ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު މިސްރާބު ޖަހާފައިވަނީ ރައްކާތެރި، ހަމަޖެހޭ ރާއްޖެއަކާ ދިމާއަށް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ ފާއިތުވި ތިން އަހަރު ފުލުހުންގެ މުއައްސަސާއަށް ހުށަހެޅި ތަފާތު މައްސަލަތަކުގެ ރިކޯޑް ހިމެނޭ ގްރާފެއް ޓްވިޓާގައި ހިއްސާކުރައްވަމުންނެވެ. އެ ގްރާފުގައި ފާއިތުވެދިޔަ ތިން އަހަރު ކުށުގެ ގޮތުގައި ފުލުހުންނަށް ހުށަހެޅުނު އެކި މައްސަލަތަކުގެ ޖުމްލަ އަދަދު ހާމަކޮށްފައިވެއެވެ.
އެގޮތުން 2014 ވަނަ އަހަރާ އަޅާބަލާއިރު 2015 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދުވެފައިވާކަން ފާހަގަކުރެވެ އެވެ. 2013 ވަނަ އަހަރު ފުލުހުންގެ އިދާރާއަށް ވައްކަމުގެ ގޮތުގައި 6682 މައްސަލަ ހުށަހަޅާފައިވާއިރު 2014 ވަނަ އަހަރުގެ އަދަދު ވަނީ 5081 އަށް ދަށްވެފަ އެވެ. އަދި ނިމުނު 2015 ވަނަ އަހަރު އެއަދަދު ވަނީ 3990 އަށް ދަށް ވެފައެވެ.
ފާއިތުވި ތިން އަހަރު ދެވަނަ އަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ މާރާމާރީގެ މައްސަލަތަކެވެ. މާރާމާރީގެ މައްސަލަތަކުގެ ގޮތުގައި 2013 ވަނަ އަހަރު ފުލުހުންނަށް ރިޕޯޓުކުރީ، 1287 މައްސަލަ އެވެ. 2014 ވަނަ އަހަރު އެއަދަދު 1060 އަށް ތިރިވެފައިވާއިރު 2015 ވަނަ އަހަރު ފުލުހަށް ހުށަހަޅާފައިވަނީ 935 މާރާމާރީގެ މައްސަލަ އެވެ. މިއީ 2014 ވަނަ އަހަރާ އަޅާބަލާއިރު 13 ޕަސެންޓް ދަށް ވުމެކެވެ.
ފޭރުމުގެ މައްސަލަތަކަށް ބަލާއިރުވެސް އެ ކުރީ ދެ އަހަރާ އަޅާބަލާއިރު މިއަހަރު ވަނީ ވަރަށް ބޮޑުތަން ދަށްވެފަ އެވެ. އެގޮތުން 2014 ވަނަ އަހަރާއި އަޅާ ބަލާއިރު ފޭރުމުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރި އަދަދުވެސް ވަނީ 13 ޕަސެންޓަށް ދަށް ވެފައެވެ.
ސަރުކާރުގެ މިސްރާބު ހުރީ އަމާން ރާއްޖެއަކާ ދިމާއަށް: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ