ބްލެކް ޕެންތާ ޖެހި ޖެހިގެން ހަތަރު ހަފުތާ އެއްވަނައިގައި

މާވެލް ސިނެމެޓިކް ޔުނިވާސް (އެމްސީޔޫ) އިން މިއަހަރު ނެރޭ އުފެއްދުންތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ "ބްލެކް ޕެންތާ : ވަކަންޑާ ފޮރެވާ" ބޮކްސް އޮފީހުގެ އެއްވަނައިގައި އޮންނަތާ ހަތަރު ހަފުތާ ވެއްޖެއެވެ. މިދިޔަ މަހުގެ 15 ގައި ދައްކަން ފެށި ބްލެކް ޕެންތާގެ ދެވަނަ ފިލްމު ވަނީ މިހާތަނަށް ނެރުނު އެންމެ ބޮޑު އޯޕެނިންގެ ރެކޯޑުތަކުގައި ހިމެނިފައެވެ. އެގޮތުން މިހާތަނަށް އެމެރިކާގައި އެންމެ ބޮޑު އޯޕެނިންތައް ހިމެނޭ ފިލްމުތަކުގެ ލިސްޓުގެ ނުވަ ވަނައިގައި އެ ފިލްމު ހިމެނެއެވެ. އަދި ހަފުތާއަކަށް ފަހު ހަފުތާއެއް އެ ފިލްމު ވަނީ ބޮޑު އާމްދަނީއެއް ހޯދާފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފާއިތުވި ހަތަރު ހަފުތާގައި ބޮކްސް އޮފީހުގެ އެއްވަނައިގައި އޮތީ ވަކަންޑާ ފޮރެވާއެވެ. ރާޔަން ކޫގްލާ ޑައިރެކްޓްކުރި މި ފިލްމަށް ވަނީ 733 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ. އޭގެތެރޭގައި އެމެރިކާއިން ބޭރުން ލިބިފައިވަނީ 339 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ. އެ ފިލްމުގެ އާމްދަނީ އެއް ބިލިއަން ޑޮލަރާ ގާތް ކުރަން ދާއިރު މިއީ ޑިޒްނީގެ ބޮޑެތި ޕްރޮޖެކްޓުތަކަށް މި ފަހަކަށް އައިސް ދަށް އަދަދެކެވެ. އޭގެތެރޭގައި އެންމެ ބޮޑު އެއް ސަބަބަކީ ކޮވިޑަށް ފަހު ސިނަމާތަކަށް ދާ މީހުންގެ އަދަދު އަދިވެސް ކުރިއަށް ވުރެ މަދުކަމެވެ. ކުރިއަށް އޮތް ހަފުތާގައި އަދި ބޮޑު އާ ފިލްމެއް ރިލީޒް ކުރުމަށް ހަމަޖެހިފައެއް ނުވެއެވެ. އެހެންވީމާ އަންނަ ހަފުތާ ވެސް ބޮކްސް އޮފީހުގެ އެއްވަނައިގައި އޮންނާނީ ވަކަންޑާ ފޮރެވާއެވެ. ބްލެކް ޕެންތާގެ އާ ފިލްމުން ލީޑް ރޯލުން ފެންނާނީ އެންޖެލާ ބެސެޓް އާއި ލެޓީޝާ ރައިޓް އާއި ޓެނޯކް ހުއެރުތާ އާއި ޑޮމިނީކް ތޯން އަދި ޑެނިއެލް ކަލޫޔާއެވެ. މި ފިލްމަކީ ބްލެކް ޕެެންތާގެ ރޯލުން ފެނިގެން ގޮސްފައިވާ ޗެޑްވިކް ބޯސްމަން އަށް ޓްރިބިއުޓް ފިލްމެއްގެ ގޮތުގައި ނެރުނު ފިލްމެކެވެ. ކެންސަރު ބައްޔާ ހަނގުރާމަކުރަމުން ދިޔަ ޗެޑްވިކް ވަނީ 2020 ވަނަ އަހަރު މަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ