އަނިޔާކުރުމުގެ މައްސަލަ ބޮޑު ކަމަކަށް ނުވޭ، މިފަދަ މައްސަލަތައް ސީރިއަސްކޮށް ބަލަންޖެހޭ: ރޮޒައިނާ
އަންހެނުންނަށް ކުރާ އަނިޔާއާއި ގެވެށި އަނިޔާގެ މައްސަލަތައް އަދިވެސް މުޖުތަމައުގެ ތެރޭގައި ބޮޑު މައްސަަލައަކަށް ނުވާކަމަށާއި އެފަދަ މައްސަލަތައް ސީރިއަސް ގޮތެއްގައި ބަލަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ. ގދ. މަޑަވެލީގައި އަންހެނަކަށް ވަރަށް ބޮޑަށް އަނިޔާކުރި މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން "ސަން"އާ ވާހަކަދައްކަވަމުން ރޮޒައިނާ ވިދާޅުވީ، އެ ހާދިސާއަކީ ވަރަށް އަނިޔާވެރި ކަމެއް ކަމަށެވެ. އަދިވެސް ތަހުގީގީ މަރުހަލާއާއި ކޯޓު މަރުހަލާގައި މިފަދަ އަމަލުތަކަށް އިންސާފު ހޯދުމަށް މާ ގިނަ މަސައްކަތްތަކެއް ނުކުރެވޭ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. "ފުލުހުންގެ ތެރޭގައި ވެސް އަނިޔާކުރެވިގެން މިހެން ރިޕޯޓުކުރާ ކަންކަމުގައި ފުލުހުން ވެސް ހަމަ ސީރިއަސްކޮށް އެބަ ނަގަންޖެހޭ. ފަނޑިޔާރުންނަށް ވެސް މި ކަންކަން ބޮޑު ކަމަކަށް ނުވާކަން އަޅުގަނޑުމެންނަށް އެބަ އެނގޭ. މީގެ ކުރީގައި ވެސް ދޯންޏެއް މައްޗަށް އަންހެނަކު ވައްޓައިލީމަ ވެސް އެ މީހާއަށް ވެސް 270 ރުފިޔާގެ ޖޫރިމަނާއެއް އަޅުގަނޑު ހަނދާންވަނީ ކުރީ. އެހެންވީމާ މީހުންނަށް އެކަހަލަ އަނިޔާކުރުމަކީ އަނިޔާ ނުލިބޭ އެެހެން މީހުންނަށް ވެސް މާ ބޮޑު ކަމަކަށް ނުވާކަން،" ރޮޒައިނާ ވިދާޅުވިއެވެ. އެފަދަ އަނިޔާވެރި އަމަލެއް ހިނގައިދިޔައިރު އެ ތަނުގައި އެއްވެ ތިބި މީހުންގެ ފަރާތުން ފެނުނީ އެ އަމަލަށް ހިތްވަރުދޭން ތިބި މަންޒަރުކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ. އެގޮތުން މަންޒަރު ބަލަން ތިބި އެއްވެސް މީހަކު އެ ކަން ހުއްޓުވުމަށް ގޮސްފައި ނުވާ ކަމަށާއި އެ ކަން ހުއްޓުވަން މީހަކު ދިޔައީ އެތައް އިރެއް ފަހުން ކަމަށް އޭނާ ވިދާޅުވިއެވެ. "މި ކޭސްގައި ބަޔަކު އައިސް އޭނަ ހުއްޓުވަން މަސައްކަތްކުރީ ކިހާ ހިސާބަކަށް ކަންތައް ދިޔަ ފަހުންތޯ. އެ ތަނުގައި އަންހެނުންތަކެއް އެކަނިމައި އެކަނި ތިބީ އެ ކަންތައް ފެށުނު އިރުގައި. ބައިވަރު ފިރިހެނުން ވެސް ތިބި. އެ ކަމު ހަމަ މަންޒަރު ބަލަން ތިބީ. ފުރަތަމަ ވެސް މިކަހަލަ ކަމެއް ހިނގީމާ އެނގެންޖެހޭނެ މުޖުތަމައުގައި މި ކަހަލަ ކަމެއް ހިންގަން ދައްކައިގެން ތިބެގެން ނުވާނެކަން،" ރޮޒައިނާ ވިދާޅުވިއެވެ. ރޮޒައިނާ ވިދާޅުވީ މައްސަލައެއް ޖެހުމަކީ އެއްވެސް ހާލަތެއްގައި އަތް އިސްކުރަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. މައްސަލަ ހައްލުކުރަންވާނީ ވާހަކަ ދައްކައިގެން ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އަދިވެސް އަނިޔާކުރުން ފަދަ ކަންކަން ހިނގަނީ މީހުންގެ ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން ކަމަށެވެ. އަދިވެސް މިފަދަ ނޭދެވޭ އަމަލުތައް ބޮޑު ކަމެއްގެ ގޮތުގައި މީހުން ނުދެކޭ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އެނގިފައިވާ ގޮތުގައި އެ ދެ މީހުންނަކީ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދެ މީހުންނެވެ. https://sun.mv/175327 ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަ ގޮތުގައި ފިރިހެނަކު، އަންހެނެއް ގެއިން ބޭރަށް ނެރެ މަގުމައްޗަށް އަންހެން މީހާ ވައްޓައިލައިގެން އުޅޭ މަންޒަރު ފެނެއެވެ. ކުޑަކުދިންނާއި އެ ހިސާބުގައި ދިރިއުޅޭ ބައެއް މީހުން އެ ސަރަހައްދުގައި ބަލަން ތިބި އިރު ވެސް އެ ފިރިހެން މީހާ ދިޔައީ ތަކުރާރުކޮށް އަންހެން މީހާއަށް އަނިޔާކުރަމުންނެވެ. އެ އަންހެން މީހާ ގޭ ތެރެއަށް ވަތް ތަނުން އަލުން ފިރިހެން މީހާ އެ ގެއަށް ވަދެ، މަގުމައްޗަށް އަންހެން މީހާ ނެރެ ދަމާކޫއްތައިގެން އެ އަންހެން މީހާ މަގުމަތިން ގެންދާ މަންޒަރު ވެސް ފެނެއެވެ. ފުލުހުން މިހާރު މި މައްސަލަ އަންނަނީ ތަހުގީގުކުރަމުންނެވެ. އެ މައްސަލައިގައި 33 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު އަނިޔާ ލިބުނު އަންހެން މީހާވަނީ އޭނާ ދޫކޮށްލަން ގޮވައިލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ