ރޮނާލްޑޯގެ މޫނުމަތިން އަނެއްކާވެސް ހިނިތުންވުން، ޕޯޗުގަލަށް ހިތްހަމަޖެހުން

ދުނިޔެދުށް އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް މިދިޔަ އަހަރަކީ ހިތާމައާއި މޮޅިވެރިކަން ކުރިމަތިކުރުވި އަހަރެކެވެ.
އެކުލަބަކުން ރޮނާލްޑޯގެ ފުޓުބޯޅަ ކެރިއަރަށް ވިދުން ގެނުވި މެންޗަސްޓަރ ޔުނައިޓެޑާއި، އޭނާއާ ދެމެދު ގިނަ މައްސަލަތަކެއް ކުރިމަތިވެ، އެކުލަބާއި ޔޫރަޕު ފުޓުބޯޅަ ދޫކޮށްލީ، އެކަކުވެސް އުއްމީދުކުރި ގޮތަކަށް ނޫނެވެ. ރޮނާލްޑޯ އަކީ ޔުނައިޓެޑަށް ކުރިމަތިވި ގޮންޖެހުމެއް ކަމާއި، އޭނާގެ ސަބަބުން ޓީމުން ނެރޭ ނަތީޖާއަށް ގޯސް ބަދަލުތަކެއް އަންނަކަމަށް ދެއްކުމަށް ބައެއް ފަރާތްތަކުން މަސައްކަތްތަކެއް ކުރިއެވެ.
2009 ވަނަ އަހަރު ޔުނައިޓެޑް ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވެ، އެފަހުން ޔުވެންޓަސްއާ އެކުވެސް ކާމިޔާބު އަހަރުތަކެއް ހޭދަކުރުމަށްފަހު، އެނބުރި ޔުނައިޓެޑަށް ބަދަލުވި ސީޒަނުގައި ރޮނާލްޑޯގެ ފަރާތުން ފާހަގަކޮށްލެވޭ ކުޅުމެއް ފެނުނެވެ. އެ ސީޒަނުގައި ހުރިހާ މުބާރާތެއްގައި އޭނާ ޔުނައިޓެޑަށް ކުޅެދިން 38 މެޗުން، 24 ލަނޑު ކާމިޔާބުކޮށްދިނެވެ.
އެހެންނަމަވެސް ޖެހިގެން އައި ސީޒަނުގައި، ރޮނާލްޑޯއަށް ޓީމުން ފުރުސަތު ދިނުން މަދުކުރަން ޓީމުގެ އައު ކޯޗު އެރިކް ޓެންހާގް ނިންމުމާއެކު، ޓީމާ މައްސަލަޖެހި އެ ކުލަބާއެކު އޭނާ ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނައީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރީކޮޅުއެވެ.
އެ ދުވަސްކޮޅު ކުޅުނު ފީފާ ވޯލްޑް ކަޕުގައި ވެސް ރޮނާލްޑޯގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިފައިނުވާއިރު، މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތަކަށްފަހު ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ރޮނާލްޑޯއަށް މެޗުތަކުގައި ފުރުސަތު ދިނީ ދެވަނަ ހާފުގައި، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. މިއާއެކު އެންމެ މަތީ ފަންތީގައި ރޮނާލްޑޯގެ ފުޓުބޯޅަ ކެރިއަރު ނިމުނީކަމަށް ވެސް ބައެއް ފަރާތްތަކުން އައީ ބުނަމުންނެވެ.
މި އަހަރުގެ ފުރަތަމަ ދުވަހު ރޮނާލްޑޯ، ސައުދީގެ އަލް ނަސްރުގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލުމާއެކު ވެސް އޭނާއަށް ފާޑުކީ ފަރާތްތަކަށް އިތުރު ހިތްވަރެއް ލިބިގެންދިއައެވެ.
އެހެންނަމަވެސް، ފާޑުކިޔުންތެރިންނަށް ރަށްދުދީ، އަލް ނަސްރުގައި ރޮނާލްޑޯ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ޔޫރަޕުގައި ރޮނާލްޑޯއަށް ނުކުޅެވޭނެކަމަށް ބުނި ފަރާތްތަކަށް ވެސް އޭނާ މިވަނީ ވަރުގަދަ ރަށްދެއް ދީފައެވެ. އެގޮތުން ޔޫރޯ 2024 ކޮލިފިކޭޝަނުގައި މިފަހުން ޕޯޗުގަލް ކުޅުނު ދެ މެޗުގައި ވެސް ފުރަތަމަ 11 ގައި ހިމެނިގެން ރޮނާލްޑޯ ކުޅެފައިވާއިރު، މި ދެ މެޗުން އޭނާ ވަނީ 4 ލަނޑު ކާމިޔާބު ކޮށްދީފައެވެ.
ފާއިތުވީ ދުވަސްތަކުގައި ރޮނާލްޑޯގެ މޫނުމަތިން، މާޔޫސްކަމާއި މޮޅިވެރިކަން ފެނުނު ނަމަވެސް، މިހާރު އޭނާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމާއި ހިނިތުންވުމެވެ. މިއީ ޕޯޗުގަލްގެ ގައުމީ ޓީމަށް ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެކެވެ. ކޮންފިޑެންސް ބޫސްޓެކެވެ.
ރޮނާލްޑޯއަކީ ފުޓުބޯޅައިގައި ލަނޑުޖެހުމުގެ އެތައް ރެކޯޑެއް ހަދާފައިވާ ކުޅުންތެރިއަކަށްވާއިރު، އޭނާއަކީ ފުޓުބޯޅައިގެ ތާރީޚުގައި ވެސް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިއާއެވެ. މީގެއިތުރުން ގައުމީ ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިއަކީ ވެސް ރޮނާލްޑޯއެވެ. އޭނާ ވަނީ ޕޯޗުގަލްއާއެކު ކުޅުނު 198 މެޗުން 122 ލަނޑު ޖަހާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ