ސްރީލަންކާގެ ކޮލަމްބޯ ޕޯޓުން ރާއްޖެއަށް ކޮންޓޭނަރު ގެނައުމުގައި ދިމާވި ދަތިތައް އެއްކޮށް ހައްލުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.
އެމްޕީއެލް އިން މައުލޫމާތު ދޭ ގޮތުގައި، މިއަހަރުގެ ކުރީކޮޅުން ފެށިގެން މާލޭ ވިޔަފާރި ބަނދަރަށް މުދާ ބޭލުމުގައި ދަތިތަކެއް ކުރިމަތިވީ ރާއްޖެއަށް މުދާ ހިފައިގެން އަންނަ ބޯޓުފަހަރުގެ އަދަދު އިތުރުވުމާ ގުޅިގެންނެވެ. މީގެ އިތުރުން، ބައެއް ބޯޓުފަހަރުން ކުރިން ގެންނަ މިންވަރަށް ވުރެ ގިނައިން ކޮންޓޭނަރު ގެނައުމުގެ ސަބަބުން ބަނދަރުގައި މުދާ ބޭލުމަށް ހޭދަވާ ވަގުތު އިތުރުވެ، ޖާގައިގެ ދަތިކަން ކުރިމަތިވިއެވެ.
ނަމަވެސް، އެމްޕީއެލްގެ އޮޕަރޭޝަންސް ޓީމުތަކުން ކުރި މަސައްކަތުން، މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން ކޮލަމްބޯ ޕޯޓުގައި ނުގެނެވި ހުރި 4،000 އަށް ވުރެ ގިނަ ޓީއީޔޫ (ކޮންޓޭނަރު) މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ. އެ ކުންފުނިން ބުނީ މިހާރު ކޮލަމްބޯ އާއި މާލެއާ ދެމެދު މުދާ އުފުލާ ބޯޓުފަހަރު ދަތުރުކުރަމުން ދަނީ އާދައިގެ މަތިން ޝެޑިއުލާ އެއްގޮތަށް ކަމަށެވެ.
ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހަށް މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ނިންމާފައެވެ. މި ބޮޑު މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ޗައިނާގެ ”ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ“ (ސީއެޗްއީސީ) އާ ހަވާލުކޮށްފައިވާއިރު، ބަނދަރުގެ 100 މީޓަރުގެ ކީވޯލާއި ޕޭވިންގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.
އެމްޕީއެލްގެ އަމާޒަކީ ތިލަފުށީގައި މިވަގުތު ތަރައްގީކުރާ ސަރަހައްދުގެ މަސައްކަތް މިއަހަރުގެ އޮކްޓޫބަރު މަހަށް ނިންމައި، އެތަނުން ކަނޑުމަގުން މުދާ ކްލިއާކުރުމުގެ ހިދުމަތް ފެށުމެވެ. ތިލަފުށީގެ 20 ހެކްޓަރުގެ ބިމެއްގައި ކުރިއަށްދާ މި މަޝްރޫއު ނިމުމުން، މިހާރު އާގުބޯޓެއް ހުސްކުރަން ހޭދަވާ 5 ނުވަތަ 6 ދުވަހުގެ ބަދަލުގައި، އެ މަސައްކަތް 48 ގަޑިއިރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ކޮލަމްބޯ ޕޯޓުގައި ތާށިވި ކޮންޓޭނަރުތައް ރާއްޖެ ގެނެސް، މައްސަލަ ހައްލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ