އިސްލާމީ ރިވެތި އަޚުލާގުން މުޖްތަމަޢު ބިނާކުރާށެވެ!
އިންސާނުން ދިރިއުޅޭ ވެށްޓަކީ އޭނާގެ ވަށައިގެން އެކި ކަހަލަ ޝަހުވަތްތައް ލެއްވިފައިވާ މާޙައުލެކެވެ. އެ ކަންކަމަށް ލޯބިޖެހުމުގެ ސިފަ ވެސް ވަނީ އޭނާގެ ކިބައިގައި ލައްވައިފައެވެ. މުދަލަށް ލޯބިކުރުމާއި އަންނެނުންނަށް ލޯބިކުރުމާއި ރީތިކަމާއި މަޤާމާއި މަޝްހޫރުކަމަށް ލޯބިކުރުމެވެ. ﷲ سبحانه وتعالى ލެއްވި ކޮންމެ ކަމެއްގައި އިންސާނާއަށް މަންފާކުރާނެ ގޮތްތަކެއް ލައްވާފައި ވެއެވެ. އެ ގޮތުން ޝަހުވަތްތަކާ ދުރަށް ދިޔުމަށް މީހާ ކުރާ ކޮންމެ މަސައްކަތަކީ އޭނާގެ ތަޤުވާވެރިކަން އިތުރު ވުމަށް އޮތް ސަބަބެކެވެ. ތަޤުވާވެރިކަން އިތުރު ވާނަމަ އޭނާގެ ބޭރުފުށަށް އަޚުލާޤީ ރީތި ސިފައެއް ފެނިގެން އާދެއެވެ. މުދާ ފޮރުވުމަކައި ނުލާ ހޭދަކުރާ ނަމަ ދީލަތި މީހަކަށް ވެއެވެ. ޒިނޭ ނުކުރާ ނަމަ، އިއްފަތްތެރިއަކު ކަމުގައި ވެއެވެ. މީސްތަކުންގެ ތެރޭ އަޑުގަދަކޮށް ހަޅޭއްލަވައި މަވަންތަ ކަމުގެ ސިފަ އިސްނުކުރާ ނަމަ، އޭނާ އަކީ ވަރަޢަވެރި މީހަކު ކަމުގައި ވެއެވެ. މި ހުންނަނީ ހައްތާވެސް އިސްލާމީ ރިވެތި ސިފަތަކެވެ. އަދި ހަމައެހެންމެ ޝަހުވަތްތަކުގެ ވާހަކައަކީ ވެސް އަޚުލާޤާ ގުޅި ލާމެހިފައިވާ ވާހަކަ ތަކެކެވެ. އެ ގޮތުން ޝަހުވަތްތެރިކަމަށް އަރައިގަންނަ މީހާއަކީ، ބަދުއަޚްލާޤީ ސިފަތައް އޭނާގެ ކިބައިގައި އަށަގަނެފައިވާ މީހެކެވެ. އިސްލާމްދީނުގައި ކަންކަން ޙަރާމުކުރައްވައިފައި ވަނީ ފަހަރެއްގައި ވެސް އިންސާނާ ޙައްޤުތަކަކުން މަޙްރޫމުކުރުމަކަށް ނޫނެވެ. އެހެނަސް އެއީ އޭނާ ވަކި އަޚުލާޤެއްގެ މަތީ ތަންޒީމުކޮށް ތަރުތީބުކޮށް ތަރުބިއްޔަތު ކުރުމަށެވެ. އެހެންކަމުން ދުނިޔޭގެ ބިންމަތީ ޝަހުވަތެއް ކަމުގައި ލެއްވި ކޮންމެ ކަމެއްގެ ބަދަލުގައި، ﷲ سبحانه وتعالى އެ އިލާހުގެ އޯގާވަންތަކަމާއި ޙިކުމަތްވަންތަ ކަމުން، ހަމަ އެ ކަންކަން ޙަލާލު މަގުން ކުރެވޭނެ ހުރިހާ ދޮރެއް ހުޅުއްވައި ދެއްވިއެވެ. މަސްތުވާ ތަކެތި ޙަރާމުކުރައްވައި، ފައިދާ ހުރި ކާނާ ޙަލާލު ކުރެއްވެވިއެވެ. ގެއްލުން ބޮޑު ގޮތް ގޮތަށް މުދާ އިތުރު ކުރުން މަނާ ކުރެއްވިއެވެ. ރިބާ ޙަރާމުކުރައްވައި، ވިޔަފާރި ޙަލާލު ކުރެއްވިއެވެ. ޒިނޭ ޙަރާމުކުރައްވައި، ކާވެނި ޙަލާލު ކުރެއްވީ އޭގެ ޒަރިއްޔާއިން ދަރިން ދެއްވުމަށް ޓަކައެވެ. ރިވެތި އަޚުލާޤުން ދަރިން ޒީނަތްތެރި ކުރެވޭ ނަމަ، އުފެދޭނީ އަޚުލާޤު ރަނގަޅު ޢާއިލާތަކެކެވެ. އެފަދަ ޢާއިލާތަކުގެ މައްޗަށް އެކުލެވޭނީ އަމާން މުޖުތަމަޢެކެވެ. އިޖްތިމާޢީ އަމާންކަމަކީ އެއީއެވެ. މި އަމާންކަން އެންމެންނަށް ލިބޭނީ އިސްލާމީ ރިވެތި އަޚްލާޤުން މުޖްތަމަޢު ބިނާކޮށްގެންނެވެ. އެ ކަމަށް މަސައްކަތްކުރާ މީހެއް ކަމުގައި ތިބާ ވާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ