ހަގު އަންތބަށް ދޮށީ އަނބި ދިން އަގުހުރި ފިލާވަޅު- ސިއްރުން ދެއަންތބަށް ކައިވެނިކުރާއިރު ކޮންމެ އަންހެނަކުވެސް ވިސްނާލުން މުހިންމު ފިލާވަޅެއް!

އަހުރެންގެ އެކުވެރި ދެމަފިރިއަކަށް ދިމާވި ކަމެއްގެ ވާހަކަ ކިޔައިދޭނަމެވެ. 
އެދެމަފިރިންނަކީ ވަރަށް ލޯބިން އެކުގައި އެކުގައި އުލެމުންދިއަ ދެމަފިރިންނެވެ. ވަކިހިސާބަކުން އަނބިމީހާއަށް ސިއްރުން ދެވަނަ ކައިވެނިކުރީއެވެ. އެއިރު ދެމަފިރިންގެ 2 ދަރިން ތިއްބެވެ. އެހެންވެ އަނބިމީހާ ޤަޞްދުކުރީ 2 ދަރިންނަށްޓަކައި ފިރިމީހާ އާއިއެކު ކެތްތެރިވެލާށެވެ. 
އެހެންވެ އެއްވެސް ޝަކުވާއެއް ނުކުރެއެވެ. ތިމާގެ ކުށަކީ ކޮބައިތޯ ނުވަތަ އުނިވީ ކޮންކަމެއްތޯވެސް ސުވާލެއް ނުކުރެއެވެ. އެއީ ސުވާލުކޮށްފިނަމަ މައްސަލައަކަށް ހަދައި ވަރިކޮށްލައިފިނަމަ ދަރިންނަށް ބައްޕަގެ ލޯބި ގެއްލޭނެތީއެވެ. އެހެންވެ އޭނާ ނިންމީ ކެތްތެރިވެލައިގެން އިނުމަށެވެ. 
އެހެން އިންނަތާ 2 ވަނަ އަހަރު 2 ވަނަ އަނބިމީހާ ދޮށީއަންތބަށް ގުޅިއެވެ. ރޮމުން ދެއްކީ ފިރިމީހާގެ ނުބައި ވާހަކަތަކެވެ. ބަލިވެ އިނުމުން އަޅައިނުލާ ވާހަކައާއި އިތުރު އަންހެނެއްގެ ގާތަށް ފިރިމީހާ ދާ ވާހަކައެވެ. އަދި އެކަން ހުއްޓުވަން އެހީތެރިވެދިނުމަށް އެދޭވާހަކައެވެ. 
ދޮށީ އަނބިމީހާ ދިން ޖަވާބު އެނގޭހެއްޔެވެ؟ "ތިބާ ކައިވެނިކުރިއިރު ދޮށީ އަންބަކާއި 2 ދަރިން ތިބިކަން އެނގޭ ނޫން ހެއްޔެވެ؟ އެކަމަށް ވިސްނައިލިން ހެއްޔެވެ؟ ކައިވެނިކުރިފަހުން މަހަކު އެއްރޭވެސް އަހުރެންގެ ގާތަށް ނިދަން ނުއަންނަކަމާއި ނިދީ ތިބާގެ ގާތުގައިކަންވެސް އެނގޭ ނޫންހެއްޔެވެ؟ އަހުރެން އެކަމުގެ ޝަކުވާ ތިބާއަށް ނުކުރިތަނުގައި ފިރިމީހާއަކަށްވެސް ނުކުރަމެވެ. ވީމާ އަހުރެންގެ ނަޞޭޙަތަކީ އަހުރެން ފަދައިން ތިބާވެސް ކެތްތެރިވެލުމެވެ. ތިބާ އާއި ކައިވެނިކުރިފަހުން އަހުރެން މިއިންނަނީ ފިރިމީހާގެ ލޯބިން މަޙްރޫމްވެގެންނެވެ. ވީމާ 4 އަނބިން ހަމަކުރިޔަސް އަހުރެންނަށް އުނިވާނެ ނުވަތަ ގެއްލޭނެ އެއްވެސް ކަމެއް ނެތެވެ." 
ދެވަނަ އަނބިމީހާއަށް ހޭލުންތެރިކަން ލިބުނީ އެހިސާބުންނެވެ. ހޭލުންތެރިކަން ލިބުނަސް ކުރާނެ ފައިދާއެއް ނެތެވެ. ވަޤުތު ފާއިތުވެއްޖެއެވެ. ކުރެވުނު ކުށް ވިސްނުނެވެ. ކުށް ވިސްނުނަސް ކުރާނެ ފައިދާއެއް ނެތެވެ. ތެޅި ފޮޅުނަސް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އެހެންކަމުން އެންމެފަހުން ނިންމީ ވިހައި ގަދަވުމުން ވަރިވާށެވެ. އަދި އެގޮތަށް އޭނާ ކަންތައް ކުރިއެވެ. 
މިވާހަކަ މިކިޔައިދިނީ ސއްރުން ކުރާ ކައިވެނިތައް ގިނަވެ އަދި ދިރިއުޅުމުގައި ދެރަ ގޮތްތައް މެދުވެރިވާ އަންހެނުން ގިނަވަމުން އަންނަތީއެވެ. ޢިބްރަތް ޙާޞިލުކޮށް ދިރިއުޅުމާއިމެދު ތަންކޮޅެއް ބޮޑަށް ވިސްނައިލާނެ ކަމުގެ އުންމީދުގައެވެ. ޚާއްޞަކޮށް ސިއްރުން 2 އަންތބަށް ކައިވެނިކުރާއިރު ފަހުން ނުކުމެދާނެ މައްސަލަތަކަށް ވިސްނާލަން ނަޞީޙަތް ދިނުމުގެ ގޮތުންނެވެ.
 
- މިއަދުނޫހުގެ ކިޔުންތެރިއެއް 
- ޢިބްރަތްތެރި ވާހަކަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ