މި ސަރުކާރަކީ ރާއްޖޭގެ ތާރީޚު ނުދެކޭފަދަ ނާގާބިލް ސަރުކާރެއް: ނާޒިލް
މިހާރުގެ ސަރުކާރަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ފެނިފައިނުވާ ފަދަ ޤާބިލުކަން ކުޑަ ސަރުކާރެއް ކަމަށް ސިފަކުރައްވައި، އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ނާޒިލް މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަހަރު އިއްވެވި ރިޔާސީ ބަޔާނަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖަވާބުދެއްވަމުންނެވެ. ޚާއްޞަކޮށް އިޖުތިމާޢީ ރައްކާތެރިކަމާއި އިޤްތިޞާދީ ދާއިރާއިން ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމުގައި ރައީސް މުއިއްޒުގެ ސަރުކާރު ނުކުޅެދިފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. މިގޮތުން، އިޖުތިމާޢީ ދާއިރާއަށް ބަލާއިރު، އާސަންދައިގެ ޚިދުމަތުގެ ފެންވަރު ދަށަށް ގޮސް، ކުރިން ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބެމުންދިޔަ ބޭސްފަރުވާގެ ޚިދުމަތްތަކަށް ބުރޫއަރައި، އާންމުން ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހިފައިވާކަން ނާޒިލް ފާހަގަކުރެއްވިއެވެ. ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ، އެ ދާއިރާއަށް ކަނޑައެޅި 2.86 މިލިއަންގެ ބަޖެޓަށް ވީނުވީއެއް ނޭނގި ހުސްވެފައިވާއިރު، އެ ބަޖެޓުގެ އެހީގައި ބޯހިޔާވަހިކަމެއް ލިބުނު އެއްވެސް ރައްޔިތަކު ފެންނަން ނެތް ކަމަށެވެ. އިޤްތިޞާދީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން، ޑޮލަރުގެ އަގު ކޮންޓްރޯލްކުރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް، އަމަލީ ގޮތުން ފެންނަނީ ޑޮލަރުގެ އަގު ހިފެހެއްޓުމެއް ނެތް މިންވަރަށް އުފުލެމުންދާ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ބަދަލުގައި، ސިޔާސީ މުވައްޒަފުންގެ އަދަދު އިތުރުކޮށް، ކުރީ ސަރުކާރުން ރައްކާކޮށްފައި ހުރި ރިޒާވް އެފަދަ ކަންކަމަށް ހޭދަކޮށް ހުސްކުރަމުންދާ ކަމަށް ވެސް ނާޒިލް ތުހުމަތުކުރެއްވިއެވެ. މީގެ އިތުރުން، ސަރުކާރުން ބާއްވާ ކުލަގަދަ ރަސްމިއްޔާތުތަކަށް ކުރާ ބޮޑެތި ޚަރަދުތަކާ މެދު ސުވާލު އުފައްދަވަމުން، މިއީ ރާއްޖޭގެ ތާރީޚުގައި ވެސް އިސްރާފު ބޮޑު ގޮތަކަށް ރަސްމިއްޔާތުތައް ބާއްވާ ސަރުކާރު ކަމަށް އޭނާ ސިފަކުރެއްވިއެވެ. ޚާރިޖީ ދާއިރާއިން ރާއްޖެއަށް އޮތް އިތުބާރު ގެއްލެމުންދާ ކަމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ އަގުވެއްޓި، ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ނުރުހުން އަމާޒުވަމުންދާ ކަމަށް ވިދާޅުވެ، ނާޒިލް ވަނީ ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ