އީދު ބަންދު ކުރު ނަމަވެސް ފޯރި ގަދަވާނެ

އަންނަ ހުކުރު ދުވަހަކީ މި އަހަރުގެ ބޮޑު އީދު ދުވަހެވެ. އަބަދު ވެސް އެންމެ ކުލަ ގަދަކޮށް، އެންމެ ފޯރިއާ އެކު ފާހަގަ ކުރާ އީދަކީ މި އެވެ. މިފަހަރު ބޮޑު އީދު ބަންދަށް މި ލިބެނީ ކުޑަ ދުވަސްކޮޅެއް ނަމަވެސް އީދު ފާހަގަ ކުރުމަށް ރަށްރަށުގައި ކުރިއަށް ގެންދަން ރާވާފައިވާ ހަރަކާތްތައް އެހެން އަހަރުތަކާ އަޅާބަލާއިރު ފޯރި ކުޑައެއް ނޫނެވެ.
ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް އީދު ފާހަގަ ކުރުމަށް ތައްޔާރުވަމުން އަންނައިރު މާލެ ސަރަހައްދުގައި ވެސް ފޯރިގަދަވާނެ އެވެ. ގިނަ ރަށްރަށުގެ ކައުންސިލްތަކުން މިހާރު ވަނީ އީދުގެ ހަރަކާތްތަކާއި ޝެޑިއުލް ތައްޔާރުކޮށް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.
މިދިޔަ އަހަރުން ފެށިގެން އީދާ ދިމާކޮށް އެންމެ ބޮޑަށް ފާހަގަވާ ކަމަކީ ރަށްރަށުގެ މަގުތަކުގައި އީދު ލައިޓު ޖަހާ ދިއްލާލުމެވެ. މި އީދުގައި 65 ރަށެއްގެ މަގުތަކުގައި އީދު ލައިޓުޖަހާ ޒީނަތްތެރި ކުރާނެ އެވެ.
ސަރުކާރުގެ ފަރާތުން މި އަހަރު ވެސް ރާއްޖޭގެ ތިން ސަރަހައްދެއްގެ ތިން ރަށެއްގައި އީދު ފާހަގަ ކުރަން ވަނީ ނިންމައިފަ އެވެ. ކައުންސިލްތަކާ ގުޅިގެން ސަރުކާރުން މިއަހަރު އީދު ފާހަގަ ކުރަނީ ހއ. ކެލާގެ އިތުރުން ކ. ގުރައިދޫ އަދި ލ. ގަމުގަ އެވެ. މި ރަށްރަށުގައި ކުރިއަށްގެންދާ ހަރަކާތްތައް ބަލައިލުމަށް ދުރާލާ ގިނަ ބަޔަކު ދަތުރު ހަދާފައިވާއިރު ސަގާފީ އަދި ޒަމާނީ ގިނަ ހަރަކާތްތައް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.
ގުރައިދޫ ކައުންސިލުން އާންމުކޮށްފައިވާ ޝެޑިއުލަށް ބަލާއިރު އެ ރަށުގައި އީދުގެ ހަރަކާތްތައް ފަށާނީ އީދު ވިލޭރޭ ކުރިއަށް ގެންދާ އީދު ވެދުމާ ދިޔުން ހަރަކާތުންނެވެ. އޭގެ ފަހުން އީދު މަޅި ރޯކުރުން އޮންނާނެ އެވެ.
އީދު ދުވަހު އީދު ނަމާދަށް ފަހު އީދު ސައި އިންތިޒާމުކޮށްފައިވާއިރު މެންދުރު ކުރި ހާއްސަކޮށްފައިވަނީ ފެންކުޅި އަށެވެ. 
އީދު ދުވަހުގެ ރޭ ސްޓޭޖު ޝޯއާ އެކު ހަވާ އެރުވުން އެބައޮތެވެ. އީދުގެ އަނެއް ތިން ދުވަހު ވެސް މަޖާ ކުޅިވަރުތަކާއި ސަގާފީ ހަރަކާތްތައް އަދި މިއުޒިކް ޝޯތައް ތާވަލުކޮށްފައިވެ އެވެ.
މީގެ އިތުރުން އީދުގެ އެންމެ ފަހު ދުވަހު، ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ މީހުންނަށް ހާއްސަ ހަވީރެއް ވެސް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. އެ ރަށުގެ އީދު ހަރަކާތްތައް ނިންމާލަން ރާވާފައިވަނީ ބާބަކިޔު އަކުންނެވެ.
ގުރައިދޫ އަކީ މާލެއާ ކައިރި ރަށަކަށް ވެފައި، ދަތުރުފަތުރާއި ހުރުން ވެސް ފަސޭހަވުމުން ގިނަ ބަޔަކު އީދަށް އެ ރަށަކަށް ދާނެ ކަމަށް ބެލެވެ އެވެ. ގުރައިދޫގެ އީދު ހަރަކާތްތައް ހޯމަ ދުވަހާއި ހަމައަށް ކުރިއަށް ގެންދަން ވަނީ ރާވައިފަ އެވެ.
ހއ. ކެލާގެ އީދު ތާވަލުގައި ވެސް ތަފާތު ކުޅިވަރުތަކާއި ހަރަކާތްތައް ހިމަނާފައިވެ އެވެ. އެ ރަށުގައި ވެސް އީދުގެ ހަރަކާތްތައް ފަށަން ރާވާފައިވަނީ އީދު ހުޅުންނެވެ. ކެލާ ކައުންސިލްގެ ރައީސް އަބްދުﷲ އިންފާޒު ދެއްވީ ކެލާގެ އީދު ފާހަގަކުރުން ތަފާތުވެފައި ފޯރިގަދަވާނެ ކަމުގެ ޔަގީންކަމެވެ.
"ކެލާގައި ގިނަވާނީ ސަގާފީ ކުޅިވަރުތައް. އޭގެ ތެރޭގައި މަލިކު ދަނޑި މިއީ މި ރަށުގެ ހާއްސަ އެއްޗެއް. އޭގެ އިތުރުން ކޯޑިޔާ ދިޔުން. މީގެ އިތުުރުން އަންހެން، ފިރިހެން ސަގާފީ ގިނަ ހަރަކާތްތަކާއި ކުޅިވަރުތައް އޮންނާނެ،" އޭނާ ވިދާޅުވި އެވެ.
އީދާ ދިމާކޮށް ކެލާއަށް 500އަށް ވުރެ ގިނަ މެހެމާނުން ޒިޔާރަތް ކުރާނެ ކަމަށް ކައުންސިލުން ލަފާކުރެ އެވެ. އީދުގެ ހަރަކާތްތަކާއި ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް ވެސް ހުޅުވާލާފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
"މާލި ކަހަލަ ކަންތަކަކީ ޕްރެކްޓިސް ބޭނުންވާނެ ކަމެއް ނޫން. އެހެންވީމާ ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް ވެސް އޮންނާނެ މިކަަލަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު،" އޭނާ ވިދާޅުވި އެވެ.
އީދަށް ރަށުތެރެ ތައްޔާރުކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކެލާގައި މިހާރު ކުރިއަށްދާއިރު، އެ ރަށް އެއްކޮށް އޮތީ މެހެމާނުންނަށް މަރުހަބާ ކިޔާ، ފޯރިއާ އެކު އީދު ފާހަގަ ކުރަން ތައްޔާރަށެވެ.
ލ. އަތޮޅަކީ ގިނަ ބަޔެއްގެ ބަކެޓު ލިސްޓުގައި އަބަދު ވެސް އޮންނަ އަތޮޅެކެވެ. ލާމުގެ ލިންކު ރޯޑުގައި ދުއްވާލައި ގޮޅަ ރިހައިގެ ރަހަބަލާލަން އެ ސަރަހައްދަށް ދާން އެންމެ އެކަށޭނަ ފަހަރަކަށް މި އީދު ވާނެ އެވެ.
ގަމު ކައުންސިލްގެ ރައީސް އަހުމަދު ޒަކީ ވިދާޅުވީ އީދާ ދިމާކޮށް 2،000އަށް ވުރެ ގިނަ މީހުން ގަމަށް ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރާ ކަމަށެވެ.
ގަމުގައި އީދު ހަރަކާތްތައް ފަށާނީ ޒަމާނުއްސުރެ އެ ރަށުގައި ކުރިއަށް ގެންދާ ގަސް ރޯކުރުމުގެ ހަރަކާތުންނެވެ. އޭގެ ފަހުން އީދު ނަމާދަށް ފަހު އީދު ސަޔާއި އުލުހިޔާ ކަތިލުން ކުރިއަށްދާނެ އެވެ.
ގަމުގައި ވެސް ސަގާފީ އަދި ޒަމާނީ ކުޅިވަރުތައް ކުދި ބޮޑު އެންމެންނަށް ހުޅުވާލައިގެން ކުރިއަށް ގެންދަން ވަނީ ރާވައިފަ އެވެ. އެންމެ ހާއްސަ ކަމަކީ އީދަށް އެ ރަށަށް ދާ އެންމެންނަށް ވެސް ހުޅުވާލައިގެން ބާއްވާ ގަމުގެ ހާއްސަ ރަހަތަކުގެ ކެއުމެވެ. މިއީ މުކުރިމަގު އަވަށުން ރާވާ ހަރަކާތެކެވެ.
ޒަކީ ވިދާޅުވީ ކައުންސިލް އިން ރާވާ ހަރަކާތްތަކުގެ އިތުރުން ގަމުގެ 4 އަވަށުގައި ވެސް ފޯރިއާ އެކު އަވަށު ފެންވަރުގައި އީދު ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
ގަމު އީދު ހަރަކާތްތަކުގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ ހަރާކަތަކަށް ވާނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ބައިބަލާ މުބާރާތެވެ. މިއީ ފޯރިގަދަ ހަރަކާތަކަށް ވާނެ ކަމަށް ކައުންސިލްގެ ރައީސް ފާހަގަ ކުރެއްވި އެވެ.
ރަސްމީކޮށް ސަރުކާރުގެ ފަރާތުން އީދު ފާހަގަ ކުރާ ތިން ރަށުގެ އިތުރުން ވެސް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް އީދުގެ ހަރަކާތްތައް ފޯރިގަދަވާނެ އެވެ. އޭގެ ތެރޭގައި:
ނ. މަނަދޫ
ނ. ވެލިދޫ 
އއ. އުކުޅަސް
 ކ. މާފުށި
ބ. ދަރަވަންދޫ
ހަވާ އެރުވުމާއި އެ ނޫން ވެސް ސަގާފީ އަދި ޒަމާނީ ހަރަކާތްތަކާ އެކު އީދު ފާހަގަކުރުމަށް ރަށްރަށުގައި ގިނަ ހަރަކާތްތައް ކުރިއަށް ގެންދަން ރާވާފައިވާއިރު ހުޅުމާލޭ ގައި ވެސް ހަރަކާތްތައް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.
ހުޅުމާލޭގެ ހަރަކާތްތަކުގެ ތަފްސީލު އެޗްޑީސީން އަދި އާންމު ނުކުރިޔަސް އެ ކުންފުނިން ބުނީ އީދު ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށެވެ. މިއީ އީދު ބަންދަށް މާލެއިން ބޭރަށް ނުދެވޭ މީހުންނަށް އީދުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ލިބޭނެ ފުރުސަތަކަށް ވާނެ އެވެ.
އީދަށް ރަށްރަށަށް ފުރާ ގިނަ ބަޔަކު މާދަމާ އިން ފެށިގެން ފުރަން ފަށާނެ އެވެ. އީދާ ދިމާކޮށް މޫސުން ގޯސްވާނެތީ ދަތުރު ކުރާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުތަކުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ