ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގާނެކަމުގެ ޔަގީންކަން!

ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވަމުންގެންދެވީ އެމަނިކުފާނު ވެރިކަން ކުރައްވާނީ އަމާނާތްތެރިކަމާއެކު ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި ކަމަށެވެ. ރައްޔިތުން ބޭނުންވާ ބަދަލުތައް ގެންނަވައި، ސަރުކާރު ހިންގުން ހަރުދަނާ ކުރައްވާނެ ކަމަށެވެ. ވަޒީރުންގެ މަޖިލީހަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި އެމަނިކުފާނު މިވަނީ މިކަން އަމަލުންވެސް ސާބިތުކޮށްދެއްވާފައެވެ.
މި މަހުގެ 4ވަނަ ދުވަހު ބޭއްވި އިންތިޚާބުތަކުގެ ނަތީޖާއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައްޔިތުންގެ ނިންމުން ގަބޫލުކުރައްވައި ވިދާޅުވީ ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މާތްالله ގެ ވާގިފުޅާއެކު ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރުވާ ކަމަށެވެ. އެމަނިކުފާނުގެ މި ވާހަކަފުޅާއެކު ފާއިތުވެދިޔަ ހަފުތާގައި ބޮޑެތި ބަދަލުތަކެއް ސަރުކާރަށް މިވަނީ ގެންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އެމަނިކުފާނުގެ ސަރުކާރަށް ގެންނެވި އެންމެ ބޮޑު ބަދަލަކީ އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލެކެވެ. އަންގާރަ ދުވަހު ވަޒީރުންގެ މަޖިލީހުގެ 10 ވަޒީރަކު މަޤާމުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް އެމަނިކުފާނު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން ކަމަށް ވަނީ ވިދާޅުވެފައެވެ. މި 10 ވަޒީރުން އިސްތިއުފާ ދެއްވުމާއެކު ދައުލަތުގެ ވުޒާރާތަކުގެ މެންޑޭޓުތަކަށް ބަދަލު ގެންނަވައި، އެ ވުޒާރަތަކަށް ވަޒީރުން އެމަނިކުފާނު އައްޔަން ކުރެއްވިއެވެ.
ވަޒީރުންގެ މަޖިލީހުގައި މީގެ ކުރިން 20 މެންބަރުން ތިއްބެވި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ މި ގެންނެވި ބަދަލާއެކު ބަންޑާރަނައިބު ހިމެނޭހެން ވަޒީރުންގެ މަޖިލިސް އެކުލެވިގެންވަނީ 15 މެންބަރުންގެ މައްޗަށެވެ.
ވަޒީރުންގެ މަޖިލީހުގައި އެއްވެސް ބަދަލެއް ނާންނަނީ ބަންޑާރަނައިބަށް އެކަންޏެވެ. އެހެން ހުރިހާ ވުޒާރާތަކަށް ވަނީ ބޮޑެތި، އަދި މުހިންމު ބަދަލުތަކެއް ގެންނަވާފައެވެ. އެގޮތުން، އިޖުތިމާޢީ އަދި އާއިލީ ތަރައްގީއާބެހޭ ވުޒާރާ އާއި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާ އާއި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާބެހޭ ވުޒާރާ އާއި ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާބެހޭ ވުޒާރާގެ އިތުރުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާ އާއި ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާ އެމަނިކުފާނުވަނީ އުވާލައްވާފައެވެ. މި ވުޒާރާތަކުން ކުރަމުން އައި މަސައްކަތްތައް އެމަނިކުފާނު ވަނީ އެހެން ވުޒާރާތަކުގެ ދަށަށް ބަދަލުކުރައްވައި މުޅިން އައު ވުޒާރާއެއްގެ ގޮތުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާ ވަނީ އުފައްދަވާފައެވެ.
ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާ - ޙަސަން ރަޝީދު
މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާ - މޫސާ ޒަމީރު
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާ - އަލީ އިޙްސާން
ޚާރިޖީ ވުޒާރާ - އިރުތިޝާމް އާދަމް
ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ - ޑރ. އިސްމާޢީލް ޝަފީޢު
ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ - ޤީލާ ޢަލީ
އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާ - މުޙައްމަދު ސަޢީދު
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ - އަޙްމަދު ޝިޔާމް
ބަންޑާރަނައިބު - އަލްއުސްތާޛް އަޙުމަދު އުޝާމް
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ - ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު
ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ - މުޙައްމަދު އަމީން
ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ - ޢަބްދުﷲ ރާފިޢު
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ - ހީނާ ވަލީދު
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ - ޢަބްދުﷲ މުއްޠަލިބް
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ - ޢަލީ ޝަރީފް
ރައީސުލްޖުމްހޫރިއްޔާ ގެންނެވި މި ބަދަލުތަކާ ގުޅޭގޮތުން ވަޒީރު ޝިޔާމް ވިދާޅޫވީ ރައްޔިތުން އެދޭ ފަދަ ފުރިހަމަ ނަތީޖާއެއް ހޯދުމަށްޓަކައި، އިންތިޚާބު ނިމުނު ވަގުތުން ފެށިގެން ސަރުކާރުގެ ހިންގުމަށާއި ސިޔާސަތުތަކަށް ބަދަލުތައް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ފެއްޓެވިކަމަށެވެ. އަދި މިއީ ރައްޔިތުންގެ އަޑުއަހާ ސަރުކާރެއްގެ ފަރާތުން ފެންނާނެ އެންމެ ރަނގަޅު މިސާލުކަންވެސް ފާހަގަކުރެއްވިއެވެ.
މިއީ މިއަދު އެތައް ރައްޔިތުންނެއް ބުނަމުންދާ ވާހަކައެކެވެ. ރައްޔިތުން ބޭނުންވަނީ ސަރުކާރުން ރައްޔިތުންގެ ބަސް އެހުމަށެވެ. ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ވަޒީރުންނަށް ބަދަލު ގެންނަވަންޖެހުނު ނަމަވެސް އެ ބަދަލުތައް ގެންނަވާނެ ވެރިއެއް ކަމަށް އެތައް ބަޔަކު ދަނީ މިއަދު ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ