އައިސްކްރީމް ބައިސްކަލް ހުއްޓުވުމުގެ ބާރު މާލޭ ސިޓީ ކައުންސިލަށް ލިބިގެންނުވާ ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ބައިސްކަލެއްގައި މާލޭގެ މަގުތަކުގައި އައިސްކްރީމް ވިއްކަމުންދަނިކޮށް، އެ މަސައްކަތް ހުއްޓުވި މައްސަލާގައި ސިޓީ ކައުންސިލްގެ މައްޗަށް ގއ. ކޮލަމާފުށީ އަރުތަ ހަބީބު ޒާހިރު ކުރި ދައުވާގައި ބުނެފައި ވަނީ އައިކްސްރީމް ބައިސްކަލްގެ ވިޔަފާރި ހުއްޓުވުމުގެ ސަބަބުން އޭނާ އަށް ލިބުނު ގެއްލުމުގެ ބަދަލު ކޯޓް މެދުވެރިކޮށް ހޯދަން ބޭނުންވާ ކަމަށެވެ. އަދި އައިސްކްރީމް ބައިސްކަލުގެ ވިޔަފާރި ސިޓީ ކައުންސިލުން ހުއްޓުވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައި ދިނުމަށް ވެސް ހަބީބު ޒާހިރުގެ ދައުވާގައިވެ އެވެ.
ގާޒީ މަރިޔަމް ނިހާޔަތު އިއްވެވި ހުކުމްގައި ބުނެފައި ވަނީ އައިސްކްރީމް ބައިސްކަލުގެ ވިޔަފާރި ހުއްޓުވީ ކޮން ގާނޫނަކުން ކަމެއް ސިޓީ ކައުންސިލަށް ޝަރިއަތުގައި ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.
އައިސްކްރީމް ހެދުމަށް ބޭނުންވާ ތަކެތި ރާއްޖެ އިން ބޭރުން ރާއްޖެ އަށް އެތެރެކޮށް، އެ ވިއްކުމަށް ހާއްސަކޮށްގައިވާ ބައިސްކަލެއްގައި މާލޭގެ މަގުތަކުގައި އައިސްކްރީމް ވިއްކުމަކީ ގާނޫނު އަސާސީގެ 16،19 އަދި 37 ވަނަ މާއްދާ އިން މަނާކެއް ނޫން ކަމަށް ހުކުމްގައިވެ އެވެ. އަދި އެ މާއްދާތަކުގެ އަލީގައި އެ ވިޔަފާރި އެގޮތަށް ކުރުމަކީ އިސްލާމީ ޝަރީއަތުގައި ނުވަތަ ގާނޫނެއްގައި މާނަކޮށްފައިވާ ކަމެއްކަމުގައި ނުވާ ނަމަ، އެ މަސައްކަތަކީ އެކަންކުރުމުގެ ހައްގު ދައުވާކުރާ ފަރާތަށް ލިބިގެންވާ ކަމެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށެވެ.
"ބައިސްކަލެއްގައި މާލޭގެ މަގުތަކުގައި އައިސްކްރީމް ވިއްކުމުގެ މަސައްކަތް ހުއްޓުވުމުގެ ބާރު މާލޭ ސިޓީ ކައުންސިލަށް ލިބިގެންނުވާ ކަމަށް ކަނޑައަޅައި، ދައުވާ ލިބޭ ފަރާތުން އެދިފައިވާ ބަދަލު ނަގައިދެވޭނެތަނެއް ނެތް ކަމަށް ހުކުމްކޮށްފީމެވެ."
މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ބައިސްކަލެއްގައި މާލޭގައި އައިސްކްރީމް ވިއްކަމުން ދަނިކޮށް ފުލުހުން ލައްވައި، މާލޭ ސިޓީ ކައުންސިލުން އެ މައްސައްކަތް ހުއްޓުވީ ޖުލައި 12، 2011 އެވެ.
އައިސްކްރީމް ބައިސްކަލް ހުއްޓުވުމުގެ ބާރު ސިޓީ ކައުންސިލަށް ލިބިގެން ނުވާ ކަމަށް ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ