އީފާސް މެދުވެރިކޮށް ފޯމު ފުރާނަމަ އެކަށީގެންވާ ހައްލެއް ލިބިދާނެ ކަމަށާއި އެހެންނަމަވެސް މުޅި މައްސަލައަށް ހައްލެއް ލިބިގެންނުދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީން ސުވާލުކުރުމުން މެމްބަރު އިސްމާއިލް ވިދާޅުވީ އީފާސް މެދުވެރިކޮށް ޕާޓީތަކަށް ވަންނަގޮތް ހެދިކަމުގައި ވީނަމަވެސް ވައްކަން ކުރާ މީހުންނަށް އެދޮރު ބަންދެއް ނުކުރެވޭނެ ކަމަށެވެ. ޕާޓީ ތަކުގެ ބެލެނިވެރި ފަރާތަކީ އިލެކްޝަން ކޮމިޝަން ކަމަށް ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ ޕާޓީން ފޯމު ފުރަމުން ގެންދަވަނީ އީސީން އެދިފައިވާ އުސޫލުގެ ތެރެއިން ކަމަށެވެ.
މެމްބަރު ވިދާޅުވީ މިއަދުވެސް އީސީން ޑިޖިޓަލައިޒްކޮށް ފޯމު ފުރަން ނިންމުމުން އެގޮތަށް ޕީއެންސީން އަމަލު ކުރާނެ ކަމަށެވެ. އިސްމާއިލް ވިދާޅުވީ ޕީއެންސީގެ ޓާގެޓަކީ 2026 އައުމުގެ ކުރިއަށް ޕާޓީއަށް އެއްލައްކަ މެމްބަރުން ހަމަ ކުރުން ކަމަށެވެ. ޕީއެންސީގެ މުޅި ސަރުކާރާއި، ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ މެމްބަރުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެވެސް ވިސްނުންފުޅުހުރީ އެ އަމާޒަށް ކަމަށް މެމްބަރު ވިދާޅުވިއެވެ.
”އީފާސް މެދުވެރިކޮށް ފޯމު ފުރުމުގެ މައްސަލަ އޮތަސް އަޅުގަނޑުމެންގެ މަސައްކަތަކަށް ހުއްޓުމެއް ނާންނާނެ. އަޅުގަނޑުމެން މަސައްކަތް މިހާތަނަށް ކޮށްފައި ހުންނާނީ އިލެކްޝަން ކޮމިޝަނުގެ އުސޫލާއި، ގަވާއުދާ، ގާނޫނުގެ ތެރެއިން. އަޅުގަނޑުމެން އެއްވެސް ކަމެއް ކޮށްފައެއް ނުހުންނާނެ. މި ދަންނަވަނީ ވަރަށް ސާފުކޮށް“
މެމްބަރު އިސްމާއިލް ވިދާޅުވީ ރައްޔިތު މީހާ ގާތަށް ގޮސް އޭނާ އަތަށް ފޯމު ދީ، ނުވަތަ އޭނާގެ ގަބޫލުގައި ނޫން ގޮތަކަށް ފޯމު ފުރައިފައި ނުހުންނާނެ ކަމަށެވެ. މިއަދު ރާއްޖޭގައި އުފަންވެފައިވާ އެއްވެސް ޕާޓީއެއްގައި، އެޕާޓީއަކަށް އަންނަ މެމްބަރުންގެ ސައްހަކަން ކަށަވަރު ކުރެވޭނެ ކެޕޭސިޓީއެއް އެ ޕާޓީތަކުގައި ނެތް ކަމަށް އިސްމާއިލް ވިދާޅުވިއެވެ. އެ ކެޕޭސިޓީ ހަމައެކަނި ހުރީ އިލެކްޝަން ކޮމިޝަނުގައި އާއި ފުލުހުންގެ ހިދުމަތް ފަދަ ދެތިން މުވައްސަސާއެއްގައި ކަމަށް މެމްބަރު ވިދާޅުވިެއެވެ.
މެމްބަރު ވިދާޅުވީ ޕާޓީން ފޮނުވާ ފޯމުތައް ސައްހަ ނުވުމުން އެ ފޯމުތައް ރިޖެކްޓު ކުރާ ކަމަށެވެ. ޕީއެންސީއަށް 75،000 މެމްބަރުން އިތުރުކުރުމަށްޓަކައި ޕީއެންސީގެ މެމްބަރުން ތިއްބެވި 75 ދާއިރާއަށް ވަޑައިގެންފައިވާ ކަމަށާއި ކޮންމެ މެމްބަރަކު 350 ފޯމުފުރާ ގޮތަށް ހަމަ ޖައްސައިފައިވާނެ ކަމަށް ވިދާޅުވިއެވެ.
”ޕީއެންސީގެ ޓީމުތަކުން އެއްކަލަ ގެއަށް ދިޔައިމަ އެބަ ބުނޭ މިއޮތީއޭ ތިމަންނަ މަންމަ ކާޑު، ތިމަންނަ ދަރިވެސް ކާޑު މިއޮތީއޭ، ދަރިވެސް ވަންނާނެއޭ. ބުނީމަ އަޅުގަނޑުމެން އެހެންވެސް ހުންނާނެ ވައްދާފަ. މިސާލަކަށް ބައްޕަ އެބަދޭ ދަރިންގެ ކާޑު، ބައްޕަ އެބަދޭ އަންހެނުންގެ ކާޑު. މިކަހަލަ ގޮތަކަށް އެހެން ފުރަނީ. ޕާޓީން ފުރާ ބަޔަކީ އަބަދުވެސް އެތަނެއްގައި އިނދެގެން، އެމީހާ ކުރިމަތީގައި ފޯމުގައި އެގޮތަށް އޮތް ކަމުގައި ވީނަމަވެސް ރާއްޖޭގައި މީހަތަނަށް ޕާޓީތަކުން ފޯމު ފުރާފައި ވާގޮތަކީ، ޕާޓީން ފުރާ ބައި ޕާޓީ އޮފީހަށް އައިސް ފުރުން“
މެމްބަރު އިސްމާއިލް ވިދާޅުވީ މި މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކައަކީ ޢައިރުޒިންމާދާރު ވާހަކަ ކަމަށެވެ. މެމްބަރު ވިދާޅުވީ އީފާސް މެދުވެރިކޮށް ފޯމު ފުރާނަމަ ކޮންމެސް ވަރެއްގެ ހައްލެއް އެއަށް އަންނާނެ ކަމަށެވެ. އެހެންނަމަވެސް މުޅި މައްސަލަ ހައްލު ނުވާނެ ކަމަށް ވަނީ މެމްބަރު ވިދާޅުވެފައެވެ.
އީފާސް މެދުވެރިކޮށް ފޯމު ފުރައިގެން ޖުމްލަ ހައްލެއް ނުލިބޭނެ: މެމްބަރު އިސްމާއިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ