ބީއެމްއެލްއިން ހިއްސާދާރުންނަށް ރެކޯޑް އަދަދެއް ބަހަން ފާސްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން، ހިއްސާދާރުންނަށް 323 މިލިއަން ރުފިޔާ ބެހުމަށް ފާސްކޮށްފި އެވެ.ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި 2025 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 60 ރުފިޔާގެ މަގުން ރެކޯޑު އަދަދެއްކަމަށްވާ ޖުމްލަ 322 މިލިއަން ރުފިޔާ ބެހުމަށް ވަނީ ފާަސްކޮށްފަ އެވެ.މިއީ ބޭންކުގެ ތާރީޚުގައި ވެސް ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ނިންމި އެންމެ ބޮޑު އަދަދެވެ. މިއީ ބޭންކުގެ މާލީ ނަތީޖާ ވަރުގަދަކަމާއި، ހިއްސާދާރުންނަށް ފައިދާ ހޯދައިދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން ހާމަކޮށްދޭ ކަމެއްކަމަށް އެ ބޭންކުން ވަނީ ބުނެފަ އެވެ.ބީއެމްއެލުން ވަނީ މިދިޔަ އަހަރު ރެކޯޑު މާލީ ނަތީޖާއެއް ހާސިލް ކޮށްފަ އެވެ. އެ އަހަރު އެ ބޭންކުން ހޯދާފައިވާ ނަތީޖާއަކީ މާލީ ގޮތުން ހޯދި ހަރުދަނާ ކުރިއެރުމާއި ހިދުމަތްތައް ފުޅާކުރުމަށް ކުރި މުހިންމު މަސައްކަތްތަކާއި ރާއްޖޭގެ ގައުމީ ބޭންކުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތަކަށް ދީފައިވާ ހާއްސަ ސަމާލުކަން ހާމަކޮށްދޭ ނަތީޖާ އެކެވެ.މިދިޔަ އަހަރު ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ބީއެމްއެލަށް ލިބިފައި ވެ އެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 9.8 ޕަސެންޓުގެ ކުރިއެރުމެކެވެ. ބީއެމްއެލްގެ ބެލެންސް ޝީޓަށް އައި ބޮޑު ކުރިއެރުމާ އެކު، އެ ބޭންކުގެ ޖުމްލަ އެސެޓް ވަނީ 55.8 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އަމިއްލަ ފަރުދުންގެ ބޭނުންތަކަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރި އާއި ކޯޕަރޭޓް ކަސްޓަމަރުންގެ ވިޔަފާރިތަކާއި އިގްތިސާދުގެ މުހިންމު ސިނާއަތްތައް ފުޅާކޮށް ތަރައްގީކުރުމަށް، ލޯނާއި ފައިނޭންސންގެ ގޮތުގައި މިދިޔަ އަހަރު ބީއެމްއެލުން ވަނީ އަލަށް 10 ބިލިއަން ރުފިޔާ ދޫކޮށްފަ އެވެ. އެއީ އެ ބޭންކުގެ ތާރީހުގައި ވެސް އެއް އަހަރުގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ ލޯނު ދޫކުރި އަހަރެވެ.މިދިޔަ މާލީ އަހަރު 30,000 އަށް ވުރެ ގިނަ އާ ކަސްޓަމަރުން ބީއެމްއެލާ ގުޅި، އަދި ކަސްޓަމަރުންގެ ޑިޕޮސިޓް 2024 ވަނަ އަހަރަށް ވުރެ 16 ޕަސެންޓު އިތުރުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ