ލައިޕްޒިގު، ޖަރުމަނު (މެއި 28) - ފައިނަލުގައި ސްޕެއިނުގެ ރަޔޯ ވަޔެކާނޯ 1-0 އިން ބަލިކޮށް އިނގިރޭސި ކްލަބް، ކްރިސްޓަލް ޕެލަސް އިން ޔުއެފާ ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މިއީ، ޔޫރަޕްގައި ޕެލަސްގެ ފުރަތަމަ ތަށްޓެވެ. އަދި، ޕެލަސްގެ ކޯޗު ކަމާ އޮލިވާ ގްލާސްނާ ހަވާލުވެހުރެ، 13 ވަރަކަށް މަސް ތެރޭ ހޯދި ތިން ވަނަ ކާމިޔާބެވެ.
މިދިޔަ ސީޒަނުގެ އިނގިރޭސި އެފްއޭ ކަޕްގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީ ބަލިކޮށް ހޯދި ޕެލަސް އިން ވަނީ މި ސީޒަން ފެށުމުގެ ކުރިން ލިވަޕޫލް ބަލިކޮށް، އިނގިރޭސި އެފްއޭގެ ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފަ އެވެ. ކޮންފަރެންސް ލީގުގެ ފައިނަލަކީ ގްލާސްނާ، ޕެލަސް އަށް ކޯޗުކޮށްދިން ފަހު މެޗެވެ.
ޔޫރަޕްގެ ފުޓްބޯޅައިގެ ތިން ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، ކޮންފަރެންސް ލީގު ފެށީ މީގެ ފަސް އަހަރު ކުރިންނެވެ. މުބާރާތުގައި އެންމެ ކާމިޔާބީ އިނގިރޭސި ޓީމުތަކެވެ. އެ ގޮތުން، އިނގިރޭސި ތިން ޓީމަކުން ވަނީ މި މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެއީ، އެންމެ ފުރަތަމަ ވެސްޓް ހޭމް ޔުނައިޓެޑްގެ އިތުރުން، މިދިޔަ އަހަރު ޗެލްސީ އެވެ.
މި ފަހަރުގެ ޔޫރަޕްގެ ކްލަބް މުބާރާތްތަކުގައި، އިނގިރޭސި ޓީމުތަކުގެ ކާމިޔާބު ބޮޑެވެ. ޖަރުމަނުގެ ފްރައިބާގް ބަލިކޮށް، އެސްޓަން ވިލާ އިން ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، ޕެލަސް އިން މި ވަނީ ރަޔޯ ވަޔެކާނޯ ބަލިކޮށް ކޮންފަރެންސް ލީގު ކާމިޔާބުކޮށްފަ އެވެ. އަދި، ހޮނިހިރު ދުވަހުގެރޭ، ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އާސެނަލާއި ޕީއެސްޖީން ބައްދަލުކުރާނެ އެވެ.
ލައިޕްޒިގު އެރީނާގައި ކުޅުނު ފައިނަލުގައި ޕެލަސް މޮޅުވި ގޯލު ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން، ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަ މިނިޓް ތެރޭ މި ލަނޑު ޖެހީ ފްރާންސްގެ ފޯވާޑް، ޖިއަން ފިލީޕް މަޓޭޓާ އެވެ. މިއީ، މެޗުގެ 51 ވަނަ މިނިޓްގައި، މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެޑަމް ވާޓަން ޖެހި ޝޮޓެއް ރަޔޯ ވަޔެކާނޯގެ ކީޕަރު، އަގަސްޓޯ ބަޓާލާ އަތުގައި ޖެހިފައި ރީބައުންސަށް ނުކުތް ވަގުތު މަޓޭޓާ ވަނީ ގޯލަށް ވައްދާލައިފަ އެވެ.
އޭގެ ފަހުން، ޕެލަސް އަށް ދެ ވަނަ ލަނޑެއް ޖަަހައިދޭން އޭރިއާބޭރުން ހިލޭ ޖެހުމަކުން ސްޕެއިނުގެ ތަރި، ޔެރެމީ ޕީނޯ ފޮނުވާލި ބޯޅަ ބޭރުވީ ދެ ދަނޑީގައި ޖެހިފަ އެވެ.
ޕެލަސްގެ ކީޕަރު، ޑީން ހެންޑަސަން ވަނީ، މެޗުގައި ރަޔޯ ލަނޑެއް ޖެހިޔަނުދީ ނިންމާލުމަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޕެލަސް އިން މި ވަނީ ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަމާ އެކު، އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުން ފުރުސަތު ހޯދައިފަ އެވެ.
ކްރިސްޓަލް ޕެލަސް އިން ކޮންފަރެންސް ލީގު ކާމިޔާބުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ