މީގެ 20 އަހަރު ކުރިން، 26 ޖޫން 2005 ވަނަ ދުވަހުގެ ރޭ 7:15ގައި ރާއްޖޭގެ ތާރީހުގެ ތެރެއަށް އެމްޑީޕީ ވަނެވެ. ސިޔާސީ ޕާޓީއެއްގެ ގޮތުން ހޯމް މިނިސްޓްރީގައި އެމްޑީޕީ ރަޖިސްޓްރީކުރި ވަގުތަކީ އެ އެވެ.
ރާއްޖޭގައި ރަޖިސްޓްރީކުރި ފުރަތަމަ ސިޔާސީ ޕާޓީއަށް މިއަދު 20 އަހަރު ވީ އެވެ. މިދިއަ 20 އަހަރުގެ ތެރޭގައި ދެގޮތެއް ނުވެ އަދި ހިނގަހިނގާ އޮތް ހަމައެކަނި ސިޔާސީ ޕާޓީއަކީ ވެސް އެމްޑީޕީ އެވެ. ދެ ދައުރެއްގައި ރާއްޖޭގެ ވެރިކަން ވެސް ކޮށްފި އެވެ.
އެމްޑީޕީއަކީ ސިޔާސީ ހަމަނުޖެހުންތަކުގެ ތެރެއިން ދިވެހިންނަށް ލިބުނު އުއްމީދެކެވެ. އެމްޑީޕީއާ މެދު ހިތްހަމަނުޖެހޭ ދިވެހިން އެ ޕާޓީ އެކި ގޮތްގޮތަށް ސިފަކުރި ނަމަވެސް ދިވެހިންނަށް މިހާރު ލިބިފައި މި އޮތް އަސާސީ މުހިންމު ހައްގުތައް އެމްޑީޕީއާ ނުލައި ފެނުން ދުރެވެ. ކުރީގެ ރަައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރާ ދެކޮޅަށް އޭރުގެ އިދިކޮޅު ހަރަކާތުން ރައްޔިތުންނަށް ވިއްކީ ހުދުމުހުތާރުވެރިކަމާ ދުރުވުމުގެ ވާހަކަތަކެވެ. މިނިވަންކަމުގެ ޝުރޫއުތަކެވެ. އަސާސީ ހައްގުތަކުގެ ފޮނިކަން ހޯދުމެވެ.
އެއީ ސިޔާސީ ހަމަނުޖެހުންތަކާ ހެދި މައުމޫންގެ އިސްލާހީ އެޖެންޑާގެ ތެރެއިން ލިބުނު ފުރުސަތެކެވެ. އެމްޑީޕީ އުފައްދަން 2001ގައި ހުށައެޅުމުން ސަރުކާރުން އެކަން ގެންދިޔައީ ރައްޔިތުންގެ މަޖިލިހަށެވެ. ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މަޖިލިހުން ނިންމީ ގާނޫނުއަސާސީ އޮތް ގޮތުން ސިޔާސީ ޕާޓީ ހިންގަން ފުރުސަތު ނުލިބޭ ކަމަށެވެ.
އެކަމަކު ހަމަ އެ ގާނޫނުއަސާސީގެ ދަށުން ވެސް ސިޔާސީ ޕާޓީ ރަޖިސްޓްރީކޮށް ހިންގޭނެކަމަށް، ހަތަރު އަހަރު ފަހުން، 2 ޖޫން 2005ގައި، ރައްޔިތުންގެ މަޖިލިހުން ނިންމީ ވެސް މައުމޫން ސަރުކާރުގެ ފުލް ކޮންޓްރޯލް އޮވެގެންނެވެ. ތަފާތަކަށް ވީ ސިޔާސީ ޕާޓީއަށް ފުރުސަތު ދިނުމުގެ ވަގުތު ޖެހިއްޖެކަން، ސިޔާސީ ހަމަނުޖެހުންތަކާ އެކު، މައުމޫނަށް ވިސްނިވަޑައިގަތުމެވެ.
އެމްޑީޕީ އުފެއްދުމަކީ ސަރުކާރާ ދެކޮޅު ހަރަކާތްތަކާއި ހިޔާލު ފާޅުކުރުމުގެ އެއްވުންތަކަށް ބާރު ލިބުނު ތާރީހީ ފިޔަވަޅެކެވެ. އެއީ އިންތިޒާމީ ގޮތެއްގައި ސިޔާސީ ކަންކަން ކުރިއަށް ގެންދިއުމުގެ ފެށުން ވެސް މެ އެވެ.
ތާރީހަށް ތެދުވެރި ކޮންމެ މީހަކަށް ވެސް މިއަދު ބުނެވެން އޮންނާނީ އެމްޑީޕީއަކީ ހައްގުތަކުގެ ޕާޓީ ކަމަށެވެ. ކިިތައްމެ އުނދަގޫ ވިޔަސް މަގުމަތީ ހަރަކާތްތައް ވެސް، ޖެހިލުމެއް ނެތި، އެ ޕާޓީން ކުރިއަށް ގެންދިޔަ އެވެ. އޭރަށް ބަލާ ނަމަ އެމްޑީޕީ އިސްކޮށް އޮވެ، އެވަރަށް ނުޖެއްސި ނަމަ މިހާރުގެ ގާނޫނުއަސާސީ ލިބުން ވެސް ދުރެވެ. އޭރު އެމްޑީޕީގެ ވިސްނުން ހުރީ ނަތީޖާއެއް ނުކުތުމުގެ ކުރިން ގޮތްދޫނުކުރުމެވެ. ގިނަ ފަހަރަށް ފެނުނީ އެ 'ބޯހަރުކަމެ'ވެ. އިސްލާމީ އެހެން އެއްވެސް ގައުމެއްގައި ރައްޔިތުންނަށް ލިބިފައި ނެތް ސިޔާސީ އަދި މަދަނީ ހައްގުތައް ދިވެހިންގެ ދިރިއުޅުމާ ގުޅުނީ އެމްޑީޕީން ދެއްކި ހިތްވަރާ ވެސް އެކުގަ އެވެ.
އެމްޑީޕީގެ މުޅި ފަލްސަފާއަކީ ހައްގުތަކާއި މިނިވަންކަމެވެ. ވެރިކަން ކުރަން ފުރުސަތު ލިބުނީ ވެސް އެ އަޑު އިއްވުމުގެ ތެރެއިން ދިވެހިންގެ ގިނަ ބައެއްގެ ހިތް އަތުލައިގެންނެވެ. އޭރު ވަރަށް ގިނަ ބަޔަކު އެމްޑީޕީއާ މެދު ބޮޑެތި އުއްމީދުތަކެއް ކުރި އެވެ.
އާ ގާނޫނުއަސާސީގެ ދަށުން 2008ގެ އިންތިހާބު ކާމިޔާބުކުރައްވައި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވެރިކަަމަށް ވަޑައިގަތުމަކީ ބޮޑު ކާމިޔާބީއެކެވެ. ޒުވާން ރައީސްގެ ވެރިކަމުގައި އޭގެ ކުރިން ދިވެހިންނަށް ނުފެންނަ ބޮޑެތި ބަދަލުތަކަކާ ދިމާއަށް ގައުމު ގެންދިޔަ އެވެ. ނަމަވެސް މައުމޫންގެ 30 އަހަރުގެ ވެރިކަމުގެ ބާރު ސިޔާސީ ދާއިރާގައި ވަރުގަދަ އެވެ. ރައްޔިތުންގެ މަޖިލިހުގެ މަޖޯރިޓީ ލިބުނީ މައުމޫންގެ ޕާޓީ ޑީއާރުޕީއަށެވެ. އެހެންކަމުން ނަޝީދު ވެރިކަން ކުރައްވަން ޖެހިވަޑައިގަތީ ވަރަށް ބޮޑެތި އުނދަގޫތަކެއްގެ ތެރޭގަ އެވެ.
ކޮންމެ ސިފައެއްގައި ނަމަވެސް ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއް ރަށުން ރަނެއް ރަށަށް ދަތުރުކުރާނެ ފެރީގެ ނިޒާމެއް ތައާރަފުކުރި އެވެ. ފުރަތަމަ ފަހަރަށް ޓެކްސް ނިޒާމެއްގެ ތެރެއަށް ދައުލަތުގެ ހިންގުން ގެންދިޔަ އެވެ. ޓެކްސްގެ އާމްދަނީއާ އެކު ދައުލަތުގެ ބެޖެޓަަށް ވަރަށް ބޮޑަށް ކުރިއެރުމެއް ގެނަ އެވެ. މިހާރު ދިވެހިންނަށް މި ލިބޭ އާސަންދަ ތައާރަފުކުރި އެވެ.
އެމްޑީޕީގެ ދެވަނަ ވެރިކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް ބޮޑެތި ބަދަލުތަކެއް ބައެއް ދާއިރާތަކުން ފެނުނެވެ. މިސާލަކަށް އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމެވެ. މުޅި ރާއްޖެއަށް ލޯންޗު ފެރީގެ ދަތުރުތައް ފެށުމެވެ. މާލޭގައި ބަހުގެ ފެންވަރުމަތީ ހިދުމަތް ތައާރަފުކޮށް، ޕަބްލިކް ޓްރާންސްޕޯޓްގެ ރަން ޒަމާނެއް ގެނެސްދިނެވެ. ހިލޭ ޑިގްރީއަށް ކިޔެވުމުގެ ބޮޑު ސްކީމަކުން ޒުވާނުންނަށް އާ ފުރުސަތުތަކެއް ހޯދައިދިނެވެ.
އެމްޑީޕީގެ ދެވަނަ ވެރިކަމުގެ ދެވަނަ އަހަރު، 2020ގައި، ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ބޮޑު ބަލިމަޑުކަން ރާއްޖޭގެ އިގުތިސާދީ އުފެއްދުންތެރިކަން %32 ދަށަށް ޖެއްސި އެވެ. ޓޫރިޒަމް މުޅިން ހުއްޓުނެވެ. ނަމަވެސް އެ ދުވަހު ގިނަ ދިވެހިން ހާލުގައި ނުޖެހުނީ ސަރުކާރުން އެޅި ރަނގަޅު ފިޔަވަޅުތަކުގެ ސަބަބުން ކަން ގިނަ މީހުންގެ ހަނދާނުން މިހާރު ވަނީ ފޮހެވިފަ އެވެ. ވަޒީފާ ގެއްލުނު އެންމެންނަށް ސަރުކާރުން މާލީ އެހީތެރިކަން ދިނެވެ. ހާލުގައި ޖެހުނު ވިޔަފާރިތަކަށް އެހީތެރިވާން ލޯނު ސްކީމްތައް އުފެއްދި އެވެ.
ރާއްޖޭގެ ތާރީހުގައި އެފަދަ މާލީ ބުރައެއް އުފުލަން ޖެހުނު ސަރުކާރެއް އޭގެ ކުރިން ނާދެ އެވެ. ތާރީހަށް ތެދުވެރިވާ ނަމަ ބުނަން ޖެހޭނީ އެ ދުވަހު ގިނަ ދިވެހިން ހާލުގައި ނުޖެހުނީ އެމްޑީޕީގެ ސަރުކާރުން ދިއްކޮށްލި އެހީތެެރިކަމުގެ އަތާ ހެދި ކަމެވެ.
އެމްޑީޕީގެ މުޅި ކޮންޓްރޯލް 2018ގެ ރިޔާސީ އިންތިހާބުގެ ކުރިން އޮތީ ނަޝީދުގެ އަތްޕުޅުގަ އެވެ. ނަމަވެސް ޖިނާއީ ހުކުމަކާ ހެދި އެ ފަހަރުގެ އިންތިހާބަށް ނުކުންނެވޭ ގޮތެއް ނުވި އެވެ. އެހެންކަމުން އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ ސޯލިހަށެވެ. އިންތިހާބު ކާމިޔާބުކުރެއްވުމާ އެކު، އެމްޑީޕީ ތެރޭގައި ދެ ބޭފުޅެއްގެ ބާރު އުފެދުނީ އެވެ.
ފަހުން ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމު ނަޝީދަށް ލިބިވަަޑައިގަތަސް އެމްޑީޕީގެ ބާރު އޮތީ ރައީސް ސޯލިހުގެ އަތްޕުޅުގަ އެވެ. ދެ އާއިލާގެ ޒަމާންވީ ގާތް ގުޅުން އެކަންޏެއް ނޫނެވެ. ސިޔާސީ ގޮތުން ވެސް އެއީ އެންމެ ގާތް ދެ އެކުވެރިންނެވެ. ނަމަވެސް ސިޔާސީ ބާރުވެރިކަމަކީ ލޭގެ ގުޅުން ވެސް ކަތިލާ ކަމަކަށް ވާތީ، ދެ ބޭފުޅުން 2023ގެ އެމްޑިޕީގެ ރިޔާސީ ޕްރައިމަރީއަށް ނުކުންނެވީ އެ ކަތިލުމުގެ ފަހު އެތިފަހަރަށެވެ.
ރިޔާސި ޓިކެޓް ސޯލިހު ކާމިޔާބުކުރެއްވުމާ އެކު ނަޝީދުގެ ފަރާތްޕުޅުން އިއްވީ ޕްރައިމަރީ އޮޅުވާލިކަމުގެ ވާހަކަތަކެވެ. އެހާ ހިސާބުން ޕާޓީ ދޫކުރައްވާ، ރިޔާސީ އިންތިހާބުގައި ސޯލިހު ބަލިކުރުމުގެ ހަނގުރާމައަށް ނަޝީދު ނުކުންނެވީ އެވެ.
ނަޝީދުގެ ހަށިކޮޅުގައި ހިނގަނީ 'އެމްޑީޕީގެ ލޭ' ކަމަށް ވިޔަސް އެ ޕާޓީއަށް ރިޔާސީ އިންތިހާބު ނުލިބޭނެ ހުރިހާ ގޮތަކަށް އެމަނިކުފާނު ގެންދެވީ މަސައްކަތްކުރައްވަމުންނެވެ. ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދެވި އެވެ. ރިޔާސީ އިންތިހާބަށް ކެންޑިޑޭޓުން ވެސް ނެރުނެވެ. އެމްޑީޕީއަށް ވެރިކަން ގެއްލުނެވެ.
ސޯލިހުގެ ފަހަތްޕުޅުގައި ނަޝީދު ހުންނެވި ނަމަ އެމްޑީޕީއަށް ރިޔާސީ އިންތިހާބު ގެއްލުން ވަރަށް ދުރެވެ. އެހެންކަމުން ޑިމޮކްރެޓްސްއަށް ކުރެވުނު ހަމައެކަނި ކަމަކީ ސޯލިހަށާއި އެމްޑީޕީއަށް ވެރިކަން ގެއްލުވާލުމެވެ.
އެކަމަކު އަނެއްކާ ނަޝީދު އެ ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. އެމަނިކުފާނުގެ ފަހަތްޕުޅުން ދަ ޑިމޮކްރެޓްސްގެ އެހެން ބޭފުޅުން ވެސް އެމްޑީޕީގެ ރީނދޫ ކުލައިގެ ތެރެއަށް، މި ހަފުތާގައި، ވަންނަވައިފި އެވެ.
އެއްދުވަސްވަރެއްގައި ސިޔާސީ ގޮތުން ބާރުގަދަ ޑީއާރުޕީ އާއި ޕީޕީއެމްގެ ދުވަސް ހިނގައްޖެ އެވެ. އޭގެ ފަހަތުގައި އޮތީ އެތެރޭގެ ހަމަނުޖެހުންތަކެވެ. އެމްޑީޕީ ވެސް ހަމަ އެ މައްސަލަތަކާ ކުރިމަތިލައިފި އެވެ. ނަމަވެސް އެ ޕާޓީގެ ބިންގާ ފުނޑި، ޕާޓީ ހުއްޓޭ ގޮތެއް ނުވި އެވެ. ނަޝީދަށް ވެސް އެނގިވަޑައިގަތީ އެމްޑީޕީއާ ދުރަށް ވަޑައިގެން އަމިއްލަ ޕާޓީއެއް އުފެއްދެވިޔަސް އެއީ އަދި ކުރެއްވޭނެ ކަމެއް ނޫން ކަމެވެ. ސިޔާސީ ފުރުސަތު އަދިވެސް އޮތީ އެމްޑީޕީގައި ކަމެވެ.
ސޯލިހު އާއި ނަޝީދު ވެސް ވަނީ 2028ގެ ރިޔާސީ އިންތިހާބުގެ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. ޕާޓިގެ އިސް އެހެން ބޭފުޅުން ކަމަށްވާ އަބްދުﷲ ޝާހިދު އާއި ފައްޔާޒު އިސްމާއިލްގެ އިތުރުން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ ވެސް އެ ޝައުގުވެރިކަން އެބަ ހުއްޓެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަދި އޮތީ މާ ދުރުގަ އެވެ. އޭގެ ކުރިން ޕާޓީގެ ހިންގުން ހަމަޔަކަށް އެޅުވުމުގެ ޒިންމާ މާ ބޮޑެވެ. އޮގަސްޓް މަހު ކޮންގްރެސް އޮންނާނެ އެވެ. އެއީ ޕާޓީގެ އަސްލު ބާރު ފުރޮޅޭނީ ކޮން ބޭފުޅެއްގެ އަތްޕުޅަށްކަން އެނގޭނެ ބައްދަލުވުމެކެވެ.
މިއަދު އެމްޑީޕީން 20 އަހަރު ފާހަގަކުރާ އިރު ޕާޓީގެ މެމްބަރުންނަށް ފަހުރުވެރިކަމާ އެކު ދެވޭނެ ސިޔާސީ މެސެޖަކީ މި އެވެ:
"ރާއްޖޭގައި އުފެދުނު އެހެން ޕާޓީތައް ކޮބައި ހެއްޔެވެ؟ އަހަރެމެން އެމްޑީޕީ އަދިވެސް މި އޮތީ އެވެ."
އެމްޑީޕީގެ 20 އަހަރަކީ ސިޔާސީ ވަރުގަދަ މެސެޖެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ