ލަންކާއިން ތެލުގެ ރިޒާވް ދަމަހައްޓަން، އުޅަނދުތަކަށް ކޯޓާ ކަނޑައަޅައިފި

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާ މި ދަނޑިވަޅުގައި، ތެލުގެ ރިޒާވް ދެމެހެއްޓުމަށް، އެއްގަމު އުޅަނދުތަކަށް ކޮންމެ ހަފުތާއަކު ތެޔޮ ދޫކުރާނެ މިންވަރުގެ ކޯޓާ ކަނޑައަޅައިފިއެވެ. ސްރީލަންކާއިން ވަނީ، އުޅަނދުތަކަށް ޕެޓްރޯލާއި ޑީސަލް ދޫކުރުމަށް، ކިއުއާރު ކޯޑް ބޭނުންކުރާ ނިޒާމެއް މިއަދު ތައާރަފުކޮށްފައެވެ. ލަންކާގެ ހަކަތައާ ބެހޭ މިނިސްޓްރީން ބުނި ގޮތުގައި، ޕެޓްރޯލާއި ޑީސަލް ދޫކުރާ މިންވަރު ކޮންޓްރޯލް ކުރަނީ ދެ ސަބަބަކާ ހެދިއެވެ. އެއް ސަބަބަކީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ތެލުގެ ބާޒާރަށް ބުރޫ އެރުމެވެ. ދެވަނަ ސަބަބަކީ، ތެލުގެ އަގު އުފުލުމާއެކު ގަވައިދާ ޚިލާފަށް ތެޔޮ ރައްކާ ކުރުމާއި ކަޅު ބާޒާރުގައި ވިއްކުން އިތުރުވުމެވެ. އެ މިނިސްޓްރީން ވަނީ، މިއަދުން ފެށިގެން ކޮންމެ އުޅަނދަކަށް ތެޔޮ ދޫކުރާނީ ހަފުތާއަކު އެއް ފަހަރު އުޅަނދުގެ ވެރިފަރާތަށް ފޮނުވާ ކިއުއާރު ކޯޑަކުން ކަމަށް ބުނެފައެވެ. އެ ކިއުއާރު ކޯޑާ ނުލައި އެއްވެސް ތަނަކުން ތެޔޮ ދޫނުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ނަމަވެސް، ޒަރޫރީ ޚިދުމަތްތަކާއި ދަނޑުވެރިކަމުގެ ދާއިރާއާ ގުޅުންހުރި އުޅަނދުތަކަށް ތެޔޮ ލިބުން ކަށަވަރުކުރުމަށް ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. ލަންކާއަށް މީގެ ކުރިން ދިމާވި އިގުތިސާދީ ހީނަރުކަމުގެ ތެރޭގައި ވެސް، ތެޔޮ ދޫކުރަން ކިއުއާރު ކޯޑް ނިޒާމު ބޭނުންކޮށްފައިވެއެވެ. އެ ފަހަރު އެ ނިޒާމަށް ރެޖިސްޓާކުރި މީހުންނަށް މި ފަހަރު ވެސް ކިއުއާރު ކޯޑް ލިބޭނެއެވެ. އަދި އަލަށް ރެޖިސްޓާ ކުރަން ބޭނުންވާ މީހުންނަށް އެކަމަށް ޚާއްސަ، ފިއުލް ޕާސް ވެބްސައިޓް މެދުވެރިކޮށް ރެޖިސްޓާ ކުރެވޭނެއެވެ. ޑެޕިއުޓީ މިނިސްޓަރު އޮފް އެނާޖީ އަރްކަމް އިލްޔާސް ދަ ސަންޑޭ މޯނިންއަށް ވިދާޅުވި ގޮތުގައި، އެ ގައުމުން އަޅަން މަޝްވަރާ ކުރަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ތެޔޮ ބޭނުންކުރުން މަދުކުރުމަށް ގޭގައި ތިބެގެން އޮފީހުގެ މަސައްކަތްތައް ކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ. "މިވަގުތު އުއްމީދު ކުރަނީ މިހާރުގެ ސްޓޮކް ލެވެލް ދެމެހެއްޓޭނެ ކަމަށް. މި ހާލަތު ދިގު މުއްދަތަކަށް ދެމިއޮވެ، އެއީ ކޮންމެހެން ބޭނުންތެރި ކަމަކަށް ވެއްޖެ ނަމަ އެފަދަ ފިޔަވަޅުތަކަށް ވިސްނާނަން. އެހެން ނޫނީ ބޭނުމެއް ނުވާނެ." މީގެ އިތުރުން މިނިސްޓްރީން ތެޔޮ ސަޕްލައި ހޯދުމަށް ބައިނަލްއަގްވާމީ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީންކަން މިނިސްޓަރުގެ ނައިބު ދެއްވިއެވެ. ލަންކާގެ ހަކަތައާ ބެހޭ މުހިންމު އެއް ޕާޓްނަރަކީ އިންޑިއާއެވެ. "އަޅުގަނޑުމެންނަށް މެދުނުކެނޑި އިންޑިއާއިން ސަޕްލައިތައް ލިބެމުން އަންނަނީ. ހަމަ އެގޮތަށް ސަޕްލައި ކުރަމުންދާނެ ކަމުގެ ޔަގީންކަން ދީފައި. އަޅުގަނޑުމެން އޯޑަރުކުރި ބައެއް ތަކެތި މިހާރުވެސް އައިސް އިތުރު ޝިޕްމަންޓްތައް ފޮނުވަމުން އެބަދޭ،" އިލްޔާސް ވިދާޅުވިއެވެ. ތެލުގެ ސަޕްލައި ހޯދުމަށް ރަޝިޔާއާ މަޝްވަރާކުރަމުންދާ ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ. އިލްޔާސް ވިދާޅުވި ގޮތުގައި ސަޕްލައި ވޮލިއުމްތަކާއި އަގު ކަނޑައެޅުމާއި ޝިޕިން އިންތިޒާމްތަކާއި އެހެނިހެން މަޝްވަރާތައް ދުވަހުން ދުވަހަށް ދަނީ މުރާޖައާ ކުރަމުންނެވެ. ލަންކާއަށް ކުރިމަތިވި އިގްތިސާދީ ދަތިކަމާ ގުޅިގެން ތެލުގެ ދަތިކަން މެނޭޖްކުރުމަށް ނެޝަނަލް ފިއުލް ޕާސް ތައާރަފްކުރީ 2022 ވަނަ އަހަރެވެ. ކިއުއާރު ކޯޑަށް ބިނާކޮށް ކުރިއަށް ގެންދިޔަ މި ނިޒާމުގެ ސަބަބުން އުޅަނދުފަހަރުގެ ވެރިންނަށް ހަފުތާއަކު އެއްފަހަރު، އުޅަނދަށް ޚާއްސަ ފިއުލް ކޯޓާއެއް ހޯދުމުގެ ފުރުސަތު ލިބެއެވެ. އެ ކޯޓާ ދެނީ ފިލް ސްޓޭޝަންތަކުގައި ސްކޭންކޮށް އެލޮކޭޝަންތައް ރަނގަޅުތޯ ޗެކްވެސް ކުރުމަށްފަހުއެވެ. މި ނިޒާމު ހުއްޓާލާފައިވަނީ ސެޕްޓެމްބަރު 1، 2023 ގައެވެ. މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލެމުން އަންނައިރު، އަގު ތިރިކުރުމަށް، އިންޓަނޭޝަނަލް އެނާޖީ އޭޖެންސީ (އައިއީއޭ)އިން ވަނީ ރެކޯޑް އަދަދެއް ކަމަށްވާ، 400 މިލިއަން ފީފާގެ ތެޔޮ ބާޒާރަަށް ނެރޭނެ ކަމަށް ބުނެފައެވެ. އެހެންނަމަވެސް، އޭގެ ފަހުން ވެސް ތެޔޮ ފީފާއެއްގެ އަގު ވަނީ 100 ޑޮލަރަށް ވުރެ މައްޗަށް އުފުލިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ