހުގީގު ކުރުމަށްފަހު ފުލުހުން ޕީޖީއަށް ހުށަހަޅާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.
އެމައްސަލަ ބަލަން އަދި ބެންޗެއް ކަނޑައަޅާފައި ނުވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.
މި ދައުވާގެ އިތުރުން، ޓެރަރިޒަމްގެ ދައުވާ އަދީބުގެ މައްޗަށް ވަނީ އުފުލާފައެވެ. ޓެރަރިޒަމްގެ ދައުވާ އަދީބުގެ މައްޗަށް އުފުލުމަށް ދައުލަތުން ނިންމާފައިވަނީ  އަދީބުގެ އެޕާޓްމެންޓެއްގައި ފިސްތޯލަ ގެންގުޅުނު ކަމަށް ތުހުމަތުކޮށްފައެވެ. މި މައްސަލަ މިހާރު ވަނީ ކްރިމިނަލް ކޯޓުން ބަލައިގެންފައެވެ.
ފިސްތޯލައެއް ގެންގެޅުނު މައްސަލާގައި އަދީބުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރުމަށް ކުރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ