ޝަރީފު މުއިއްޒަށް: ބިލު ނުުދައްކާ ނަމަ އަދިވެސް ކަރަންޓު ކަނޑާނަން

މިއީ ބޮޑު މައްސަލައެކެވެ. އަދަދަކީ ކުޑަ އަދަދެއް ވެސް ނޫނެވެ. މާލޭ ސިޓީ ކައުންސިލުން ކަރަންޓު ބިލުތަކަށް ނުދައްކާ ހުރި ދަރަނީގެ ޖުމްލަ އަދަދަކީ 21 މިލިއަން ރުފިޔާ އެވެ. 
މި ދުވަސްވަރު އެކި ކަންކަމުގައި މާލޭ ސިޓީ ކައުންސިލާއި ސްޓެލްކޯއިން ދެބަސްވަމުން ދާއިރު، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފު، ސިޓީ ކައުންސިލުން ދައްކަން އޮތް ދަރަނި ވަރަށް ތަފްސީލުކޮށް ހިއްސާކުރެއްވި އެވެ.
ދަރަނީގެ މައުލޫގައި ޝަރީފުގެ ވާހަކަ ފެއްޓެވީ ސިޓީ ކައުންސިލުން ސްޓެލްކޯ އާއި އެ ކުންފުނީގެ ހިދުމަތްތަކަށް 'ޓާގެޓު'ކޮށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުންނެވެ. އެންމެ ފަހުން ސިޓީ ކައުންސިލުން އެ ގޮތަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދެއްކެވީ، ސިޓީ ކައުންސިލުގެ ބައެއް ތަންތަނުން ކަރަންޓު ކަނޑައިލި ވާހަކަ އެވެ. އެއަށް ދޭ ރައްދެއް ނޫންކަން ފާހަގަކުރައްވައި ޝަރީފު ވިދާޅުވީ، "ސިޓީ ކައުންސިލުގެ ބައެއް ސަރަހައްދުތަކުން އަޅުގަނޑުމެން ކަރަންޓު ކަނޑާލާފައިވަނީ ސިޓީ ކައުންސިލުން ސްޓެލްކޯއަށް ދައްކަން ޖެހޭ ކަރަންޓު ބިލުތައް ދައްކާފައިނުވާތީ" ކަމަށެވެ.
އެކަމުގެ ތަފްސީލު ހިމެނޭ ގިނަ އަދަދެއްގެ ލިޔެކިޔުންތައް، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯއިން ނޫސްވެރިންނާ ހިއްސާކުރި އެވެ. ކައުންސިލުން ނުދައްކާ ހުރި ބިލުތަކަށް އަރާ ފައިސާ އާއި ޖޫރިމަނާގެ ތަފްސީލެވެ. އަދި އެ ފައިސާ ދައްކަން އެދި ތަކުރާރުކޮށް ފޮނުވި ސިޓީތަކުގެ ކޮޕީ އެވެ. އެ ވަރުން ވެސް ބިލަށް ފައިސާ ނުދެއްކުމުން ކަރަންޓު ކަނޑައިލާނެކަމުގެ އިންޒާރުތަކެވެ.
އެ ލިޔެކިޔުންތައް ހުލާސާކޮށްދެއްވައި ޝަރީފް ވިދާޅުވީ:
13 ޖެނުއަރީ 2022 - އޭރު ކައުންސިލުން ދައްކަން ޖެހޭ 14.5 މިލިއަން ރުފިޔާ ދައްކަން އެދި ސިޓީއެއް ފޮނުވި
23 ޖެނުއަރީ 2022 - ފުރަތަމަ ސިިޓީއާ ގުޅިގެން ކައުންސިލާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް ހެދި؛ ނުދައްކާ ހުރި ފައިސާ ހަތް ބަޔަށް ބަހާލައިގެން ދައްކަން
އެ އެއްބަސްވުމާ އެއްގޮތަށް އެއްވެސް ވަރަކަށް ކައުންސިލުން ފައިސާ ދައްކާފައެއް ނުވޭ
14 އޭޕްރީލް 2022 - އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަން ހަނދާންކޮށްދީ ސިޓީއެއް ފޮނުވި
10 އޮކްޓޫބަރު 2022 - ބިލުތަކުގެ ޖުމްލަ 18.4 މިލިއަން ރުފިޔާއަށް އެރި ކަމާއި އެ ފައިސާ ދައްކަން އެދި ސިޓީއެއް ފޮނުވި
4 ޑިސެމްބަރު 2022 - ބިލަށް ނުދައްކާ އަދަދު 19 މިލިއަނަށް އެރިކަން އަންގައި ފައިސާ ދައްކަން އެދި ސިޓީއެއް ފޮނުވި
14 ޑިސެމްބަރު 2022 - ފައިސާ ނުދައްކައިފި ނަމަ، ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރު ލިޔުމުން ދިން
28 ޑިސެމްބަރު 2022 - ކަރަންޓު ކަނޑާލާނެ ކަމުގެ ދެ ވަނަ އިންޒާރު ދިން
"މިއަދާ ހަމައަށް އައި އިރު ސިޓީ ކައުންސިލުން ސްޓެލްކޯއަށް ދައްކަން އެބަ ޖެހޭ 21.6 މިލިއަން ރުފިޔާ. އެއީ ޖެނުއަރީގެ ނިޔަލަށް ސިޓީ ކައުންސިިލުން ދައްކަން ޖެހޭ ފައިސާގެ އަދަދު،" ޝަރީފް ވިދާޅުވި އެވެ.
އަހަރެއްހާ ދުވަހުގެ ކަރަންޓު ބިލަށް ފައިސާ ދައްކައިދޭން އެދި "ސަލާން ޖެހުމަށް ފަހު" ސްޓެލްކޯގެ ފިޔަވަޅުތައް އައީ ހުސްވި ޖެނުއަރީ މަހުގަ އެވެ. ސިޓީ ކައުންސިލްތަކުގެ ބައެއް ތަންތަނުން ކަރަންޓު ކަނޑައިލި އެވެ. ޝަރީފް ވިދާޅުވީ، ސިޓީ ކައުންސިލްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މީޓަރުތަކުގެ ތެރެއިން ޖެނުއަރީ މަހުގެ ތެރޭގައި ކަރަންޓު ކަނޑައިލީ، ކައުންސިލުން ވިޔަފާރި އުސޫލުން ކުއްޔަށް ދޭ ތަންތަނާއި އެ ތަނަކުން ކަރަންޓު ވިއްކައިގެން އާމްދަނީ ހޯދާ ތަންތަނާއި ސިޓީ ކައުންސިލުގެ ބައެއް އޮފީސް އިމާރަތްތަކުން ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެ އާމްދަނީ ހޯދާ ކަމަށް ވާ ނަމަ، އެ އާމްދަނީގެ ތެރެއިން އަޅުގަނޑުމެންނަށް ކަރަންޓު ބިލުގެ ފައިސާ ދައްކަން ޖެހޭނެ،" ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެއްވެސް ހާލެއްގައި، އަޅުގަނޑު ހަނދާން އެބަހުރި މީގެ ކުރިން ސިޓީ ކައުންސިލުން ބޭއްވި ޕްރެސްއެއްގައި [ހަނދާންވާ ގޮތުގައި] ޑެޕިއުޓީ މޭޔަރު ވާހަކަދައްކަވަމުން ވިދާޅުވި އަޅުގަނޑުމެން މިސްކިތްތަކުންނާއި އާންމު ސަރަހައްދުތަކުން ކަރަންޓު ކަނޑައިލާނެ ކަމަށް އިންޒާރު ދީފައި އެބަ އޮތޭ. އެއީ ހަގީގަތާ ހިލާފު ވާހަކައެއް."
ޝަރީފް ވިދާޅުވީ މިސްކިތްތަކާއި ސަހަރާތަކާއި މަގުބައްތި އާއި އެ ނޫނަސް އާންމުން ފަސޭހައެއްގެ ގޮތުގައި ބޭނުންކުރާ އަދި އެއްވެސް އާމްދަނީއެއް ނުލިބޭ ފަދަ ތަންތަނުން ކަރަންޓު ކަނޑާލާނެކަމުގެ އިންޒާރެއް ނުދޭ ކަމަށެވެ.
ކަރަންޓު ބިލަށް ބޮޑު އަދަދެއް ނުދައްކާ އަދި އެ ފައިސާ ދައްކަން ލުއި ގޮތެއް ހަމަޖައްސައިދިން ނަމަވެސް، ޝަރީފް ވިދާޅުވީ ކައުންސިލުން ބަހަނާތަކެއް ދައްކައިގެން އެ ފައިސާ ނުދައްކައި ހިފަހައްޓަމުން ދާ ކަމަށެވެ. އެގޮތުން، ސްޓެލްކޯގެ އެމްޑީގެ މަގާމާ ހަވާލުވެވަޑައިގަތް ފަހުން މި ހިނގައިދިޔަ މުއްދަތުގައި ސިޓީ ކައުންސިލާ އެކު ދެ ބައްދަލުވުމެއް ބޭއްވި ކަމަށް ޝަރީފް ވިދާޅުވި އެވެ.
އެ ބައްދަލުވުންތަކުގައި ސިޓީ ކައުންސިލުން ދެއްކީ، ޝަރީފް ވިދާޅުވި ގޮތުގައި، އެ ކުންފުނިން ކައުންސިލަށް ދައްކަން އޮތް ކަމަށް ބުނާ 68 މިލިއަން ރުފިޔާއެއްގެ ވާހަކަ އެވެ. ފުރަތަމަ ބައްދަލުވުމުގައި އޭގެ މައުލޫމާތު ނެތް ނަމަވެސް، ދެ ވަނަ ބައްދަލުވުމުގައި އެއީ ސްޓެލްކޯއިން ކައުންސިލަށް ދައްކަން ޖެހޭ ފައިސާއެއް ނޫންކަން ސާފުކޮށްދީފައިވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑު ބަލައިލިއިރު 68 މިލިއަން ރުފިޔާ ކަމަށް ސިޓީ ކައުންސިލުން އެ ވިދާޅުވަނީ އަޅުގަނޑުމެން މިހާރު އޮފީސް އިމާރާތް މި ހުރި ބިމާއި ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެހެން ބިންތަކުގެ ކުލީގެ އަގު ކަމަށް [އެ ބޭފުޅުން ގަބޫލުކުރައްވަނީ]،" ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެ ސްޓަޑީކޮށްލި އިރު އަޅުގަނޑުމެން 68 މިލިއަން ރުފިޔާ ދައްކާކަށް ނުޖެހޭ. އެހެން ނަމަވެސް، ދައްކަން ޖެހޭ ކަމުގައި ވިޔަސް، އެ ދައްކަން ޖެހޭ ވަރެއް މީރާއަށް މިހާރު ދައްކައި ހަލާސްކޮށްފައި ވާނީ."
އެ ދަަރަނި އެއްކޮށް ދެއްކި ނަމަވެސް، ޖޫރިމަނާގެ ގޮތުގައި އޮތް 1.4 މިލިއަން ރުފިޔާ އަދި ނުދައްކާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"އެ 1.4 މިލިއަން ރުފިޔާއަކީ ސްޓެލްކޯ އާއި މީރާއާ ދޭތެރޭ އޮތް އޮޅުމެއްގެ ސަބަބުން، ޖޫރިމަނާއެއްގެ ގޮތުގައި އައިސްފައިވާ އަދަދަކަށް ވާތީ، ސަރުކާރުގެ ކަމާ ބެހޭ އިދާރާއަށް އެ ޖޫރިމަނާ މައާފުކޮށްދިނުމަށް ވާނީ އެދިފައި،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސްޓެލްކޯގެ ކަރަންޓުގެ ހިދުމަތް ބޭނުންކުރުމަށް ފަހު އެ ހިދުމަތަށް ފައިސާ ދައްކަން ނުޖެހޭ އެއްވެސް "ބަހަނާއެއް" ސިޓީ ކައުންސިލަށް ދެއްކެން ނޯންނާނެ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑު ގޮވާލާނީ ސިޓީ ކައުންސިލުން، ޕްރެސްތަކަށް އަރައި ފާޑުފާޑުގެ ވާހަކަ ދައްކަވާނެ ކަމެއް ނެތް، އަވަހަށް ބިލު ދައްކާ. ބިލު ދައްކާ، އެހެން ނޫނީ ކުރިމަގުގައި އަދިވެސް ކަރަންޓު ކަނޑާލާނަން،" ޝަރީފް ވިދާޅުވި އެވެ.
"ކައުންސިލްގެ ނޭއްގާނީކަން ހުރި މިންވަރު ބައްލަވާލައްވާ، އަޅުގަނޑުމެން ވާނީ [ބުނެފައި] ކައުންސިލަށް ބިލު އެއް ފަހަރާ ނުދެއްކޭ ނަމަ، އަޅުގަނޑުމެންނާ މަޝްވަރާކުރާށޭ ބިލު ދެއްކޭނެ ގޮތެއްގެ ޝެޑިއުލްއެއް ހަދަން. އެއަށް ވެސް ނެތް ޖަވާބެއް ދެއްވާފައި. ހަމަ އެ ބޭފުޅުންގެ ހަރުކަށިކަމާއި ގޮތް ދޫނުކުރުމާއި ސިޔާސީ ގޮތުން ހިޔާލު ތަފާތު ވާތީ އެ ކަމަށް ހައްލެއް ހޯދަން ބޭނުން ނުވާ މިންވަރަކީ މިއީ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ