މުސިއެލާގެ ފައި ބިނދި އަނެއްކާ ވެސް ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށް

ޖަރުމާނު ބުންޑެސްލީގާގެ ޗެމްޕިއަން ބަޔާން މިޔުނިކްގެ އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާ ކަމަށްވާ ޖަމާލް މުސިއެލާގެ ފަޔަށް ވަރަށް ބޮޑަށް އަނިޔާވެ ގިނަ ދުވަސް ތަކަކަށް އަނެއްކާ ވެސް ކުޅުމާ ދުރަށްދާން ޖެހިއްޖެއެވެ. މުސިއެލާގެ ފަޔަށް އަނިޔާވެފައިވަނީ ފީފާ ކްލަބް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ބަޔާން އާއި ޕެރިސް ސެއިންޓް ޖާމެއިން ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި މުސިއެލާ އަތުން ބޯޅަ ހޯދުމަށް ޕީއެސްޖީގެ ކީޕާ ޖިއާންލުއިޖީ ޑޮނަރޫމާ އުޅުމުގެ ތެރޭގައެވެ. މުސިއެލާ ވަގުތުން އަށިގަނޑުގައި ބާލައިގެން ހޮސްޕިޓަލަށް ގެންގޮސް ބެލުމުން އޭނާގެ ފައިބިނދި، ފައިގެ ކުޑަހުޅުން ނެއްޓިފައިވާކަން އެނގުނެވެ. މުސިއެލާ މިހާރުވަނީ އޮޕަރޭޝަން ކުރުމަށް ޓަކައި ޖަރުމަނުވިލާތަށް ފޮނުވާލައިފައެވެ. މި މެޗު ވެގެންދިޔައީ ނިމިދިޔަ ސީޒަންގައި އޭނާއަށް ލިބިގެންދިޔަ އަނިޔާއަކަށް ފަހު އެނބުރި އައިސް ފުރަތަމަ އެގާރައިގާ ހިމެނިގެން ކުޅުނު ފުރަތަމަ މެޗަށެވެ. މުސިއެލާއަކީ ބަޔާންގެ އިތުރުން ޖަރުމަނުވިލާތުގެ ޤައުމީ ޓީމުގައި ވެސް ވަރަށް ފާހަގަ ކޮށްލެވޭ ހުނަރުވެރި މޮޅު ކުޅުންތެރިއެކެވެ. އަދި އޭނާ ގިނަ ދުވަސް ތަކަކަށް އަނެއްކާ ވެސް ކުޅުމާ ދުރަން ދާން ޖެހުމަކީ ބަޔާނަށް އޭގެ އަސަރު ހުރިހާ ގޮތަކުން ވެސް ވަރަށް ބޮޑަށް ކުރާނެ ކަމެއް ކަމުގައި ބަޔާންގެ ސްޕޯޓިން ޑިރެކްޓާ މެކްސް އެބާލް ފާހަގަކުރިއެވެ. މުސިއެލާއަކީ ބަޔާންއަށް މުހިންމު ކުޅުންތެރިއެއްކަން އެންމެންނަށް ވެސް އެނގޭނެ ކަމަށް އޭނާ ބުންޏެވެ. ހަމައެއާއެކު މުސިއެލާ މި އަނިޔާއިން އެނބުރި އައިސް އަލުން ކުޅެން ފެށުމަށް ޓަކައި ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެ ކްލަބުން މެނދުކެނޑުމެއް ނެތި ފޯރުކޮށްދޭނެކަމަށް ވެސް އެބާލް ފާހަގަކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ