މެންބަރުން ނެރުމަށް އަންހެން އޮފިސަރުން ހަރަކާތްތެރި ނުވާ ގޮތް ހަދަނީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގެ ޗެމްބަރުން ނެރެންޖެހޭ ހާލަތުގައި އަންހެން ސެކިއުރިޓީ އޮފިސަރުން ހަރަކާތްތެރިވާ ނުޖެހޭ ގޮތަށް މަޖިލީހުގެ ގަވައިދަށް އިސްލާހު ހުށަހެޅުއްވުމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
މިފަދަ އިސްލާހެއް މަޖިލީހުގެ ގަވައިދަށް ހުށަހެޅުއްވުމަށް ރޮޒައިނާ ނިންމަވާފައި މިވަނީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް އިއްޔެ ބޭއްވި ޖަލްސާގައި އިދިކޮޅު ފިރިހެން މެންބަރުން މަޖިލީހުގެ ނިޒާމު ގެއްލުވާލި ވަގުތު އެ މެންބަރުން ޗެމްބަރުން ނެރުމަށް އަންހެން ސެކިއުރިޓީ އޮފިސަރުން ހަރަކާތްތެރިވުމާ ގުޅިގެން އެ އޮފިސަރުންނަށް ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.
ރޮޒައިނާ ވަނީ އަންހެން އޮފިސަރުންނަށް ސޯޝަލް މީޑިއާގައި ފުރައްސާރަކޮށް އަދި ފާޑުކިޔާތީ އެކަން ކުށްވެރިކުރައްވާފަ އެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އިދިކޮޅު ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ޗެމްބަރުން ނެރުމުގައި ހަރަކާތްތެރިވީ އަންހެން އޮފިސަރުންނެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އިދިކޮޅު ބައެއް މެންބަރުންގެ ނަން އިއްވުމުންވެސް އެ ބޭފުޅުން މަޖިލީހުގެ ޗެމްބަރުން ނިކުންނެވުމަށް ދެކޮޅު ހެއްދެވުމާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓެވުމާ އެންމެ އިސްކޮށް ހަވާލުވެވަޑައިގެން ހުންނަވާ ސާޖަންޓް އެޓް އާމްސްގެ ދަށުން މަސައްކަތް ކުރައްވާ ބޭފުޅުންނަށް އަންގަވައިގެން ބާރު ބޭނުންކޮށްގެން އިދިކޮޅު މެންބަރުން ޖަލްސާ އިން ނެރެފަ އެވެ.
ސާޖެންޓް އެޓް އާމްސްގެ މަގާމުގައި މިވަގުތު އެއްވެސް ބޭފުޅަކު ނެތުމާ ގުޅިގެން އިދިކޮޅު މެންބަރުން ނެރުމަށް އަންހެން އޮފިސަރުން ހަރަކާތްތެރިވީ ސީދާ ރައީސް ނަޝީދު އެ ބޭފުޅުންނާ މާދުރު ނޫން ހިސާބެއްގައި ހުންނަވައިގެން އިރުޝާދު ދެއްވަމުން ގެންދެވި ގޮތަށެވެ.
ރޮޒައިނާ އިތުރަށް ވިދާޅުވީ މަޖިލީހުގެ އަންހެން އޮފިސަަރުންނަށް އަމާޒުވާ ފާޑުކިޔުންތަކަކީ އެފަދަ ވަޒީފާތަކަށް ނިކުންނަން ބޭނުންވާ އަންހެން ބޭފުޅުންނަށްނަށް ކުރިމަތިވާ ގޮންޖެހުމަކަށް ވާނެ ކަމަށެވެ. އެހެންވެ އަންހެން އޮފިސަރުންނަށް ފާޑުކިޔުން ބަލައިނުގަނެވޭނެ ކަމުގައިވެސް ވިދާޅުވި އެެވެ.
ރޮޒައިނާ ވިދާޅުވީ މަޖިލީހުގައި އިއްޔެ ހިނގާދިޔަ ކަންކަމަށް ހައްލު ހޯދުމަށްޓަކައި މަޖިލީހުގެ ގަވައިދު އިސްލާހުކޮށް އަންހެން ސެކިއުރިޓީ އޮފިސަރުންނަށް ހިމާޔަތް ލިބޭނެ ގޮތަށް މަޖިލީހުގެ ގަވައިދަށް އިސްލާހުކުުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ