މޭ މަހަށްވުރެ ޖޫން މަހުގެ ތެރޭގައި ބޯހިޔާވަހިކަމާއި ފެނާއި ކަރަންޓުގެ އަގު ދަށް: ސްޓެޓިސްޓިކްސް ބިއުރޯ

ނިމިިދިޔަ މޭ މަހާއި އަޅާ ބަލާއިރު ޖޫން މަހުގެ ތެރޭގައި ރާއްޖޭގައި ބޯހިޔާވަހިކަމާއި ފެން އަދި ކަރަންޓުގެ ހިދުމަތް ލިބިގަތުމުގެ އަގު ދަށަށް ގޮސްފައިވާކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ބުނެފިއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އެންމެ ފަހުން އާންމުކޮށްފައިވާ ރާއްޖެ ބާޒާރުގައި ލިބެންހުރި މުދަލާއި ހިދުމަތްތަކުގެ އަގާއި ގުޅުންހުރި ރިޕޯޓުގައިވާގޮތުން މޭ މަހަށްވުރެ މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ބޯހިޔާވަހިކަމާއި ކަރަންޓު އަދި ފެނުގެ އަގު 0.53 އިންސައްތައިން ދަށްވެފައިވާކަމަށެވެ.
މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ކަރަންޓުގެ ހިދުމަތުން ޔުނިޓެއްގެ އަގު 3.18 އިންސައްތައިން ދަށްކޮށްފައިވުމެވެ.
މަހުގެ އަގުވެސް 1.2 އިންސައްތައިން މި މުއްދަތުގައި ދަށްވެފައިވާކަމަށް ބުނެފައިވެއެވެ. މައިގަނޑު ސަބަބަކީ ކަންނެލީގެ އަގު 7.42 އިންސައްތައިން ދަށްވުމުގެ އިތުރުން ހިއްކާފައިވާ މަހުގެ އަގު 2 އިންސައްތައިން ދަށްވުމެވެ. ނަމަވެސް ފަރުމަހުގެ އަގު 1.08 އިންސައްތައިން އިތުރުވެ ދަޅުމަހުގެ އަގު 0.56 އިންސައްތައިން އިތުރުވެފައިވާކަން ފެނިގެންދާކަމަށް މައުލޫމާތު ދީފައިވެއެވެ.
ކާޕެޓާއި ގޭތެރޭގައި ބޭނުންކުރާ ސާމާނުގެ އަގު 0.68 އިންސައްތައިން ދަށްވެފައިވާއިރު މައިގަނޑު ސަބަބަކީ އެއަރކޮންޑިޝަން ވިއްކާ އަގު 3.92 އިންސައްތައިން ދަށްވެފައިވުންކަމަށް ބުނެފައިވެއެވެ. މާ ބޮޑު ބަދަލެއް ނެތްނަމަވެސް ސިއްހީ ދާއިރާއިންވެސް 0.01 އިންސައްތައިން އަގުތައް ދަށްވެފައިވާކަމަށް ބުނެފައިވެއެވެ. މައިގަނޑު ސަބަބަކީ ބޭހާއި ވެކްސީން އަދި އެހެނިހެން ބައެއް އެފަދަ އާލާތްތަކުގެ އަގު ދަށްވެފައިވުންކަން ފާހަގަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ