ނިދިން ހޭލެވުން
ނިދިން ހޭލެވުމަކީ ދުނިޔޭގައި އުޅުމަށް އިތުރު ދުވަހެއް ލިބުމެވެ. ކިޔަމަންތެރި އަޅާއަށް ހެޔޮ ޢަމަލުކުރުމަށް އިތުރު ފުރުޞަތެކެވެ. ނުބައި ޢަމަލުގެ އަހުލުވެރިޔާއަށް އިހުސާސް ނުވިޔެއް ކަމަކު އެއީ ނުބައި ޢަމަލު އޭނާއަށް އިތުރު ކުރުވާނޭ މުސީބާތެކެވެ. ނިންޖަކީ މާތް ﷲ ލައްވައިފައިވާ ނިޢުމަތެކެވެ. ﴿وَهُوَ الَّذِي جَعَلَ لَكُمُ اللَّيْلَ لِبَاسًا وَالنَّوْمَ سُبَاتًا ...﴾ (الفرقان: ٤٧) މާނައީ: "އެކަލާނގެއީ، ރޭގަނޑު ނިވަލެއް ކަމުގައި، އަދި ނިދުމަކީ އަރާމެއް ކަމުގައި ލެއްވި ރަސްކަލާނގެއެވެ." ރޭގަނޑުގެ ނިދިން ހޭލެވުމަކީ އަދި އެއަށްވުރެ ބޮޑު ނިޢުމަތެކެވެ. އެ ކަން ނިޢުމަތަކަށް ވަނީ ﷲއަށް އަޅުވެތިވާން އެދޭ ފުރާނައަށެވެ. އެ ފުރާނަ އޭގެ ވެރި އިލާހަށް އަޅުވެތިވުމަށް ލިބޭ ފުރުޞަތަކަށް ވީތީއެވެ. ކީރިތި ރަސޫލާ މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّمَ، އަވަހާރަފުޅުން ހޭފުޅުލެއްވޭ ކޮންމެ ފަހަރަކު އެ ކަމުގެ މައްޗަށް ޙަމްދު ކުރައްވައެވެ. އަޅުކަމަށް އިތުރު ދުވަހެއް ﷲ މިންވަރުކޮށްދެއްވި ކަމަށް ޓަކައެވެ. ޙުޛައިފާ ބިން ޔަމާންގެ އަރިހުން އަލްއިމާމް ބުޚާރީ ރިވާކުރައްވައިފައިވާ ޙަދީޘްފުޅެއްގައި ވެއެވެ. وإذَا اسْتَيْقَظَ مِن مَنَامِهِ قالَ: «الحَمْدُ لِلَّهِ الذي أحْيَانَا بَعْدَ ما أمَاتَنَا وإلَيْهِ النُّشُورُ.» (صحيح البخاري) މާނައީ: އަދި އިތުރު އެކަލޭގެފާނު އަވަހާރަފުޅުން ތެދުވެވަޑައިގެންފައި ވިދާޅުވެއެވެ. "ތިމަންނާ (ކުޑަ މަރަކުން) މަރުވެފައި އޮތުމަށްފަހު އަލުން ޙަޔާތަށް ގެންނެވީތީ މާތް ﷲއަށް ޙަމްދުކުރަމެވެ. އަދި އެނބުރިދިޔުން ވަނީ އެއިލާހުގެ ޙަޟްރަތަށެވެ." ތިޔަ ހީކުރެވުނީ ރަނގަޅަށެވެ. މިއީ ނިދިން ހޭލާއިރު ކިޔަން ދަސްކޮށްފައި އޮތް ދުޢާއެވެ. މި ދުޢާ ކިޔަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައްކިތައް މީހުންބާއެވެ؟ މި ދުޢާގައި އެވަނީ މުޅި ދުވަހުގެ ފެށުމެވެ. މި ދުޢާ އަޅުގަނޑުމެންގެ ދަރީންނަށް ދަސްކޮށްދެމު ނޫން ހެއްޔެވެ؟ އެހެނަސް އެ ކުދިން މި ދުޢާގެ މަތީ ހޭނުވޭބާއެވެ؟ ޢިލްމެއް ލިބުމަކުން ނުވަތަ ކަމެއް ދަސްވުމަކުން އޭގެން ފައިދާއެއް ނުކުރާނެއެވެ. ފައިދާ ކުރާނީ އެ ޢިލްމަށް ޢަމަލުކޮށްގެންނެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ، އިތުރު އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ކޮންމެ ވަގުތެއްގައި ވެސް ﷲ تعالى ހަނދުމަކުރުން މަތީ ދެމިހުންނަވައެވެ. އެކަލޭގެފާނުގެ ދުވަސް ފައްޓަވަނީ ވެސް ﷲއަށް ހަމްދުކުރެއްވުމަށް ފަހުއެވެ. އެކަލޭގެފާނަކީ މުސްލިމުންނަށް ﷲ މިންވަރުކޮށްދެއްވި އެންމެ ފުރިހަމަ ނަމޫނާއެވެ. އެ ނަމޫނާގައި ވަނީ އަޅުގަނޑުމެން ތަބާވާންވީ ގޮތްތަކެވެ. ނިދުމަކީ އަޅުގަނޑުމެންގެ ފުރާނަ އަޅުގަނޑުމެންގެ ހަށިގަނޑާ ވަކިވާވަކިވުމެކެވެ. އެ ފުރާނައިގެ ވެރި އިލާހު އިރާދަކުރައްވާ ބައެއްގެ ފުރާނަ ހިފަހައްޓަތެވެ. އަދި އެ ބަޔަކަށް ދިރިއުޅުމުގެ އިތުރު ފުރުޞަތެއް ދެއްވަން އިރާދަކުރައްވައިފައި ވާ ފުރާނަތައް އަލުން ހަށިގަނޑަށް ރައްދުކުރައްވަތެވެ. އެ ކަން ބަޔާންކުރައްވައި ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿اللَّهُ يَتَوَفَّى الْأَنفُسَ حِينَ مَوْتِهَا وَالَّتِي لَمْ تَمُتْ فِي مَنَامِهَا فَيُمْسِكُ الَّتِي قَضَىٰ عَلَيْهَا الْمَوْتَ وَيُرْسِلُ الْأُخْرَىٰ إِلَىٰ أَجَلٍ مُّسَمًّى إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ﴾ (الزمر: ٤٢) މާނައީ: "ނަފުސުތައް މަރުވާހިނދު، އެ ނަފުސުތަކުގެ ފުރާނަތަކާއި، މަރުނުވެ ނިދާ ވަގުތުގައި ނިދާމީހުންގެ ފުރާނަތައް ހިއްޕަވަނީ ﷲއެވެ. ދެން މަރުވުމަށް ކަނޑައަޅުއްވައިފިމީހެއްގެ ފުރާނަ، އެކަލާނގެ ހިފަހައްޓަވަތެވެ. އަދި އެ ނޫން މީހުންގެ ފުރާނަ، ކަނޑައެޅިގެންވާ މުއްދަތަކަށް (ހަށިތަކަށް) ފޮނުއްވަތެވެ. ހަމަކަށަވަރުން، އެ ކަންތަކުގައި ފިކުރުކުރާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ." މިއީ އަޅުގަނޑުމެން ކޮންމެހެން ވިސްނާ ފިކުރު ހިންގުން މުހިންމު ވާހަކައެކެވެ. އަދުގެ ދުނިޔޭގައި އިލާހީ ވަޙީއަށާއި ނަބަވީ އިރުޝާދުތަކަށް އަހަންމިއްޔަތު ދެވޭ މިންވަރު އަންނަނީ ކުޑަވަމުންނެވެ. އަޅުގަނޑުމެންގެ ދީނީ ޙަޔާތް އިޞްލާހުގެމަގަށް އެޅުވުމަށް ފަށައިގަންނަން ރަނގަޅު ޙަރަކާތެއްގެ ގޮތުގައި ނިދިން ހޭލެވޭ ހިނދު ދުޢާ ކިޔުން އާދަކުރަމާ ހިނގާށެވެ! މިކަން މުޅި ޢާއިލާއިން ފަށައިގަންނަމާ ބަހީއެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ