އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ހިނގަމުންދާ ހަނގުރާމައިގެ ސަަބަބުން ރާއްޖެއަށް ޝެޑިއުލްކޮށްފައިވާ 496 ފުލައިޓެއް ކެންސަލްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެ ހަަނގުރާމައާ ގުޅިގެން ކުރިމަތިވާ ދަތިތައް ހައްލުކުރުމާއި ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު އުފައްދަވާފައިވާ މިނިސްޓަރުންގެ މައްޗަށް އެކުލެވޭ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތޯރިގު ވިދާޅުވީ ސަރުކާރުން މިވަގުތު އެންމެ އިސްކަމެއް ދީގެން ކުރާ މަސައްކަތަކީ ފްލައިޓްތަކުގެ ފްރިކުއެންސީ އިތުރުކޮށް އާ އެއާލައިންތަކާއެކު އެގްރީމެންޓްތައް ހަދައި ދަތުރުތައް ފެށުމުގެ މަސައްކަތްތައް ކަމަށެވެ.
މި މަހު ދުވާލަކު އެވްރެޖުކޮށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ހަނގުރާމައިގެ ސަބަބުން 1،150 ފަތުރުވެރިންނަށް ދަށްވެފައިވާ ކަމަށާއި އެއާލައިންތައް އިތުރު ގައުމުތަކުން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އިތިއޯފިއަން އެއާލައިނާއެކު ސޮއިކޮށް ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ތޯރިގު ވިދާޅުވީ ފަތުރުވެރިން އިތުރުކުރުމުގެ ގޮތުން އިންޑިއާއާއި ޗައިނާގައި ރާއްޖެ ޕްރޮމޯޓު ކުރުމުގެ ކެމްޕޭންތައް އިތުރުކޮށްފައިވާ ކަމަށާއި ވަކިން ހާއްސަކޮށް އިންޑިއާ އާއި އިންޑިއާގެ ވަކި ސްޓޭޓްތަކަށް އަމާޒުކޮށްގެން ޑިޖިޓަލް ކެމްޕެއިންތަކެއް ގެންދާނެ ކަމަށެވެ.
އޭގެ އިތުރުން ހަނގުރާމައިގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަށްވުމާ ގުޅިގެން ރިސޯޓުތަކަށް ގެއްލުންވަމުންދާތީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފަރާތުން ރިސޯޓުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހަނގުރާމައާ ގުޅިގެން 496 ފްލައިޓް ކެންސަލްކުރި: ތޯރިގު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ