އެމްޑީޕީއަށް ކާމިޔާބު ހޯދަން މަދުވަނީ ނަޝީދު އިފެކްޓު: ފައްޔާޒު

އެމްޑީޕީއަށް ކާމިޔާބު ހޯދަން މަދުވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "އިފެކްޓު" ކަމަށާއި އެ ރޫހާއި ޖޯޝް އެމްޑީޕީ ތެރެއަށް ގެނެސްގެން ނޫނީ ކާމިޔާބު ނުވާނެ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ކުޅުދުުއްފުށި ސިޓީގައި މިރޭ ބޭއްވި ނަޝީދުގެ ޗެއާޕާސަން ކެމްޕޭން ޖަލްސާގައި ފައްޔާޒު މިރޭ ވިދާޅުވީ ނަޝީދުގެ އަރިހުގައި މިވަގުތު ކުރަމުންދާ ބަދަލުގެ ދަތުރު ފެށުނީ މީގެ ދެއަަހަރު ކުރިން ކަމަށެވެ.
އެއީ، މިދިޔަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެމްޑީޕީއަށް ގެއްލުމާއެކު ޕާޓީއަށް ގެންނަން ބޭނުންވާ ބަދަލުތަކާމެދު މަޝްވަރާކުރަން ކުޅުދުއްފުއްޓަށް ކުރެއްވި އެމްޑީޕީގެ ދަތުރެއްގެ ތެރެއިން ކަމަށް ވިދާޅުވި އެވެ. އެދުވަހު، ނަޝީދު އަބުރާ އެމްޑީޕީއަށް ގެނެސްދެއްވުމަށް އެރަށަށް ނިސްބަތްވާ އެމްޑީޕީގެ 50އެއްހާ މެމްބަރުން އެދިވަޑައިގެންނެވި ކަމަށް ފައްުޔާޒު ވިދާޅުވި އެވެ. މިއަދު އެކަން ހާސިލުވެފައިވާކަން ވެސް ފާހަގަކުރެއްވި އެވެ.
ބުނީ ކީކޭ؟ - 'ބޮޑު ބަދަލު'ގެ ނަމުގައި މިއަދު ގެންނަން މަސައްކަތްކުރަމުންދާ ބަދަލުތަކުގެ ވާހަކަ ދައްކަވާތާ ދެ އަހަރު ދުވަސްވެފައިވާ ކަމަށް ވެސް ފައްޔާޒު މިރޭ ވިދާޅުވި އެވެ. އެކަމަކު، އެ ވާހަކަ އަޑުއަހައި އެހީތެރިކަމުގެ އަތެއް ދިއްކޮށްލި ހަމައެކަނި ސިޔާސީ ލީޑަރަކީ ނަޝީދު ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"މިވާހަކަ އަޑުއަހާނެ އެހެން ސިޔާސީ ލީޑަރެއް ނުވި. އެ ވާހަކަ އަޑުއައްސަވާ އަޅުގަނޑާ އެއްކޮށް މި މަސައްކަތުގައި ކުރިއަށް ވަޑައިގަންނަަވަން އަޅުގަނޑަށް އަތެއް ދިއްކޮށްލެއްވީ ނަޝީދު. އެހެންވެގެން އަޅުގަނޑު ނަޝީދާއެކު މި މަސައްކަތުގައި މިއަދު މިހުރީ،" މިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިކޮނަމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ:
ބޮޑު ބަދަލުގެ ކެމްޕޭންގައި ދައްކަމުންދަނީ ގައުމަށް ގެންނަން ބޭނުންވާ ބޮޑު ބަދަލުތަކެއްގެ ވާހަކަ
އެ ބަދަލުތައް ގެންނަން ބޭނުންވަނީ ދަރިންގެ މުސްތަގުބޮލަށްޓަކައި އަދި ވެރިކަން ސޮއްސާލައިގެންދާ ކޮންމެ ފަހަރަކު މިޖެހޭ ހާލު ނުޖެހޭނެ ގޮތެއް ހޯދަން
އެމްޑީޕީގެ ޗެއާޕާސަން އަދި ވެރިކަން ހޯދާކަށް ނޫޅެން، އެ ކެމްޕޭންގައި އެމްޑީޕީގެ އެތެރެއަށް ގެންނަންޖެހޭ ބަދަލުތަކުގެ ވާހަކައެއް ވެސް ނުދައްކަން؛ ފައްޔާޒުގެ ޗެއާޕާސަންކަމުގައި ޕާޓީގެ އެތެރޭގެ ކަންކަން ހުންނާނީ ވަރަށް ވަރުގަދަކޮށް ކަން ފާހަގަކުރެއްވި
"ނަމަވެސް މަދުވާ ތަންކޮޅަކީ، އެބުނާ [ކުރީގެ] ރައީސް [މުހައްމަދު] ނަޝީދު އިފެކްޓު. އެ ރޫހެއް ނެތް. އަޅުގަނޑުމެން މިހާރު މިދާން އުޅޭތަނަށް ދެވޭނީ އެމްޑީޕީގެ އެ ރޫހު އަލުން ގެނެސްގެން. ސިޔާސީ ބުރަދަން ހުރި މީހަކު މިކަމާ ހަވާލުވެގެން. މި ގައުމު ބަދަލުކުރަން މިއަދު މިކުރާ މަސައްކަތުގައި އެ ސިޔާސީ ބުރަދަން ހުރި ބޭފުޅަކަށް ހުރީ ހަމަ ނަޝީދު،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ގެންނަންޖެހޭ ބޮޑު ބަދަލެއްގެ ވާހަކަ ހިފައިގެން އެ މަސައްކަތްކުރަން ނިކުމެތިބިއިރު، އެކަމަށްޓަކައި އެމްޑީޕީ ވަރުގަދަކޮށް އޮތުން ކޮންމެހެން ބޭނުންވާ ކަމަށެވެ. ނޫންނަމަ މިއަދުގެ ވެރިކަން ބަދަލު ނުކުރެވޭނެ ކަމަށާއި 2028ގައި އެމްޑީޕީން ކޮންމެ މީހަކު ނެރުނަސް ކާމިޔާބުވާނެ ކަމަށް ދެކޭ ދެކުމަކީ ވެސް ކުށްހީއެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ރާއްޖޭގައި އޮތީ ދެ ފިކުރެއް ކަމަށާއި އެއީ އަޅުވެތިކަމުގެ ފިކުރާއި މިނިވަން ކަމުގެ ފިކުރު ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަޅުވެތިކަމުގެ ފިކުރުގައި ތިބި މީހުން، އެ ފިކުރު ނައްތާލައި އެމީހުން ބަލިކުރެވޭނީ މުޅި އެމްޑީޕީ ގުޅި، ވަރުގަދަ ދިރުމަކާއެކު ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ