އުމަރުގެ މައްޗަށް ދައުވާކުރާ މާއްދާ ބާތިލް ކުރަން އެދިއްޖެ

ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ދައުލަތުން އުފުލި ޖިނާއީ ދައުވާގައި ހަވާލާދީފައިވާ މައްދާ ބާތިލް ކުރުމަށް އުމަރުގެ ފަރާތުން ކޯޓުގައި އެދިވަޑައިގެންފި އެވެ.
އުމަރު ނަސީރުގެ މައްޗަށް ދައުވާ އުފުލާފައިވަނީ "އާންމު ގާނޫނުތަކުގެ އަށް ވަނަ މާއްދާގެ ދެވަނަ ނަންބަރާ ހަވާލާދީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ.
އުމަރުގެ މައްޗަށް ދައުލަތުން ކުރާ ދައުވާއާއި ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އޭނާގެ ވަކީލު އާދަމް އާސިފް ވިދާޅުވީ މިހާރު މިއޮތް ގާނޫނު އަސާސީގެ ދަށުން އެ ދައުވާ ނުކުރެވޭނެ ކަމަށެވެ. ހަވާލާދީފައިވާ ގާނޫނުގެ މާއްދާއާއި ގާނޫނު އަސާސީގެ 27 ވަނަ މާއްދާއާއި ފުށުއަރާތީ އެމާއްދާ އުވާލަ ދިނުމަށް ވެސް އުމަރުގެ ގާނޫނީ ވަކީލު ވަނީ އެދިވަޑައިގެންފަ އެވެ.
ދައުލަތުން އުމަރުގެ މައްޗަށް އެ ދައުވާކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއެއްގައި، ސިފައިންގެ މަރުކަޒަށް ވަނުމަށް ގޮވާލި މައްސަލައިގަ އެވެ.
އެމްއެމްއޭ ސަރަހައްދުގައި ގުރެ އުމަރު ގޮވާލައްވާފައި ވަނީ ސިފައިންގެ މަރުކަޒުގެ ބޭރުގައި ހަރުގަނޑު ލައްގައިގެން އެތަނަށް މީހުން ވަނުމަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި ރައީސް ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު އުމަރު ފުލުސް އޮފީހަށް ވެސް ހާޒިރުކުރި އެވެ. އަދި ފުލުހުން އުމަރު ހައްޔަރުކުރުމަށް ކޯޓު އަމުރެއް ހޯދަން މަސައްކަތްކުރި ނަމަވެސް ކްރިމިނަލް ކޯޓާއި ހައި ކޯޓުން ވެސް ވަނީ އެފަދަ އަމުރެއް ދެވެން ނެތް ކަމަށް ނިންމައިފަ އެވެ.
އަމުރަށް ނުކިޔަމަންތެރިވުމުގެ އަދަބަކަށް ގާނޫނުލް އުގޫބާތުގައި އޮންނަނީ ގިނަވެގެން 150ރ. އިން ޖޫރިމަނާ ކުރުން ނުވަތަ ހަ މަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން، އަރުވާލުން ނުވަތަ ގޭ ބަންދު ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ