ހުޅުމާލޭ ގެއެއްގެ ގުދަނެއްގައި ރޯވި އަލިފާނުގެ ހާދިސާއާ ގުޅިގެން 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި

ހުޅުމާލޭ ފޭސް 1 ގެ ގެއެއްގެ ގުދަނެއްގައި ރޯވި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ އިމާރާތުގައި ދިރިއުޅޭ 21 މީހަކަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ފޭސް 1، ޗަނބޭލީ 5 ގޯޅިތެރޭގައި ހުރި ލޮޓް ނަންބަރ 11154 ގޭގައެވެ. އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ ފަތިހު 03:30 ހާއިރުއެވެ. ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ 03:40 ހާއިރުއެވެ.
އެމްއެންޑީއެފުން ހާމަކުރި ގޮތުގައި، އަލިފާން ރޯވެފައިވަނީ 6 ފަންގިފިލާގެ އެ އިމާރާތުގެ ތިރީގައި ހުރި ގުދަނެއްގެ ބޭރުގައި ހުރި ކުނިތަކެއްގައެވެ. މި އަލިފާނުގެ ސަބަބުން ގުދަނުގެ ބިއްލޫގަނޑު ތަޅައިގެންގޮސް، ގުދަނުގެ ތެރެއަށް އަލިފާން ފެތުރުމުގެ ސަބަބުން އެތަނުގައި ހުރި މުދަލަށާއި އިމާރާތުގެ ކަރަންޓު ވަޔަރިންގއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އެންޑީއެމްއޭއިން ބުނީ، އަލިފާނުގެ ހާދިސާގައި އިމާރާތުގެ ކަރަންޓް ޕެނެލް ހަލާކުވުމުގެ ސަބަބުން މުޅި އިމާރާތުން ކަރަންޓް ކެނޑިފައިވާ ކަމަށެވެ. އެހެންކަމުން، އެ އިމާރާތުގެ ދެ އެޕާޓްމަންޓެއްގައި ދިރިއުޅޭ 21 މީހަކަށް އެ އޮތޯރިޓީގެ ފަރާތުން މިހާރު ވަނީ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް ހަމަޖައްސައިދީފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ