ގާސިމް އަށް ނަޝީދުގެ މަރުހަބާ

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރަން ނިންމުމުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރަން ޖޭޕީ ކައުންސިލުން ފާސްކުރީ އެކަމާ ގުޅޭ ގޮތުން ނެގި ވޯޓެއްގަ އެވެ. އެ ވޯޓުގައި އެންމެ ފަރާތަކުން ފިޔަވާ އެހެން ހުރިހާ ކައުންސިލް މެމްބަރުން ވޯޓު ދެއްވީ ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށެވެ. މި ސަރުކާރާ އެކު ކޯލިޝަން ހަދައިގެން ކުރިއަށްދާން ފެންނަ ކަމަށް ވޯޓު ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު އެކަންޏެވެ.
ޖޭޕީގެ ނިންމުމާ ގުޅިގެން މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގްރޫޕަށް ނަޝީދު ފޮނުވި މެސެޖެއްގައި ވަނީ ގާސިމަށް މަރުހަބާ ވިދާޅުވެފަ އެވެ.
ނަޝީދު ވަނީ މީގެކުރިން ގާސިމް އިންތިހާބަށް ނިކުތުމަށް ބާރުއަޅުއްވާ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން މި އަހަރުގެ ރިޔާސީ އިންތިހާބަކީ ވެރިކަން ހޯއްދެވުމަށް ގާސިމަށް ލިބިވަޑައިގަންނަވާ ރަނުގެ ފުރުސަތެއް ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ. ނަޝީދުގެ މަންދޫބުންތަކެއް މީގެކުރިން ވަނީ ގާސިމްއާ ބައްދަލުވެސް ކުރައްވާފަ އެވެ.
މީގެއިތުރުން ގާސިމްގެ އެޑްވައިޒަރު އަދި ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދާއި ދެ ފަހަރެއްގެ މަތިން ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ބައްދަލުކޮށްފައިވެ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރަން މި ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޖޭޕީން ނިންމާފައިވާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ވެސް ކޯލިޝަން ހެދުމާ ގުޅޭގޮތުން ގާސިމްއާ މަޝްވަރާކޮށްފައިވެ އެވެ. އެކަމާ ގުޅޭ މަޝްވަރާ އަށް ދާދިފަހުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ވަނީ ގާސިމްއާ ދާދިފަހުން ބައްދަލުކުރައްވާފަ އެވެ.
ރައީސް ސޯލިހާ އެކު މިހާތަނަށް ކޯލިޝަން ހަދާފައިވަނީ އަދާލަތު ޕާޓީ އާއި އެމްޑީއޭއިންނެވެ. ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްއާރްއެމުން އިންތިހާބާ ގުޅޭގޮތުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ