މި އަހަރު ރާއްޖެ ގެނައުމަށް އަމާޒު ހިފާފައިވާ ފަތުރުވެރިންގެ އަދަދު 2.5 މިލިއަނަށް މަތިކުރުމާ އެކު، އަންނަ އަހަރަކީ 'ވިޒިޓް މޯލްޑިވްސް އިޔާ'ގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މިއަދު ވިދާޅުވީ ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސޯދުގެ މައިބަދަ ކަމަށެވެ.
ތަފްސީލް - ފަތުރުވެރިކަމުގައި މިދިޔަ އަހަރު ވެސް ގިނަ ކާމިޔާބީތައް ހޯދިފައިވާކަން ފާހަގަކުރައްވައި ރައީސް މިއަދު ވަނީ، މި އަހަރަށް ރާއްޖެ ގެނައުމަށް އަންދާޒާކޮށް ބަޖެޓުގައި ހިމަނާފައިވާ 2.4 މިލިއަން ފަތުރުވެރިންގެ އަދަދު މަތިކޮށް މިއަހަރު 2.5 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒުކުރާ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި:
މިދިޔަ އަހަރު 2.2 މިލިއަން ފަތުރުވެރިން ރާއްޖެ އައި؛ މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު %9.8 އިތުރު އަދަދެއް
ފަތުރުވެރިކަމުން މިދިޔަ އަހަރު 5.55 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު؛ މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %13.8 އިތުރު އަދަދެއް
މިއަހަރު 5.6 ބިލިއަން ޑޮލަރު ފަތުރުވެރިކަމުން ލިބޭނެ ކަމަށް އެމްއެމްއޭ އިން އަންދާޒާކުރޭ
"ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2.5 މިލިއަނަށް އިތުރުކޮށް %11.3ގެ ކުރިއެރުމެއް ހޯދުން،" އެ މަނިކުފާނު ވިދާޅުވި އެވެ.
މިކަން ހާސިލްކުރުމަށް އެންމެން ޝާމިލުވެގެން މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މި މަގުސަދު ހާސިލްކުރުމަށް 2027 ވަނަ އަހަރަކީ ވިޒިޓް މޯލްޑިވްސް އިޔާގެ ގޮތުގައި ކަނޑައަޅައި އިއުލާނު ކުރަން. މިއީ ފަތުރުވެރިކަމުގެ ސިނާއަތާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގުޅިފައިވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެންމެހާ ފަރާތްތައް ގުޅިގެން އިރާދަކުރެއްވިއްޔާ ހިންގާ ގައުމީ ބޮޑު ހަރަކާތަކަށް ވާނެ،" ރައީސް ވިދާޅުވި އެވެ.
ފާހަގަ ކުރެވޭ - މިދިޔަ އަހަރު ނިމުނުއިރު ރާއްޖެ އައި 2.2 މިލިއަން ފަތުރުވެރިންނަކީ ސަރުކާރުން މިދިޔަ އަހަރަށް ކަނޑައެޅި 2.3 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވުރެ ލައްކައެއްހާ ފަތުރުވެރިން މަދު އަދަދެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް 200،000އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. ދުވާލެއްގެ މައްޗަށް މިހާރު 7،000އަށް ވުރެ ގިނަ ފަތުރުވެރިން އަންނަ ކަމަށް ވެސް އެ ހިސާބުތައް ދައްކަ އެވެ.
މިއަހަރުގެ ފަތުރުވެރިންގެ އަމާޒު 2.5 މިލިއަނަށް މަތިކޮށްފި؛ 2027އަކީ 'ވިޒިޓް މޯލްޑިވްސް އިޔާ'
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ