މިހާރު ރާއްޖޭގައި ކުރިއަށްދާ ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ގިނަ އަދަދެއްގެ ބަންގްލަދޭޝް ސަޕޯޓަރުން ދަނޑަށް ވަދެ، ޓީމަށް ހިތްވަރުދޭތީ، "ހޯމް" މެޗުތަކެއްގެ އިހުސާސް ކުރެވޭ ކަމަށް ބަންގްލަދޭޝްގެ އެސިސްޓަންޓް ކޯޗު، އަތީގުއްރަހްމާން މީޝޫ ބުނެފި އެވެ.
ސާފްގެ 19 އާއި 20 އަހަރުން ދަށުގެ މުބާރާތްތަކުގެ ފައިނަލަށް ބަންގްލަދޭޝް އިން މި ވަނީ ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ދަތުރުކޮށްފަ އެވެ. އެންމެ ފަހުން، 20 އަހަރުން ދަށަށް ސާފް ޗެމްޕިއަންޝިޕް ބޭއްވިއިރު، 2024 ވަނަ އަހަރު، ބަންގްލަދޭޝް އިން ވަނީ ނޭޕާލް ބަލިކޮށް ޗެމްޕިއަންކަން ހޯދައިފަ އެވެ. އެކަމަކު، މިދިޔަ އަހަރު މި މުބާރާތް 19 އަހަރުން ދަށަށް ބޭއްވިއިރު، ޕެނަލްޓީ ޖަހައިގެން އިންޑިއާ އަތުން ބަންގްލަދޭޝް ވީ ބައްޔެވެ. ބަންގްލަދޭޝް އިން އިއްޔެ ހަވީރު މި ފަހަރުގެ ސާފްގެ 20 އަހަރުން ދަށުގެ މުބާރާތުގެ ފުރަތަމަ ސެމީގައި ވަނީ 1-0 ނޭޕާލް ބަލިކޮށްފަ އެވެ.
ގްރޫޕްގެ ފަހު މެޗުގައި އިންޑިއާއާ ދެކޮޅަށް ބަންގްލަދޭޝް ކުޅެ 1-1 އިން އެއްވަަރުވި މެޗުގައި ދެއްކި ރަތް ކާޑުގެ ސަބަބުން ބަންގްލަދޭޝްގެ ކޯޗު މާކް ކޮކްސް ހުރީ އިއްޔެގެ މެޗުގައި ސަސްޕެންޝަނުގަ އެވެ. އެހެންވެ، ޓީމުގެ ބެންޗުން އިރުޝާދުދެމުން އައީ އެސިސްޓަންޓް ކޯޗު އަތީގުއްރަހްމާން އެވެ.
މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، އަތީގުއްރަހުމާން ބުނީ، ފުރަތަމަ މެޗުން ފަށައިގެން ގިނަ އަދަދެއްގެ ބަންގްލަދޭޝް ސަޕޯޓަރުން ދަނޑަށް އައިސް ޓީމަށް ސަޕޯޓް ދޭތީ ރަނގަޅު ކުޅުމެއް ދައްކަން ހިތްވަރު ލިބޭ ކަމަށެވެ.
"ވަރަށް އުފާވޭ، ވަރަށް ފަހުރުވެރިވޭ އެ މީހުން އައިސް އެ ގޮތަށް އަހަރެމެންނަށް ސަޕޯޓްދޭތީ، އަހަރެމެންނަށް ކުރެވެނީ އަމިއްލަ ހޯމްގެ އިހުސާސް،" އަތީގުއްރަހުމާން ބުންޏެވެ.
މި ފަހަރުގެ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި އެވްރެޖްކޮށް އެންމެ ގިނަ ސަޕޯޓަރުން ވަދެފައިވަނީ ބަންގްލަދޭޝްގެ މެޗުތަކަށެވެ. އެ ގޮތުން، ގްރޫޕް ސްޓޭޖުގައި ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗަށް 2550 ސަޕޯޓަރުން ވަންއިރު، ގްރޫޕް ސްޓޭޖުގައި އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗަށް 3932 ސަޕޯޓަރުން ވަދެފައިވެ އެވެ. އަދި، އިއްޔެގެ ސެމީ ފައިނަލަށް، 3910 ސަޕޯޓަރުން ވަނެވެ. ރާއްޖެ ކުޅުނު މެޗަކަށް އެންމެ ގިނަ ސަޕޯޓަރުން ވަނީ ނޭޕާލާ ދެކޮޅަށް ކުޅުނު މެޗަށެވެ. އެއީ، 3863 ސަޕޯޓަރުންނެވެ.
އަތީގުއްރަހްމާން ބުނީ، ބަންގްލަދޭޝް އިން ސާފް އުމުރުުފުރާ މުބާރާތްތަކުގެ ފައިނަލަށް ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ދިއުމަކީ ވެސް ކާމިޔާބެއް ކަމަށެވެ. އެންމެ ފަހުން ބޭއްވި 20 އަހަރުން ދަށުގެ މުބާރާތުގެ ޗެމްޕިއަންގެ ގޮތުގައި، ފައިނަލަށް ނުކުމެ، މާދަމާރޭ އިންޑިއާ އަތުން ކާމިޔާބު ހޯދުމުގެ އަޒުމުގައި މަސައްކަތް ކުރާނެ ކަމަށް އަތީގުއްރަހްމާން ވަނީ ބުނެފަ އެވެ.
އިންޑިއާ އާއި ބަންގްލަދޭޝް ކުޅޭ ފައިނަލް މެޗު އޮތީ މާދަމާރޭ 20:30 ގަ އެވެ.
ރާއްޖޭގައި ކުޅޭތީ ބަންގްލަދޭޝްގެ "ހޯމް" އިިހުސާސް ކުރެވޭ ރާއްޖޭގައި ކުޅޭތީ ބަންގްލަދޭޝްގެ "ހޯމް" އިިހުސާސް ކުރެވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ