އަނަނިޔާ އާއި ލަކްޝް އެކީގައި މަސައްކަތްކުރާ ފުރަތަމަ ފިލްމު މެއި މަހު
ދަރުމާ ޕްރޮޑަކްޝަންސްއިން މިދިޔަ ނޮވެމްބަރު މަހު އިއުލާނުކުރި ފިލްމު "ޗާންދް މޭރާ ދިލް" ރިލީޒްކުރާ ތާރީޚު އިއުލާނުކޮށްފިއެވެ. މި ފިލްމަކީ ޒުވާން ފިލްމީ ތަރިން ކަމަށްވާ އަނަނިޔާ ޕާންޑޭ އާއި ލަކްޝް ލަލްވާނީ އެކީގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. ވިވެކް ސޯނީ ޑައިރެކްޓްކޮށް ކަރަން ޖޯހަރު ޕްރޮޑިއުސަރުންގެ ޓީމުގައި ހިމެނޭ "ޗާންދް މޭރާ ދިލް" ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި ވަނީ މި އަހަރުގެ ޖޫން މަހުގެ އަށްވަނަ ދުވަހެވެ. ވިވެކް ސޯނީ އަކީ 2021 ވަނަ އަހަރު ގެނެސްދިން ލޯބީގެ ފިލްމު "މީނާކްޝީ ސުންދަރޭޝްވަރު"ގެ ވެސް ޑައިރެކްޓަރެވެ. ވަރަށް ރީތި މިއުޒިކަލް ލޯބީގެ ފިލްމެއްގެ ގޮތުގައި ގެނެސްދޭ މި ފިލްމަކީ ޒުވާނުންނަށް ވަރަށް ކަމުދާނެ ގޮތަކަށް ފިލްމުގެ ވާހަކަ ބިނާކޮށް އުފައްދާ ފިލްމެއް ކަމަށް ދަރުމާއިން ވަނީ ބުނެފައެވެ. ފިލްމު "ޗާންދް މޭރާ ދިލް"ގެ ތަރިން އަނަނިޔާ ޕާންޑޭ އަދި ލަކްޝް ލަލްވާނީ އެ ފިލްމުގެ މަންޒަރެއްގައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ މި ފިލްމު މި އަހަރުގެ މެއި މަހު ރިލީޒްކުރާނެކަން އިއުލާނުކުރިއިރު އެންމެފުރަތަމަ މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ނިންމީ މިދިޔަ އަހަރުއެވެ. އެހެންނަމަވެސް ފިލްމު ރިލީޒްކުރުން ފަސްކުރީ އެކްޓަރު ލަކްޝް ލަލްވާނީއަށް ފިލްމަށް ވަގުތު ދެވެން ނެތުމުން ކަމަށް ދަރުމާއާ ހަވާލާދީ ރިޕޯޓުތަކުން ބުނެއެވެ. މިދިޔަ އަހަރު ނެޓްފްލިކްސްއިން ގެނެސްދިން ވެބް ސީރީސް "ދަ ބޭޑްސް އޮފް ބޮލީވުޑް"ގެ ލީޑް އެކްޓަރު ލަކްޝް އަކީ ދަރުމާގެ ފިލްމަކުން ބޮލީވުޑްގައި ފިލްމީ ކެރިއަރު ފެށި އެކްޓަރެކެވެ. ހަމައެގޮތަށް ބަތަލާ އަނަނިޔާ އަކީ ވެސް ދަރުމާއިން ލޯންޗުކުރި ބަތަލާއެކެވެ. ލަކްޝްގެ ފުރަތަމަ ފިލްމު "ކިލް"އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނުއިރު އެ ފިލްމުގައި ލަކްޝް ދެއްކި މޮޅު އެކްޓިންގް ހުނަރަށް ވަރަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ. ލަކްޝްގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ ދަރުމާއިން އުފައްދާ "ދޯސްތާނާ 2" އަދި އެކްޝަން ފިލްމު "ލަގްޖާ ގަލޭ" ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ