ރާއްޖެ އިޝްތިހާރުކުރަން މިފަހަރު ވަން ޕީސްގެ ސަންޖީ
ނެޓްފްލިކްސްގެ އެންމެ ކާމިޔާބު ޝޯގެ ރެކޯޑު މުގުރަލި ''ވަން ޕީސް'' ސީރީޒްގެ ލީޑް ކެރެކްޓާއެއް ކަމަށްވާ ސަންޖީގެ ރޯލުން ފެންނަ ޓެޒް ސްކައިލާ، ރާއްޖެ އިޝްތިހާރު ކުރަން ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ. ވިޒިޓް މޯލްޑިވްސްއިން ބުނީ އެމްބެސެޑާއެއްގެ ހައިސިއްޔަތުން ސްކައިލާ، ރާއްޖޭގެ ފަތުރުވެރިކަމުގެ އިތުރުން ގުދުރަތީ ރީތިކަމާއި މުއްސަނދި ސަގާފަތް އިޝްތިހާރުކޮށްދޭނެ ކަމަށެވެ. ޚާއްސަ ގޮތެއްގައި، ރާއްޖޭގައި އޮތް އެޑްވެންޗާ ފަތުރުވެރިކަމުގެ ފުރުސަތުތައް އޭނާ ދައްކުވައިދޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. ވިޒިޓް މޯލްޑިވްސްއިން ވަނީ، އިންސްޓަގްރާމްގައި 1.8 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ތިބި ސްކައިލާގެ ޕޯސްޓުތަކަށް އެވަރެޖުކޮށް 45،000 ލައިކްސްއާއި 300އަށް ވުރެ ގިނަ ކޮމެންޓް ލިބޭކަން ފާހަގަކޮށްފައެވެ. އޭނާ އެފަދަ މަގުބޫލުކަމެއް ހޯދައިފައިވުމުން، އޭނާގެ ޕޯސްޓްތަކުން ރާއްޖެއަށް ވެސް ޝައުގުވެރިވާ މީހުން އިތުރުކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން އުއްމީދުކުރެއެވެ. ވަން ޕީސްގެ ލައިވް އެކްޝަންގެ ތަރިން -- ވިޒިޓް މޯލްޑިވްސްއިން ވަނީ އަންނަ ބުދަ ދުވަހުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ސްކައިލާ ރާއްޖެއަށް ޒިޔާރަތްކުރާނެކަން ހާމަކޮށްފައެވެ. މި ދަތުރުގައި އޭނާ، ރާއްޖޭގެ މަޖާ ކަންތައްތަކާއި ކެއުންބުއިމާ ގުޅުންހުރި މާކެޓިން ހަރަކާތްތަކުގައި ބައިވެރިވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. 'ވަން ޕީސް'އަކީ، ވަން ޕީސް ކިޔާ އަގުހުރި އެއްޗެއް ހޯދައި، 'ޕައިރެޓް ކިންގް'ގެ ލަގަބު ހޯދަން ބޭނުންވާ ޒުވާނަކާއި އޭނާގެ ކުރޫ ދައްކުވައިދޭ ގޮތަށް 1997ގައި އުފައްދަން ފެށި މަންގާއެކެވެ. އެ ސީރިސް މިހާރު ވެސް ކުރިއަށްދާއިރު، ނެޓްފްލިކްސްގެ ލައިވް އެކްޝަން ނެރެފައިވަނީ 2023ގައެވެ. އެއާއެކު އެ ސީރީސްއަކީ 84 ގައުމެއްގައި އެންމެ ގިނައިން ބަލާ ޝޯއަށް ވިއެވެ. އެއީ މިހާތަނަށް އުފެއްދި އެންމެ މޮޅު އެއް ލައިވް-އެކްޝަން އެނިމޭ އެޑަޕްޝަންގެ ގޮތުގައި ގިނަ ބަޔަކު ސިފަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ