ސިހުރު މައްސަލައިގައި މީހަކު ހައްޔަރުކޮށް، ވަނަވަރު ހާމަކޮށްފި
ސިހުރު ހަދާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހއ. ހޯރަފުށިން މީހަކު ހައްޔަރުކޮށް, މިއަދު ވަނަވަރު ހާމަކޮށްފިއެވެ. މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ, ވ. ކެޔޮދޫ / ތިބުރޯޒުގެ، މުޙައްމަދު ޢަބްދުލްކަރީމް (34އ) އެވެ. އޭނާ ހައްޔަރު ކުރީ މިދިޔަ ބުދަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވާ, އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައިވެއެވެ. މި މައްސަލަ ހޯރަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގުކުރަމުންނެވެ. ސިހުރުގެ މައްސަލައަކީ ވަރަށް ކުރިން ސުރެވެސް ރާއްޖޭގައި ވަރަށް ބޮޑުވެފައިވާ ކަމެކެވެ. އެކިއެކި ސިހުރުތަކުގެ ސަބަބުން އާއިލާތައް ރޫޅި, އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާ ވާހަކަ އަބަދުވެސް އަޑުއިވެއެވެ. ނަމަވެސް މި މައްސަލައަކީ ރާއްޖޭގައި އަދި މާ ބޮޑަށް ހައްލު ކުރެވިފައިވާ މައްސަލައެއް ނޫނެވެ. މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށް އެންމެ ބޭނުންވާ ގާނޫނުތަކާއި ވަސީލަތްތައް ނެތުމުގެ ދަތިކަން ތަހުގީގީ އިދާރާތަކަށް ވަނީ ފޯރައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ