ވޯލްޑް ކަޕަށް ކުޅުންތެރިން ދޫކުރާނެ އެންމެ ފަހުގެ ތާރީޚުތައް ކަނޑައަޅައި އިއުލާނުކޮށްފި

އަންނަ ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް މުބާރާތް ފެށުމުގެ ކުރިން، ގައުމީ ޓީމުތަކާ ކުޅުންތެރިން ގުޅެންޖެހޭ ތާރީޚުތައް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ރަސްމީކޮށް ކަނޑައަޅައި އިއުލާނުކޮށްފިއެވެ. މި ނިންމުމަކީ މުބާރާތުގެ ކުރިން ކުޅުންތެރިންނަށް އެކަށީގެންވާ ވަގުތު ދިނުމަށާއި ތައްޔާރީތައް ފުރިހަމަކުރުމަށް ނިންމި ނިންމުމެއް ކަމަށް ފީފާއިން ބުންޏެވެ. ފީފާއިން ހާމަކޮށްފައިވާ ގޮތުގައި، މި އަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ ކުޅުންތެރިންނަށް މަޖުބޫރު އަރާމުކުރުމުގެ ވަގުތާއި، ކްލަބްތަކުން ދޫކުރުމާއި، އަދި ތައްޔާރުވުމުގެ މުއްދަތު ފެށޭނީ މި މަހުގެ 25ގައެވެ. ނުވަތަ އެ ކުޅުންތެރިއަކު ނިސްބަތްވާ ކްލަބާއެކު ކުޅޭ އެންމެ ފަހު ރަސްމީ މެޗަށް ފަހު ދެން ޖެހިގެން އަންނަ ދުވަހުން ފެށިގެންނެވެ. މީގެ އިތުރުން، ބައްރުތަކުގެ ކްލަބް މުބާރާތްތަކުގެ ފައިނަލް މަރުހަލާގައި ވާދަކުރާ ކުޅުންތެރިންނަށް ޚާއްސަ އިސްތިސްނާއެއް ދިނުމަށް ފީފާއިން ވަނީ ނިންމާފައެވެ. އެގޮތުން، ފީފާގެ ހުއްދައާއެކު މިމަހުގެ 30 އާ ހަމައަށް އެފަދަ ކުޅުންތެރިން ކްލަބްތަކުގައި މަޑުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ތާރީޚުތައް ކަނޑައެޅުމުގެ މައިގަނޑު މަގްސަދަކީ ކުޅުންތެރިންގެ ސިއްހަތާއި ރައްކާތެރިކަމަށް އިސްކަންދީ، ބޮޑު މުބާރާތަކަށް ދާއިރު އެކަށީގެންވާ އަރާމާއި ތަމްރީނު ހޯދުމުގެ ފުރުސަތު ހުރިހާ ގައުމީ ޓީމުތަކަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުން ކަމަށް ފީފާއިން ބުނެއެެވެ. މި އަހަރު ބާއްވާ ވޯލްޑް ކަޕް މުބާރާތަކީ މީގެ ކުރިން ބޭއްވުނު މުބާރާތްތަކާއި ޚިލާފަށް މުޅީން ތަފާތު މުބާރާތަކަށް ވެގެންދާނެކަމަށް ގިނަ ބަޔަކު ދެކެއެވެ. އެންމެ ބޮޑު އެއް ސަބަބަކީ މުބާރާތުގައި 32 ޓީމުގެ ބަދަލުގައި 48 ޓީމުން ވާދަކުރުމެވެ. ވޯލްޑް ކަޕް މުބާރާތް ފަށާނީ އަންނަ ޖޫން މަހުގެ 11 ގައިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ