ދުނިޔެ އާއި އަހަރެމެންގެ އަވަށްޓެރި ގައުމުތަކާއި އަދި ރާއްޖެއަށް ވެސް އަންނަމުންދާ "ތަރައްގީ"ގެ ސަބަބުން އަދު އަހަރެމެން ހެޔޮހާލުގައި ދިރިތިބުމަށް ނޭވާލާން ބޭނުންވާ ވައި ތަގައްޔަރު ވެއްޖެ އެވެ. ހިތަށް އުފާލިބޭ ޅެންބައިތުތަކުގައި ގިނަގިނައިން އެ އޭގެ ވާހަކަ ލިޔެވޭ، ރާއްޖޭގެ ކަނޑުފަޅުން އަންނަ ހިތްގައިމު ވައިރޯޅިއަކީ އަހަރެމެންގެ ސިއްހަތަށް ނުރައްކާވެދާނެ އެއްޗެއް ކަމަށް ދިވެހިންގެ ހިޔާލަށް ދުވަހަކު ވެސް އައިބާއޭ ހިތަށްއަރަ އެވެ. ނަމަވެސް މިއަދު މިއޮތީ އަހަރެމެންނަށް އެ ދުވަހާ ބައްދަލުވެފަ އެވެ. ކޮންމެ އަހަރަކު ހުޅަނގުން އިރުވަޔަށް މޫސުން ބަދަލުވާ ދުވަސްވަރު އިރު އުތުރުން ދިވެހި ރާއްޖެއަށް ދަތުރުކުރާ އިރުވަޔާ އެކު އަންނަނީ އުތުރު އިންޑިއާ ސަރަހައްދުން އުފެދޭ "ތަަރައްގީ"ގެ ވިހަ ދުމާއި ކުނޑީގެ ވަ އެވެ.
މިއަށް އެކި ބަސްތަކުން ނަންދީފައިވެ އެވެ. އިނގިރޭސިބަހުން މިއަށް "ހޭޒް" އަދި "އެއާ ޕޮލިއުޝަން" ވެސް ކިޔަ އެވެ. މާނަކުރެވެނީ ވައި ނުސާފުވާ ފުސްކަމެއްގެ ގޮތުގަ އެވެ. ދިވެހިން މިއަށް "ބަނަފިނި" އަދި "ދުންފިނި" ވެސް ކިޔާ ކަމަށް ފާހަގަކުރެވެ އެވެ. މިއިން އެއްވެސް ބަހަކުން މިވަނީ ކިހާވަރެއްގެ ކަމެއްކަން ދޭހައެއް ނުކުރެ އެވެ. އަހަރެން ދެކޭގޮތުގައި މިއަށް ކިއުން އެންމެ އެކަށީގެންވާ ނަމަކީ ވިހަކުނޑި ވަ އެވެ. އެއީ އިންސާނާގެ ސިއްހަތަށް ނުރައްކާވާ މިންވަރަށް ވިހަވެފައިވާ ކުނޑިން ތަގައްޔަރުވެފައިވާ ވައި ކަމަށްވާތީ އެވެ. ވިހަ ވަޔަށް ވިހަ ވަޔޭ ނުކިޔާ ފަރުޖެހޭކަށް ނެތެވެ. އަހަރެމެން ދިރިއުޅެންޖެހޭ މާހައުލު ވިހަވެ، ތަގައްޔަރުވެ، ސިއްހަތަށް ނުރައްކާވާ މިންވަރަށް ހާލަތު ދަށަށްގޮސްފައި މިވަނީ ފަހުގެ ޒަމާނީ "ތަރައްގީ"ގެ ސަބަބުންކަމާ ދޭތެރޭ ޝައްކެއްނެތެވެ. މިއީ މުޅިދުނިޔެ ދަންނަ ހަގީގަތެކެވެ. ނަމަވެސް އިންސާނުން އެއާނުލާ ދިރިތިބެވެން ނެތް، ނޭވާލާ ވައި "ތަރައްގީ"ގެ ސަބަބުން ތަޢައްޔަރުވެގެން ދިއުމަކީ ފިކުރު ހިންގާލަންޖެހޭ ކަމެކެވެ. އަދި މި ހާލަތުގެ ސަބަބުން ނިކުންނާނެ ނަތީޖާތަކާދޭތެރޭ ވިސްނާލަން ޖެހެ އެވެ.
އިންސާނާ ނޭވާލާން ބޭނުންވާ ސާފުވަޔަކީ ކޮންމެހެން ގާނޫނެއްގައި ލިޔެވިގެން ހިމާޔަތްކުރަން ޖެހޭ އެއްޗެއް ކަމަކަށް ނުދެކެމެވެ. ނަމަވެސް ސާފުތާހިރު ވެށްޓަކީ އިންސާނާގެ ދުޅަހެއުކަމަށް ކޮންމެހެން ބޭނުންވާ އެއްޗެކެވެ. ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ތަފްސީލީ ގޮތެއްގައި އޮތީ ރައްޔިތުންގެ އަސާސީ ހައްގުތައް ކަނޑައަޅާފަ އެވެ. މި ގާނޫނުގެ 23 ވަނަ މާއްދާގައި ބުނަނީ މި މާއްދާގައިވާ "ހައްގުތަކަކީ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ހައްގުތަކެއް ކަމަށް މި ގާނޫނުއަސާސީ އިން ކަނޑައަޅާ ހިނދު، ދައުލަތުގެ ތަނަވަސްކަމާއި ކުޅަދާނަކަން ހުރި މިންވަރަކަށް އެ ހައްގުތައް ރައްޔިތުންނަށް ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް ދައުލަތުން މަސައްކަތް ކުރަންވާނެ" ކަމަށެވެ. އެގޮތުން މި މާއްދާގެ (ރ)ގައި ބުނަނީ "ދިރިއުޅޭނެ ސާފު އަދި ސިއްހަތަށް ރަނގަޅު މާހައުލެއް ލިބުން" އެއީ އަސާސީ ހައްގެއް ކަމަށެވެ. ނަމަވެސް މިއަދު މި އަސާސީ ހައްގުން ރައްޔިތުން ވަނީ މަހުރޫމުވެފަ އެވެ. އަދި ގާނޫނުއަސާސީގައި ބުނާގޮތަށް މި ހައްގުތައް ރައްޔިތުންނަށް ހޯދޭނެ މަގު ތަނަވަސްކުރުމަށް ދައުލަތުން ކުރަންޖެހޭ މަސައްކަތް ކުރާތަނެއް ފެންނާކަށް ނެތެވެ. އެއީ ދައުލަތުގެ ނުކުޅެދުންތެރިކަމުގެ ސަބަބުން ކަމަށްބެލޭނެ ޖާގައެބައޮތެވެ.
ލިބެންހުރި މައުލޫމާތުން ހާމަވަނީ ދިވެހިރާއްޖޭގައި "ހޭޒް" ފުރަތަމަ ފަހަރަށް ފާހަގަވެފައި ވަނީ 1997ގެ އޮކްޓޫބަރާއި ޑިސެމްބަރާ ދެމެދުގަ އެވެ. މިކަން ހިނގީ އިންޑޮނީޝިއާގެ ޤުދުރަތީ ގޮތުން މުއްސަނދި ބޮޑެތި ސަރަހައްދުތަކަކުން ގަސްތައްކަނޑައި އެންދުމާ ގުޅޭ ބޮޑު ތިމާވެށީގެ ކާރިސާ އެއްގެ ސަބަބުން، ވަށައިގެންވާ އަވަށްޓެރި ގައުމުތަކަށް ތަގައްޔަރުވެފައިވާ ވައި ފެތުރުމާ ގުޅިގެންނެވެ. އަދި މި ބޮޑު ކާރިސާގެ ފަހުން މިވީ 28 ވަރަކަށް އަހަރުގެ ތެރޭގައި ވިހަ ކުނޑި ވައި ރާއްޖެ އައުމަކީ އާންމުކަމެއްގެ ގޮތުގައި އޮތީ ސިފަވެފަ އެވެ. އަހަރެމެން ނޭވާލާން ބޭނުންވާ ވައިގެ ސާފުކަމާ ތާޒާކަން ދިވެހި ސަރުކާރުތަކަށާއި ދައުލަތަށް ކަށަވަރު ކުރުމަށް އޮތީ ނުކުޅެދިފަ އެވެ.
މާލެ ސަރަހައްދުގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރު ވެފައިވާތީ ސިއްހަތު ރައްކާތެރިކުރުމާބެހޭ ސަރުކާރުގެ އިދާރާ އެޗުޕީއޭ އިން މި ޑިސެމްބަރު މަހު ވަނީ އެކި އިއުލާނުތައް އާންމުކޮށްފަ އެވެ. އޭގެ ތެރެއިން އެއް އިއުލާނަކީ 12 ޑިސެމްބަރު 2025ގައި އެޗްޕީއޭގެ ފޭސްބުކް ޕޭޖުގައި ހިއްސާކުރި، ނުސާފުވައިން އިންސާނާގެ ހަށިގަނޑަށް ކުރާ ނޭދެވޭ އަސަރުތަކުގެ ތަފްސީލު ކިޔައިދޭ ވީޑިއޯ އެކެވެ. ރާއްޖޭގެ ސިއްހަތާބެހޭ ވުޒާރާ އާއި އދ.ގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އަދި އެޗްޕީއޭ އިން ތައްޔާރުކޮށްފައިވާ މި ވީޑިއޯ ނިންމާލަމުން ބުނެފައިވަނީ "ވައިނުސާފުވުން ހުއްޓުވުމަށް އެންމެން މަސައްކަތް ކުރަމާތޯ" މިހެންނެވެ. މި މެސެޖު އަޑުއިވުމުން ބޮޑު ހައިރާންކަމެއް ލިބުނެވެ. މި ހުރިހާ އިދާރާތަކުން ރާއްޖޭގެ ރައްޔިތުންގާތު މި ބުނަނީ އުތުރު އިންޑިއާއިން އުފެދިގެން ރާއްޖެއަށް އިރުވަޔާ އެކު ހިޖުރަކުރާ ވިހަކުނޑި ވައި އުފެދުން ހުއްޓުވުމަށް ރާއްޖޭގެ ރަށްވެހިން މަސައްކަތް ކުރަންޖެހިފައިވާ ކަމަށްތޯ އެވެ؟ އެހެންކަމަށްވާ ނަމަ އެއީ ރައްޔިތުން ކިހިނެއް ކުރަންޖެހޭ މަސައްކަތެއްތޯ ވެސް ސާފުކޮށްދިނުން މުހިންމެއް ނޫންތޯ އެވެ؟ ދެން އުފެދޭ ސުވާލަކީ ގާނޫނު އަސާސީގެ 23 ވަނަ މާއްދާގައި ބުނާ، ރައްޔިތުންގެ އަސާސީ ހައްގެއް ކަމަށްވާ ސިއްހަތަށް ރަނގަޅު ސާފު މާހައުލެއް ހޯދުމަށް މަސައްކަތް ކުރުމަށް ދިވެހިދައުލަތަށް ކުޅަދާނަކަން އޮތް މިންވަރަކީ މީތޯ އެވެ؟
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ސިއްހަތަކީ ކޮބައިކަން މާނަކޮށްފައިވެ އެވެ. މި މާނަކުރުމުގައި ބުނަނީ، "ސިއްހަތަކީ ހަމައެކަނި ބައްޔެއް ނުވަތަ ބަލިމަޑުކަމެއް ތަހައްމަލު ކުރަންޖެހިފައި ނެތުމުގެ ހާލަތެއްނޫނެވެ. އަދި އެއީ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާއީ ގޮތުން ފުރިހަމަ ދުޅަހެޔޮ ހާލަތެއްގައި ހުރުމެވެ." އަހަރެމެން ނޭވާލާންޖެހިފައިވާ ވައި ނުރައްކާތެރި މިންވަރަކަށް ތަޢައްޔަރު ވުމުގެ ސަބަބުން އަހަރެމެންގެ ސިއްހަތަށް ކުރާނެކަމަށް ބެލެވޭ ސީރިއަސް ނޭދެވޭ އަސަރުތަކާއި ބަލިމަޑުކަމުގެ ތަފްސީލު އެޗްޕީއޭގެ ވީޑިއޯއިން ބުނެދެ އެވެ. އޭގެތެރޭގައި މި ވިހަކުނޑި ވައިގެ ސަބަބުން އަހަރެމެންގެ ފުއްޕާމެއަށާއި ސިކުނޑިއަށާއި ހިތާއި ލޭނާރުތަކަށް ގެއްލުންވުމާއި ހިތުގެ ބަލިތަކާއި ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކަށް ހުށަހެޅުން ހިމެނެ އެވެ. މިއީ އާންމުންނަށް އެނގުން މުހިންމު ސިއްހީ މައުލޫމާތު ކަމާދޭތެރޭ ސުވާލެއް ނެތެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނުން ނޭވާލާވައި ތަގައްޔަރުވުމުގެ ސަބަބުން އަހަރެމެންނަށް ކުރާ އަސަރުތައް ދެނެގަތުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ރިޕޯޓެއް ތައްޔާރުކޮށް ސެޕްޓެމްބަރު 2025ގައި ޝާއުއުކޮށްފައިވެ އެވެ. "ކްރޭޑްލް ޓު ގްރޭވް" (ނުވަތަ ތުއްތުއެނދުން ފެށިގެން މަހާނައަށް) މި ސުރުހީގެ ދަށުން ތައްޔާރުކޮށްފައިވާ މި ދިރާސީ ރިޕޯޓުން ވެސް ޝައްކެއްނެތް މިންވަރަށް ސާފުކޮށް ބަޔާންކުރަނީ، އެޗްޕީއޭގެ ވީޑިއޯ އެކޭ އެއްފަދައިން، ތަގައްޔަރުވެފައިވާ ވަޔާގުޅޭ ގޮތުން އިންތިހާއަށް ކަންބޮޑުވާންޖެހޭ ސިއްހީ ނުރައްކާތަކެއްގެ ހަގީގަތްތަކެވެ. ދުނިޔޭގެ "ތަރައްގީ" އަށް ހަކަތަދޭ ތެލާއި ދެއްޔާއި ގުޅިފައިވާ ވެށި ތަގައްޔަރުވާ އެންދުންތަކުގެ ސަބަބުން އިންސާނުންގެ ސިއްހަތަށް އޮތް ނުރައްކަލުގެ މިންވަރު ދަނީ ކޮންމެ އަހަރަކު ބޮޑުތަނުން އިތުރުވަމުންނެވެ. އަދި މިގޮތުން އުފެދޭ ވިހަކުނޑީގެ ވައިގެ ސަބަބުން ސިއްހަތަށް ނުރައްކާވެ، އަހަރަކު އަށް މިލިޔަން މީހުންގެ ފުރާނަ ނެތިދާ ކަމަށް މި ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ކޮންމެއަހަރެއް ފެށޭއިރު އިރުވަޔާއެކު ރާއްޖެއަށް ހިޖުރަކުރާ ވިހަކުނޑި ވަޔަކީ އެ އުފެދޭ ހިސާބުތަކުގެ އެތައްބައެއްގެ ފުރާނައަށް ގެއްލުންދޭ އެއްޗެކެވެ. އަވަށްޓެރި އިންޑިއާގެ ހާލަތަށް ބަލާ އިރު، ދިރާސީ އެއް މަސްދަރަކުންް ބުނަނީ އިންޑިއާގައި ވައި ތަގައްޔަރުވުމުގެ ސަބަބުން 2019ގައި 1.67 މިލިއަން މީހުން މަރުވެފައިވާ ކަމަށެވެ. މިއީ ކޮވިޑް-19ގެ އާލަމީ ވަބާގައި ވެސް އެ ގައުމުގައި މީހުން މަރުވި އަދަދު ނާރާ މިންވަރެކެވެ. އަދި 2023ގައި އިންޑިއާގެ ވެރިރަށް ދިއްލީގައި ކޮންމެ ހަތް މީހެއްގެ ތެރެއިން އެކަކު މަރުވެފައިވަނީ ވިހަވަޔާއި ގުޅިފައިވާ ބަލިމަޑު ކަމެއްގެ ސަބަބުންނެވެ. ދިވެހި ރާއްޖޭގައި މިފަދަ ތަފާސްހިސާބެއް ހެދިފައިވާ ކަމަށް ފެންނަން ނެތަސް، ރާއްޖޭގައި މީހުން މަރުވުމަށް ހުށަހެޅޭ އެންމެ އާންމު ސަބަބަކީ ހިތުގެ ބަލިތަކެވެ. ޑަބްލިޔުއެޗްއޯ އިން ބުނާ ގޮތުގައި ވިހަކުނޑި ވަޔަކީ ހިތުގެބަލިތަކާއި ނޭވާލާ ނިޒާމުގެ ބަލިތަކަށް އަހަރެމެން ހުށަހެޅޭ ނުރައްކަލެކެވެ. ސައިންސުވެރިންގެ ހޯދުންތަކުން ވެސް ވިހަކުނޑި ވަޔާއި ސްޓްރޯކް ޖެހުމާ ގުޅުމެއް އޮތްކަން ފާހަގަކުރެ އެވެ.
ނަމަވެސް ވިހަކުނޑިވައި އުފައްދާ މި "ތަރައްގީ"ގެ ދުވެއްޔަކީ މަޑުކުރެވޭނެ އެއްޗެއް ނޫންކަމަށް ގިނަބަޔަކު ދެކެ އެވެ. އަދި ތަރައްގީއަކީ އެންމެ ގޮތަކަށް ކުރެވެންއޮތް ކަމެކެވެ. އެއީ ގިނަ ބަޔަކު އެއްތަންކޮށް، ތޮއްޖައްސައިގެން ހިންގޭ، މުއްސަނދިންނާއި ފަގީރުންނާ ދެމެދު އޮންނަ ފަރަގު ބޮޑުތަނުން ބޮޑުކުރާ، ވަކި ބައެއްގެ އިގްތިސާދީ ކުރިއެރުމެކެވެ. އޭގެ އާހިރު ނަތީޖާއަކީ މާލެ ފަދަ ތަންތަނެވެ. ކުޑަ ތަންކޮޅެއްގައި ގިނަ މީހުންތަކާއި ތެޔޮއަންދާ އުޅަނދުފަހަރާއި ނިމުމެއް ނެތް ކޮންސްޓްރަކްޝަނާއި ސިނާއީ މަސައްކަތުގެ ކުނިބުންޏާއި ވިހަ މާއްދާތަކާއި އަންދާތެލުގެ ގެނދަބުޅީގެ ޖައްވެއްގައި، ދަތިހާލުގައި ހޭބޯނާރާ ގިނަ ބަޔަކު އުޅެންޖެހޭ ނުސާފު، ނުތާހިރު، ނުތަނަވަސް ދިރިއުޅުމެވެ. އާއިލާގެ ސިއްހަތަށްޓަކާ ކޮންމެ ދުވަހަކު ފިކުރުކޮށް، ހަނގުރާމަ ކުރަންޖެހޭ ދިރިއުޅުމެވެ. ޑަބްލިއުއެޗްއޯ އިން "ސިއްހަތު" މާނަކުރާކުރުމާއި، މި "ތަރައްގީ" އިން ފަހިކޮށްދޭ ސިއްހީ ދުޅަހެޔޮކަމުގެ ފުރުސަތާ ނުބައްދަލެވެ. ރައްޔިތުންގެ ފުރާނައަކީ ވެސް މި ތަރައްގީގެ ދުވެލީގައި މުހިންމު އެއްޗަކަށް ނުވަނީކަން ލިބެންހުރި ހެކިތަކުން ސާފުވެ އެވެ.
މިއީ ނޭނގި ތިއްބާ ވީ ކަމެއް ވެސް ނޫނެވެ. ސަރަހައްދީ ގޮތުން މިކަން މިގޮތަށް ހިނގުމަކީ އެކަށީގެންވާ ކަމެއްކަން އޮތީ މާކުރިން ތަސައްވުރު ކުރެވިފަ އެވެ. "ތަރައްގީ" ވެފައިވާ ކަމަށް ބެލެވޭ ގައުމުތަކަށް ނަޒަރު ހިންގާލުމުން ވެސް މި ހަގީގަތް ސާފުވާނެ އެވެ. އެގޮތުން ދެކުނު އޭޝިއާގެ ތަރައްގީއާ ގުޅިގެން މި ސަރަހައްދުގައި ވައި ތަގައްޔަރުވާނެ ކަމާ ދޭތެރޭ މަޝްވަރާކުރެވި، މާލޭގައި ގަރާރެއް 1998ގައި ފާސްކުރި އެވެ. ސަރަހައްދީ ފެންވަރުގައި މި މައްސަލަ ބެލުމަށް ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ބައެއްކަންތައް ކުރެވިފައިވާ ކަމަށް ބަލަމާތޯ އެވެ. އެއީ ރާއްޖޭގެ ވައިގެ ހާލަތު ދެނެގަތުމަށް ކަމާބެހޭ އާލާތެއް ހދ. ހަނިމާދޫގައި އަދި ސ. ގަމުގައި ބެހެއްޓުމެވެ. ކޮންމެވެސް މިންވަރަކަށް ރާއްޖޭގެ ވައިގެ ހާލަތާބެހޭ ތަފާސްހިސާބު އެއްކުރެވިފައި ވާނެކަމަށް ބެލެވެ އެވެ. ކުޑަނަމަވެސް ކަމެއް ކުރެވިފައި ނެތަކީ ނޫންތާ އެވެ. ނަމަވެސް އަހަރެމެން ނޭވާލާންޖެހޭ ވައި ވިހަވެ ތަޢައްޔަރު ވެދާނެކަމުގެ ކަންބޮޑުވުން އުފެދުނުތާ ގާތްގަނޑަކަށް ތިރީހަކަށް އަހަރު ވެފައިވާއިރު އާޚިރުނަތީޖާ މިއޮތީ ފެންނާށެވެ. އެއީ މިއަދު މި ތަހައްމަލުކުރާ ވިހަކުނޑި ވައިގެ ނުރައްކަލަށް ރައްޔިތުން ހުށަހެޅިފައިވާ މިންވަރެވެ. މިއީ ދިވެހި ސަރުކާރުތަކަށާއި ދައުލަތަށް ރައްޔިތުންގެ ހައްގުގައި ކުރުމަށް ކުޅަދާނަވި މިންވަރު ކަމަށް ވެދާނެ އެވެ.
ރާއްޖޭގެ ހާލަތުގައި މި މައްސަލައިގެ ސަބަބުން އިތުރަށް ފާހަގަކުރެވޭ ކަމަކީ، މި ވިހަކުނޑި ރާއްޖެއަށް އަންނަ ދުވަސްވަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ މުހިންމު ދުވަސްވަރު ކަމެވެ. ޑިސެމްބަރާއި ޖަނަވަރީ އަކީ ފަތުރުވެރިކަމުގެ "ހައި ސީސަން" އެވެ. ފަތުރުވެރިން ރާއްޖެ އަންނަނީ ސާފުތާހިރު އަދި ގުދުރަތީގޮތުން މުއްސަނދި އާދަޔާ ހިލާފު ރީތިކަމެއް އޮތް ވެށްޓެއްގައި ޗުއްޓީ ހޭދަކުރުމުގެ ބޭނުމުގައި ބޮޑު ހޭދައެއް ކޮށްގެންނެެވެ. އެމީހުން އައުމަކީ އަހަރެމެންގެ ފުދުންތެރިކަމާއި ހައިހޫނުކަމާއި ގުޅިފައިވާ ކަމެކެވެ. އެމީހުނާއި ކޮންމެ އަހަރަކު ރާއްޖެއިން ބައްދަލު ކުރަނީ ވިހަކުނޑި ވައި ކަމަށްވާނަމަ މި އަހަރީ ނުރައްކަލުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް މުސްތަގްބަލުގައި އަންނާނީ ކޮންފަދަ ލޮޅުމެއްތޯ ވެސް ސުވާލު އުފެދެ އެވެ. ޤާނޫނުއަސާސީގެ 23 ވަނަ މާއްދާ އިން ދިވެހި ދައުލަތަށް މަތިކޮށްފައިވާ ޒިންމާއަށް ނުކުޅެދިއްޖެ ނަމަ އޭގެ އަސަރުކުރާނީ ހަމައެކަނި އެންމެ ގޮތަކުން ނޫންކަން ވަރަށް ސާފެވެ. އޭގެ އަސަރުގެ ނުރައްކާއޮތީ ހަމައެކަނި ރާއްޖޭގެ ރައްޔިތުންގެ ސިއްހަތަކަށް ނޫނެވެ. އޭގެ ނުރައްކާ އޮތީ ރާއްޖޭގެ އެންމެ މުހިންމު އިގްތިސާދީ ސިނާއަތުގެ ދުޅަހެޔޮކަމަށް ވެސް މެ އެވެ.
މި މައްސަލައާ ގުޅިގެން ދިވެހި ސަރުކާރުން ސަރަހައްދީ ފެންވަރުގައި ކުރަނީ ކީއްކަމެއް ސާފުކޮށް އެނގޭކަށް ނެތެވެ. އެޗްޕީއޭގެ ވީޑިއޯގެ މެސެޖުގައި "ވައިނުސާވުން ހުއްޓުވުމަށް" ދިވެހި ރައްޔިތުން އުޅެންޖެހޭ ކަމަށް ބުނެފައިވާ ބުނުމަކީ ހަމަޖެހޭ އަދި ބަލައިގަނެވޭނެ ވާހަކައެއް ވެސް ނޫނެވެ. އަވަށްޓެރި ގައުމުތަކާ އެކު މަޝްވަރާކުރުމާއި ސަރަހައްދީ ފެންވަރުގައި މި މައްސަލައަށް ހައްލުހޯދުމަށް މަސައްކަތް ކުރުމަކީ ދިވެހި ދައުލަތުގެ ގާނޫނީ ޒިންމާއެއްކަން ވަރަށް ސާފެވެ. މިކަމުގައި އިސްކޮށް އުޅެންޖެހޭނެ، ރައްޔިތުންގެ ފައިސާއިން މުސާރަދޭ މުވައްޒަފުންތަކެއް ތިބޭ ގިނަ ވުޒާރާތަކެއް ރާއްޖޭގައި އެބަހުއްޓެވެ. ސިއްހަތާބެހޭ ވުޒާރާގެ އިތުރުން ހާރިޖީ ވުޒާރާ އާއި ފަތުރުވެރިކަމާއި ތިމާވެށީގެ ވުޒާރާތަކުގެ ދައުރު މިކަމުގައި ބޮޑުކަމަށް ދެކެމެވެ. ރައްޔިތުން ތަމްސީލުކުރާ ކަމަށްބުނާ މަޖިލިހަށް ވެސް މިއީ ގައުމީސަލާމަތާ ގުޅޭވަރުގެ ކަމެއްކަން ދަންނަންޖެހެ އެވެ. ދިވެހި ދައުލަތުގެ ބިޔަ، ހަރަދުބޮޑު އޮނިގަނޑުގެ ތެރެއިން ރައްޔިތުންގެ ސިއްހަތަށް އޮތް ނުރައްކަލަކަށް އިޖާބަދޭނެ ފަރާތެއް ފެންނަން ނެތުމަކީ ރައްޔިތުން ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ. ވިހަކުނޑިން ވައި ތަގައްޔަރުވެ، ނޭވާލާ ކޮންމެ ފަހަރަކީ ހައްޓަށް އޮތް ނުރައްކަލަކަށްވާ މިންވަރަށް ރައްޔިތުންގެ ހާލަތު ދަށްވުމަކީ ވަރިހަމަވެގެން ތިބެވޭނެ ފަދަ ހާލަތެއް ނޫނެވެ. ނޭވާލާ ވައި ވިހަވެ ތަގައްޔަރުވާތީ ސަރުކާރާއި ދައުލަތް ޖަވާބުދާރީ ކުރުވުމަށް "އެންމެން މަސައްކަތްކުރަމާތޯ" އެވެ.
އިރުވައިގެ 'ވިހަ ކުނޑި' ވަޔާއި ސިއްހަތަށް އޮތް ނުރައްކާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ