މާލޭ ސަރަހައްދުގައި ކަރަންޓު ބޭނުންކުރާ މިންވަރު ރިކޯޑު އަދަދަކަށް މައްޗަށް!

މާލޭ ސަރަހައްދުގައި ކަރަންޓު ބޭނުންކުރާ މިންވަރު ރިކޯޑު އަދަދަކަށް މަތިވެފައިވާކަމަށް ސަރުކާރުގެ ކަރަންޓު ކުންފުނި ސްޓެލްކޯއިން ހާމަކޮށްފި އެވެ. 
އެކަން ހާމަކޮށް ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދުވަސްވަރަކީ ދިވެހިރާއްޖެއަށް މިއަހަރު ތެރޭ އެންމެ ހޫނުގަދަވާނެ ދުވަސްތައްކަމަށް މޫސޫމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައި ވާއިރު، މާލެއާއި ހުޅުމާލެ ހިމެނޭހެން މާލެ ސަރަހައްދުގެ އެވްރެޖް ޕަވަރ ޔޫސޭޖް ނުވަތަ އެވްރެޖް އެނާރޖީ ކޮންސަމްޕްޝަން ރެކޯޑް މިންވަރަކަށް މަތިވެފައިވާކަން ފާހަގަކުރެވިފައި ވާ ކަމަށެވެ.
އެގޮތުން 2023 އޭޕްރީލް 24 ވަނަ ދުވަހުގެ މެންދުރު 14:10 ގައި ސްޓެލްކޯގެ ޕީކްލޯޑް 102 މެގަވޮޓަށްވުރެ މައްޗަށް އަރާފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
Advertisement
އެކަން ފާހަގަކޮށް ސްޓެލްކޯއިން ވަނީ ހުރިހާ ފަރާތްތަކުން ވެސް ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމަށްދިނުމަށް އިލްތިމާސްކޮށްފަ އެވެ.
ކަރަންޓު އިޤްތިޞާދު ކުރުމަށް އާންމު ގޭބީސީ ތަކާއި، ދައުލަތުގެ އިދާރާތަކާއި، ސަރުކާރުގެ ވުޒާރާތަކާއި، އޮފީސްތަކާއި، ސުކޫލުތަކުގެ އިތުރުން، ބޮޑެތި އަދި ކުދި ވިޔަފާރިތަކުން ވެސް ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ސްޓެލްކޯއިން ބުނީ ދިރާސާތަކުން ދައްކާގޮތުން، އާންމު ގޭބީސީތަކުގެ ކަރަންޓު ބިލްގެ 40 އިންސައްތަ ހިއްސާ ކުރަނީ ފިނިކުރުމަށް ގެންގުޅޭ އެއާރކޮންޑިޝަން ފަދަ އާލާތްތަކުން ކަމަށްވާތީ، ހުރިހާ ފަރާތްތަކުންވެސް 25°C އަށްވުރެ ދަށް ނުވާނެހެން އެއާރކޮންޑިޝަން ބެހެއްޓުމަށް ސަމާލުކަން ދިނުމަށް އެދޭކަމަށެވެ.
އޭގެއިތުރުން ކޮންމެހެން ދިއްލަންޖެހޭ ދިއްލުންތަކާއި، ބޭނުން ކުރަންޖެހޭ ކަރަންޓު އާލާތްތައްފިޔަވާ އިތުރު އާލާތްތަށް މިދުވަސްވަރު ބޭނުން ނުކުރުމަށް ވެސް އެ ކުންފުނިން އިލްތިމާސްކޮށްފައި ވެއެވެ.
ސްޓެލްކޯއިން ބުނީ މިދުވަސްވަރު ޕީކް ހޭންޑްލް ކުރުމަށްޓަކައި، ހުރިހާ ފަރާތްތަކެއްގެވެސް އެއްބާރުލުމާއި، އެހީތެރިކަން އެ ކުންފުންޏަށް ބޭނުންވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ