ގާސިމް ކުރިމަތިލެއްވީ ގައުމީ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް: އަޒްލީން

އަންނަ ރިޔާސީ އިންތިހާބުގައި ޕާޓީގެ ލީޑަރު އޮންރަބަލް ގާސިމް އިބްރާހިމް ވާދަކުރައްވަނީ ގައުމީ ބޮޑެތި މައްސަލަތަކަށް ހައްލު ގެނެސްދިނުމަށްޓަކައި ކަަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރ އަދި ކުރީގެ ހޯމް މިނިސްޓަރ އަޒްލީން އަޙުމަދު ވިދާޅުވެއްޖެއެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަޒްލީން ވަނީ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ހިދުމަތްތައްވެސް ލިބެމުން ނުދާތީ އެކަމާއިމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެގޮތުން ފުރަތަމަވެސް އަޒްލީން ނެންގެވީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. މާލެއާއި އަތޮޅުތެރެ ތަފާތު ނުވާހެން ރައްޔިތުންގެ ޝަކުވާއަކަށްވެފައިވާ މި މައްސަލަ ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން އަޒްލީން ދެއްވިއެވެ.
އަޒްލީން ވިދާޅުވީ އަސާސީ ހިދުމަތްތައް ހޯދުމުގައިވެސް ވަޒީރުންނާއި މަޖިލީހުގެ މެންބަރުންގެ ކިބައިން އާދޭސްކުރާކުރުމަށް ނިމުމެއް ގެންނަންޖެހޭ ކަމަށެވެ. އެގޮތުން ބޮޑެތި ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކާއި އެހެންވެސް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ ފަރާތްތަކަށް ސަރުކާރުން ދާއިމީ ހައްލެއް ދިނުމަކީ ގަބޫލު ކުރައްވާ ކަމެއް ކަމަށްވީއިރު ޖުމްހޫރީ ޕާޓީން އެކަަމަށް އިސްކަންދެއްވާނެ ކަމަށް އަޒްލީން ވިދާޅުވިއެވެ.
އަޒްލީން ވިދާޅުވީ ހުސްނުވާ އާސަންދައިގެ ހަރަދު ކުޑަކޮށް ބޭސްފަރުވާގެ ކަންކަމަށް ބޭނުންޖެހިފައިވާ އެކަމަށް ޒަރޫރަތު އޮތް ބަޔަކަށް އެ ފައިސާއިން ހަރަދުކުރުމަކީ އެންމެ ރަނގަޅުގޮތް ކަމަށެވެ.
ގާސިމް އިބްރާހީމް ވެރިކަމަށް ވަޑައިގަތަސް އިތުރަށް ލިބިވަޑައިގަންނަވާނެ އެއްޗެއް ނޯންނާނެ ކަމަށާއި އެހެންނަމަވެސް އެމަނިކުފާނު ވެރިކަމަށް ހޮވަންޖެހެނީ ރާއްޖެއާއިމެދު އެމަނިކުފާނުގެ މުއްސަދި ތަސައްވުރުގެ ސަބަބުން ކަމަށް އަޒްލީން ވިދާޅުވިއެވެ.
އަދި އެފަދަ ދެވަނަ ލީޑަރެއް މިވަގުތު ފެންނަންނެތްކަމަށްވެސް އަޒްލީން ވިދާޅުވިއެވެ. އަދި އިސްވެ ފާހަގަކުރި އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ނުލިބިގެން އެ ހިދުމަތްތައް ހޯއްދަވައިދެއްވުމަށް އެމަނިކުފާނު ނުކުމެވަޑައިގަތުމަކީ ޝުކުރުއަދާކުރާ ކަމެއް ކަމަށްވެސް އަޒްލީން ވިދާޅުވިއެވެ.
ޖޭޕީން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމި ނިންމުމަށް ގިނަބަޔަކު މަރުހަބާ ކިޔަމުން އަންނައިރު މިފަހަރުގެ ރިޔާސީ އިންތިހާބުގައި އެންމެ އުއްމީދީ ޕާޓީއަކަށް ޖޭޕީވަނީ ވެފައެވެ.
އެއާއިއެކު ޖޭޕީގެ ލީޑަރުވެސް ވަނީ އުއްމީދީ ސިޔާސަތުތަކެއް މިހާރުވެސް ހާމަކުރައްވާފައެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމެއްގައި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތަކަށް ހަދާނީ ކުރީގެ ރައީސް އިބްރާހީމް ނާސިރާއި ރައީސް މައުމޫން ވެސް ގެންގުޅުއްވި ވަކިއަތަކަށް ނުޖެހޭ ހަމަހަމަ ޚާރިޖީ ސިޔާސަތެއްކަމުގައި ހަދާނެކަމަށް އޮންރަބަލް ގާސިމް އިބްރާހިމްވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ