މަކުނުދޫ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި

މަކުނުދޫ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ. މި މަސައްކަތް ނިމިގެން މިހާރު ކުރިއަށްދަނީ ފަސްގަނޑު ޙިމާޔަތްކުރުމުގެ މަސައްކަތެވެ.
ހދ. މަކުނުދޫއަކީ އަތޮޅުގެ އެހެން ރަށްތަކާއި ވަކިން އޮންނަ ރަށެއްކަމުން އެރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީ އެރަށުގައި އެއަރޕޯޓެއް ތަރައްޤީވެގެން އައުމެވެ. ސިއްޙީ ކުއްލި ޙާލަތްތަކުގައި ސިއްޙީ ފަރުވާއަށް ބަލި މީހުން ގެންދިޔުމުގައި ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލައަކީ އެ ސަރަޙައްދުގެ ކަނޑުތައް ގަދަވުމެވެ. ރާއްޖޭގެ އެހެން ސަރަޙައްދުތަކުގެ ކަނޑުތައް މަޑުދުވަސްތަކުގައިވެސް މަކުނުދޫއަށް ގަދަވުމަކީ އެރަށު ރައްޔިތުންގެ ކަންބޮޑުވުން އޮތްކަމެކެވެ.
އެހެންކަމުން އެރަށުގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް ބިގް ފިޝް މޯލްޑިވްސްއާއި ޙަވާލުކޮށްގެން މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ތެރޭގައެވެ. މި މަސައްކަތް ހަވާލުކުރީ އަހަރެއް ތެރޭގައި ނިންމާގޮތަށެވެ. މި މަސައްކަތުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ނިމިދިޔަ މަހުގެ ތެރޭގައިވަނީ ނިންމާލާފައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މަކުނުދޫ ކައުންސިލުން ވިދާޅުވީ، މިހާރު ކުރިއަށްދަނީ ހިއްކާފައިވާ ސަރަހައްދުގައި ޖިއޯ ބޭގް ޖެހުމުގެ މަސައްކަތްކަމަށެވެ. އަދި މިސަރަޙައްދުގައި ޖެހުމަށް ހަމަޖެހިފައިވާ ބޮޑުހިލައިގެ ޝިޕްމަންޓް އަންނާނެކަމަށް ކޮންޓްރެކްޓަރާއި ހަވާލާދެއްވާ ކައުންސިލުން ވިދާޅުވެއެވެ.
މަކުނުދޫ އެއަރޕޯޓް ތަރައްޤިކުރުމަށް ހަމަޖެހިފައިއޮތީ 1500 މީޓަރުގެ ރަންވޭއަކާއެކުނަމަވެސް ރަށުގެ ރައްޔިތުންގެ އެދުމާއެކު ރަންވޭ އިތުރަށް ބޮޑުކުރައްވާ 1800 މީޓަރުގެ ރަންވޭއެއް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ މިދިޔަ އަހަރު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވިދާޅުވެފައެވެ.
މަކުނުދޫ އެއަރޕޯޓު ތަރައްޤީކުރުމަށް 43.12 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. އަދި ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް 3493 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމަށްވެސްވަނީ ހަމަޖެހިފައެވެ. ބިގް ފިޝް މޯލްޑިވްސްއާއި މިމަސައްކަތް ޙަވާލުކޮށްފައިވަނީ 16 މިލިޔަން ޑޮލަރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ