ރައީސް މުއިއްޒުގެ އަވަށު ބައްދަލުވުންތަކުގައި އެންމެ ގިނައިން އަޑުއިވުނީ އިޒުނައާއި އެކީ ކުރުކޮށްލަދޭން އެދޭ އަޑެވެ. އަދަބުވެރިކަމާއި އެކު ކުރުކޮށްލަ ދެއްވާށޭ ބުނާ އަޑެވެ. އިތުރު ބޭބޭފުޅުންނަށް ފުރުސަތު ދެއްވުމަށް އަވަސް ކޮށްލަ ދެއްވާށޭ ކިޔާ އަޑެވެ. ފެނުނީ ޝުއޫރާއި ސުވާލު އަޑުއެހުމުގެ ކެތްތެރިކަން ނެތިގެން އުޅޭތަނެވެ.
ރައީސް އަރިހުގައި ދެންނެވުނު ގިނަ ސުވާލަށް ޖަވާބެއް ނުދެއްވުނެވެ. ބޮޑެތި ކަންބޮޑުވުންތައް ހައްލު ކޮށްދެއްވާނެ ގޮތެއް ވިދާޅެއް ނުވެވުނެވެ. ކޮށްދެއްވަން ވިދާޅުވާ ކަންކަމުގައި ކަމެއް އޮތް ނެތް ގޮތެއް ނުބައްލަވާ ކުއްލި ބޮޑެތި ނިންމުންތައް ނިންމަވާތީ ވެސް ފެނުނެވެ. ޖަޒްބާތުގައި ބުނެލާ ބުނެލުމަކުން ކަމެއް އިސްލާހު ކުރެވޭނީ ކިހިނެތް ހެއްޔެވެ. އަނެއްކޮޅުން ރައީސް އަރިހުގައި ބައްދަލުވުމަށް ގޮސް ތިބި ގިނަ މީހުން ތިބެނީ އާފުރެ ފުރެއެވެ. ހިޔާލެއް ފިކުރެއް ޝައުގެއް އެމީހުންގެ ނެތެވެ. އަވަށު ބައްދަލުވުން ތަކަކީ އުފެއްދުންތެރިކަމެއް ނެތް އިމޯޝަނަލް ޑްރާމާއެއް ވީމާ ވާނީ އެހެންތާއެވެ.
ރައްޔިތުންނާ ކިތަންމެ ގާތުން ބައްދަލުވީ ބައްދަލުވުން ތަކެއް ނަމަވެސް ރައީސް މުއިއްޒަށް ރަނގަޅަށް އެނގިވަޑައި ނުގަންނަވާ އެއްވެސް ވާހަކައެއް އެތާކު މީހަކު ނުދައްކައެވެ. ވެރިކަމަށް ހެއްދެވި މެނެފެސްޓޯއާއި ދެއަހަރު ވަންދެން ވެވަޑައިގެންހާ ވައުދުތަކުގައި ހުރީ އެވާހަކަތަކެވެ. މީހެއްގެ ގާތުން އަހާ އޮޅުން ފިލުވާނެ އައު އެއްޗެއް ނެތެވެ.
އަވަށު ބައްދަލުވުންތަކުން އާސަންދަ ނުލިބިގެން މަރަށްތެޅޭ ބަލިމީހުނަށް ފަސޭހައިން އާސަންދަ ހަމަޖެހޭނެ ގޮތެއް ބުނެއެއް ނުދެވުނެވެ. އައިޖީއެމްއެޗްގެ ދިގުކިއު ކުރުކުރެވޭނެ ގޮތެއް ބުނެއެއް ނުދެވުނެވެ. ރާއްޖޭން އާއްމުކޮށް ފަސޭހަކަމާއެކު ލިބެމުންއައި ބޭސް ނުލިބޭ ނުލިބުމަށް ދެވޭނެ ހައްލެއް ބުނެ ނުދެވުނެވެ. މާލޭގެ ގޯތި ގެދޮރުގެ މައްސަލަ އޮތީ އޮތް ގޮތަށެވެ. ގޯއްޗާއި ފްލެޓްގެ މައްސަލަތައް ހައްލުނުވުމުގެ އިތުރު ބޮޅަކަށް އަވަށު ބައްދަލުވުން ވީއެވެ. ކުލި ނުދައްކާ ތިބުމަކީ ކުލިމާފުވާ ކަމަކަށްވެ ގަވައިދުން ކުލިދެއްކުމަކީ ގޯހަކަށް ހެދިއްޖެއެވެ.
ތަފާތު ބަލިބަލީގެ ބަލި މީހުންނާއި ހާލުގައި ޖެހިފައިތިބި ނިކަމެތިންނާއި އަނިޔާ ލިބޭ ވިކްޓިމުންނާއި އެނޫންވެސް އެތައް ބަޔަކު އެއްކޮށްގެން އެ މީހުނަށް ކުޑައިމީސްކޮށް ބަަރަހަނާ ކުރުވުމުގެ އެއްވުންތަކަކަށް ނޫނީ އެކަމެއް ނުވިއެވެ. ނަފްރަތާއި ފިތުނައިގެ އޮއިވަރު ގަދަވެގެން ދިޔަ ކަމަކަށް ނޫނީ އެކަމެއް ނުވިއެވެ.
ފާލުނެއްޓި ހީރަސް ކެނޑިފައިވާ ގައުމެއްގައި ކޮންމެ ދާއިރާއަކުންވެސް ވަށާޖެހޭ ބޮޑު ހައްލު ހޯދާދެވޭނީ އާއްމުންގެ ހިޔާލާއި ފަންނީ މަޝްވަރާ ތަކުންނެވެ. އިމޯޝަނަލް ޑްރާމާއަކުން ނޫނެވެ. ރައީސުލްޖުމްހޫރިއްޔާ ނިކަމެތި ރައްޔިތުން ލައްވާ އެމީހުން ބަރަހަނާކޮށް ގަން ހިންގި ހިންގުމަކަށް ނޫނީ އަވަށު ބައްދަލުވުންތައް ނުވިއެވެ.
ނިކަމެތީންނާއި އަނިޔާލިބޭ މީހުނަށް ރައީސް ކުރީ ފުރައްސާރަ!؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ