މޫސުން ގޯސްވުމުން މިއަދު ކަނޑުމަތީ އެތައް ހާދިސާއެއް ހިނގާފައިވޭ: އެމްއެންޑީއެފް

މޫސުން ގޯސްވުމުން މިއަދު ކަނޑުމަތީ އެތައް ހާދިސާއެއް ހިނގާފައިވާކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން މީހުންގެ ފުރާނައަށް ނުރައްކާވާފަދަ ކަނޑުމަތީގެ ތަފާތު ގިނަ ހާދިސާތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަންނަނީ ހިނގަމުން ކަމަށެވެ. މިގޮތުން މިއަދު އިރުއޮއްސުނު ވަގުތު މާލެ ސަރަހައްދައް ވައިގަދަވެ، ކަނޑުގަދަވުމުގެ ސަބަބުން ތިލަފުށީ ނެރުމައްޗަށް ދޯންޏެއް ބަންޑުން ޖަހާލުމުގެ ހާދިސާއެއް ވަނީ ހިނގާފައި ކަމަށާއި މި ހާދިސާ ހިނގިއިރު އެ ދޯނީގައި ތިބި ފަސް މީހުން ކޯސްޓްގާޑުން ވަނީ ސަލާމަތްކޮށްފައި ކަމަށެވެ. އަދި މީގެއިތުރުން ތިލަފުށީ ފަޅުގައި އަޅާފައި އޮތް ތިން ދޯންޏެއްގެ ވައު ކަނޑައިގެންގޮސް ފަރުމައްޗަށް ލައްވުމުގެ ހާދިސާއެއްވެސް ވަނީ ހިނގާފައި ކަމަށާއި އަދި ކަނޑުގަދަވެ މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކަނޑުމަތީގެ ތަފާތު ހާދިސާތައް އަންނަނީ ހިނގަމުން ކަމަށްވެސް އެމްއެންޑީއެފުން ހާމަ ކުރެއެވެ.
އެމްއެންޑީއެފުން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން އެމްއެންޑީއެފް ކޯސްޓްގާޑުން އަންނީ ކަނޑުމަތީގެ ތަފާތު ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.
“މިދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށް ވެފައި މޫސުމާއި ބެހޭ އިދާރާއިން ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް އަންގާފައިވާތީވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރަން” އެމްއެންޑީއެފުން ބުނެފައި ވެ އެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ އެހެންކަމުން، ކަނޑުމަގުން ދަތުރުފަތުރު ކުރުމުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން އަދި އޮޑި ދޯނި ފަހަރުގެ ވެރިންނާއި ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރާ ކަމަށާއި އަދި ފަޅުތެރޭގައާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ޙަވާލުވެފައިވާ ފަރާތްތަކުންވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް ސަމާލުކަން ދިނުމަށްވެސް ދަންނަވާ ކަމަށެވެ. “ޚާއްޞަކޮށް ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ރޭނގަނޑުގެ ވަގުތުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއްފިޔަވައި އެހެނިހެން ދަތުރުތައް ނުކުރެއްވުމަށް އިލްތިމާސްކުރަމެވެ” އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން އިތުރަށް ބުނެފައިވަނީ ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ