އާ ގާނޫނުލް އުގޫބާތަށް އަމަލުކުރުން ފަސްކުރަން މަޖިލީހުން ފާސްކޮށްފައެއް ނެތް: މައުމޫން

ރާއްޖޭގެ ކޯޓުތަކުގައި މިހާރު ހިނގަމުންދާ މައްސަލަތަކުގައި ހުކުމްކުރެވެން ޖެހޭނީ އާ ގާނޫނުލް އުގޫބާތުގެ ދަށުން ކަމުގައި މަޝްހޫރު ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.
ވީނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މައުމޫން ހަމީދު ވިދާޅުވީ އާ ގާނޫނުލް އުގޫބާތަށް އަމަލު ކުރުން ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އާދީއްތަ ދުވަހު ފާސްކުރި އިސްލާހުގެ ސަބަބުން، މުޅި ގާނޫނުލް އުގޫބާތަށް އަމަލު ކުރުން ފަސްވެގެން ނުދާ ކަމުގަ އެވެ.
މައުމޫން ވިދާޅުވީ ކުރީގެ ގާނޫނުލް އުގޫބާތު 13 އޭޕްރީލް 2015 އިން ފެށިގެން މިހާރު ވަނީ އުވިފައި ކަމަށާއި އެ ތާރީހުން ފެށިގެން އާ ގާނޫނުލް އުގޫބާތު ހިނގަމުން ދާނެ ކަމަށެވެ.
މައުމޫން ވިދާޅުވީ މަޖިލީހުން ފާސްކޮށްފައިވަނީ ގާނޫނުލް އުގޫބާތަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލް ކަމަށާއި އެއިސްލާހުގައި ބުނެފައިވަނީ އެ ގާނޫނަށް އަމަލުކުރާނީ 16 ޖުލައި 2015 އިން ފެށިގެން ކަމަށެވެ. އެހެންކަމުން 16 ޖުލައިން ފެށިގެން އަމަލުކުރެވޭނީ ފާސްކުރެވުނު އިސްލާހުތަކަށް ކަމުގައި މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ ނިޔަތަކީ މުޅި ގާނޫނުލް އުގޫބާތަށް އަމަލުކުރުން ފަސްކުރުން ކަމުގައިވީ ނަމަވެސް ގާނޫނުލް އުގޫބާތަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލްގައި، ބަޔާންކޮށްފައިވަނީ މުޅި ގާނޫނުލް އުގޫބާތަށް އަމަލު ކުރުން ފަސްކުރުން ނޫން ކަމަށާއި އެހެން ކަމުން ކުރީގެ ގާނޫނުލް އުގޫބާތު އުވި 13 އޭޕްރީލް އިން ފެށިގެން ކޯޓުތަކުން ހުކުމް އިއްވުމުގައި އަމަލުކުރަން ޖެހޭނީވެސް އާ ގާނޫނުލް އުގޫބާތަށް ކަމަށެވެ.
"އެކަން ދައުލަތުގެ ވަކީލުން މިހާރު ހިނގަމުންދާ ޝަރީއަތްތަކުގައި ފާހަގަ ކުރަން ޖެހޭނެ. އާ ގާނޫނުލް އުގޫބާތުގެ ދަށުން ކުށުން ބަރީއަވުމުގައި ދައުވާ ލިބޭ ފަރާތްތަކަށް ލިބިދީފައިވާ ހައްގުތައްވެސް ހޯދައިދޭން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ރައީސް އަބްދުﷲ ޔާމިނަށް ބޮޑޮބޭބެ ވިދާޅުވާ މައުމޫން ވިދާޅުވި އެވެ.
ކުރީގެ ގާނޫނުލް އުގޫބާތުގެ ދަށުން ކުރެވިފައިވާ ދައުވާތަކުގެ ހުކުމްތައްވެސް މިހާރު ކުރެވެމުން ދާން ޖެހޭނީ އާ ގާނޫނުލް އުގޫބާތުގެ ދަށުން ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި މައުމޫން ވިދާޅުވި އެވެ.
އާދިއްތަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އާ ގާނޫނުލް އުގޫބާތަށް އަމަލުކުރުން ފަސްކުރުމަށް ފާސްކުރުމާއެކު އެރޭގެ ވަގުތެއްގައި ރައީސުޖުމްހޫރިއްޔާ ވަނީ އާ ގާނޫނުލް އުގޫބާތަށް އެއްވަނަ އިސްލާހް ގެނައުމުގެ ބިލް ތަސްދީގުކުރައްވާފަ އެވެ.
އާ ގާނޫނުލް އުގޫބާތަށް އަމަލުކުރުން ފަސްކުރުމަށް ސަރުކާރުން ނިންމާފައިވަނީ ހީލަތްތެރި ރޭވުމެއްގެ ދަށުން ކަމުގައި ސިޔާސީ ފަރާތްތަކުން ބުނެ އެވެ. އެހެން ނަމަވެސް އާ ގާނޫނުލް އުގޫބާތަށް އެއްވަނަ އިސްލާހުގެ ގެނައުމުގެ ބިލް ފާސްކުރި ނަމަވެސް އާ ގާނޫނުލް އުގޫބާތަށް އަމަލު ކުރުން ފަސްކުރެވޭނެ ކަމުގައި ދެކެވަޑައިނުގަންނަވާ ކަމުގައިވެސް މައުމޫން ހަމީދު މިއަދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ