ތައުލީމީ ދާއިރާގައި ދިވެހި މުވައްޒަފުން ނުލިބޭ ދާއިރާތަކަށް ބިދޭސީން ގެނައުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް މިނިސްޓްރީ އޮފް ހަޔަ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން އާންމުކޮށްފިއެވެ.
ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރި މި އުސޫލުގެ މައިގަނޑު މަގުސަދަކީ ބިދޭސީ މުވައްޒަފުންގެ ފެންވަރު ކަށަވަރުކޮށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ތައުލީމީ ދާއިރާއަށް ބޭނުންވާ މުވައްޒަފުން ހޯދުމެވެ.
އުސޫލުގައިވާ ގޮތުން، ބިދޭސީ މުވައްޒަފުން ރެކްރޫޓުކުރުމުގެ މަސައްކަތްތައް ބެލެހެއްޓުމަށްޓަކައި އެއް މަސްދުވަހުގެ ތެރޭގައި ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެއް އުފައްދަން ޖެހެއެވެ. މި ކޮމެޓީއަށް މެންބަރުން އައްޔަނުކުރައްވާނީ ހަޔާ އެޑިޔުކޭޝަން މިނިސްޓަރެވެ.
މި ކޮމެޓީގައި ސްކޫލުތަކުގެ ޕްރިންސިޕަލުންގެ ތެރެއިން ދެ މެންބަރުންނާއި، މިނިސްޓްރީ ނުވަތަ އެ މިނިސްޓްރީގެ ޑިޕާޓްމަންޓުތަކުގެ މުވައްޒަފުންގެ ތެރެއިން ރޭންކް އަށަކުން މަތީގެ ތިން މެންބަރުން ހިމެނެއެވެ.
ނަމަވެސް، ވަޒީފާތަކަށް މުވައްޒަފުން ހަމަޖެއްސުމުގައި ސީދާގޮތުން މަސައްކަތްކުރާ ޑިޕާޓްމަންޓް ނުވަތަ ސެކްޝަންތަކުގެ މުވައްޒަފުންނާއި، ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތަކުގެ ހިއްސާދާރުން ނުވަތަ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކަށް މި ކޮމެޓީގައި ނުތިބެވޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން ބިދޭސީ މުވައްޒަފުން ގެންނަން ޖެހޭނީ އެޖެންސީއެއް މެދުވެރިކޮށްގެންނެވެ. އެހެންނަމަވެސް، އެޖެންސީއެއް މެދުވެރިކޮށް މުވައްޒަފުން ނުގެނެވޭ ހާލަތްތަކުގައި، ކޮމެޓީން ނިންމާ ގޮތެއްގެ މަތިން ސީދާ މިނިސްޓްރީއަށް ވެސް މުވައްޒަފުން ގެނައުމުގެ އިހްތިޔާރު އޮވެއެވެ.
މީގެ އިތުރުން، މި އުސޫލުގެ ދަށުން ބިދޭސީން ވަޒީފާއަށް ހޯދުމަށް ނުވަތަ ހަމަޖެއްސުމަށް އެއްވެސް ފަރާތަކުން ފީއެއް ނެގުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މި އުސޫލުގައި ކޮމެޓީގެ މަސްއޫލިއްޔަތުތަކާއި، އެޖެންސީތަކުގެ ޝަރުތުތަކުގެ އިތުރުން މުވައްޒަފުން ހޮވާނެ ގޮތުގެ ތަފްސީލުތައް ވެސް ވަނީ ހިމަނާފައެވެ.
ދިވެހި ޓީޗަރުން ލިބުން ދަތި މާއްދާތަކަށް ބިދޭސީން ގެންނާނެ ގޮތުގެ އުސޫލެއް އާންމުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ