ެރޮސެނިއާ، ޗެލްސީގެ ކޯޗުކަމާ ހަވާލުވާން އެއްބަސްވެއްޖެ ެރޮސެނިއާ، ޗެލްސީގެ ކޯޗުކަމާ ހަވާލުވާން އެއްބަސްވެއްޖެ

ލަންޑަން (ޖެނުއަރީ 6) - ހުސްވެފައިވާ ޗެލްސީގެ ކޯޗުގެ މަގާމާ ހަވާލުވުމަށް ސްޓްރާސްބޯގެ ކޯޗަކަށް ހުރި ލިއަމް ރޮސެނިއާ އެއްބަސްވެއްޖެ އެވެ.
އުމުރުން 41 އަހަރުގެ ރޮސެނިއާ ބުނީ، ޗެލްސީއާ ހަވާލުވާން އަނގަބަހުން އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށާއި، ޗެލްސީން ލިބުނީ ދޫކޮށްލެވޭ ވަރަށް ވުރެން ރަނގަޅު ފުރުސަތެއް ކަމަށެވެ.
"އަހަންނަށް މި ވަރުގެ ފުރުސަތެއް ދޫކޮށެއް ނުލެވޭނެ، މިއީ، އާދަޔާހިލާފު ވަރުގަދަ ކްލަބެއްގެ ހުށަހެޅުމެއް. ވަރަށް ވަރުގަދަ ސްކޮޑެއް އޮތް، ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަނުން މިއީ،" ޗެލްސީއާ ހަވާލުވާން ނިންމި ސަބަބާ ބެހޭގޮތުން ރޮސެނިއާ ބުންޏެވެ.
އިނގިރޭސި 21 އަހަރުން ދަށުގެ ޓީމަށް ކުރިން ކުޅުނު ރޮސެނިއާ، ކޯޗިން ކެރިއަރު ފެށީ، 2022 ވަނަ އަހަރު އެވެ. ޑާބީ ކައުންޓީގެ ވަގުތީ ކޯޗަކަށް 2022 ވަނަ އަހަރު މަސައްކަތްކުރި ރޮސެނިއާ، ފަހުން، 2022 އިން 2024 އަށް ހަލް ސިޓީގެ ކޯޗަކަށް ހުރުމަށް ފަހު، ސްޓްރާސްބޯއާ ހަވާލުވީ ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.
ސްޓްރާސްބޯ ދޫކޮށްލަން ޖެހޭތީ ހިތާމަކުރާ ކަަމަށާއި އަބަދުވެސް އެ ޓީމު ދެކެ ލޯބިވާނެ ކަމަށް ރޮސެނިއާ ވަނީ ބުނެފަ އެވެ. އަދި، ޗެލްސީއާ އެކު ވަރަށް އަވަހަށް ކޮންޓްރެކްޓެއްގައި ސޮއިކުރާނެ ކަމަށް ރޮސެނިއާ ވަނީ ބުނެފަ އެވެ.
ސްޓްރާސްބޯ އަކީ، ޗެލްސީ ހިންގަމުން އަންނަ އެއް ހިއްސާދާރު ކުންފުނި، ބްލޫކޯ އިން ހިންގަމުން އަންނަ ކްލަބެކެވެ. ޗެލްސީގެ ކޯޗަކަށް ރޮސެނިއާ އަންނަނީ، ސްޓްރާސްބޯގައި އޭނާއާ އެކު މަސައްކަތް ކުރި ކޯޗިން ޓީމު ގޮވައިގެންނެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން، ޗެލްސީން 1-1 އިން މެންޗެސްޓާ ސިޓީއާ އެއްވަރުވި މެޗުގައި، ޗެލްސީ އަށް ކޯޗުކޮށްދިން އެ ޓީމުގެ 21 އަހަރުން ދަށުގެ ޓީމުގެ ކޯޗު، ކަލުމް މެކްފާލޭން ބުނީ، ކުރިއަށްއޮތް ދުވަސްތަކުގައި ޗެލްސީގެ އާ ކޯޗެއް ފެނިގެންދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ