އެފްއޭއެމްގެ މުހިންމު ކޮންގްރެސްއެއް މި މަހު 27 ގައި އެފްއޭއެމްގެ މުހިންމު ކޮންގްރެސްއެއް މި މަހު 27 ގައި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އޯޑިނަރީ ކޮންގްރެސް މި މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިއުލާނުކޮށްފި އެެވެ.
އެފްއޭއެމް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އަންނަ ހަފްތާގެ ހުކުރު ދުވަހު ބާއްވަން ތާވަލުކޮށްފައި އޮތް ކޮންްގްރެސްގައި، އެފްއޭއެމްގެ 2023 އާއި 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓްކުރެވިފައިވާ މާލީ ބަޔާންތައް ހުށަހެޅޭނެ އެވެ. މީގެ އިތުރުން، އިސްލާހު ކުރެވިފައިވާ އެފްއޭއެމްގެ ހިންގާ ގަވާއިދާއި އިލެކްޓޯރަލް ކޯޑު ފާސް ކުރުމަށް ވެސް ހުށަހެޅޭނެ ކަމަށް އެފްއޭއެމް އިން ވަނީ ބުނެފަ އެވެ.
"ފާސް ކުރުމަށްޓަކައި، ކޮންގްރެސް އަށް، ހުށަހެޅޭ އިސްލާހު ކުރެވިފައިވާ ހިންގާ ގަވާއިދަކީ، ފީފާ އާއި އޭއެފްސީގެ ލަފާގެ މަތިން އަދި އެފްއޭއެމް މެމްބަރު ކްލަބްތަކުގެ މަޝްވަރާއާ އެކު، އެކުލަވާލެވިފައިވާ ހިންގާ ގަވާއިދެކެވެ.،" އެފްއޭއެމްގެ ބަޔާނުގައިވެ އެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގާ ގުޅޭ މުހިންމު ކަންތައްތަކެއް ނިންމަން ޖެހޭ މި ކޮންގްރެސްގެ އެޖެންޑާގައި ހިމެނެނީ، 2023 އާއި 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓް (އެކްޓިވިޓީ ރިޕޯޓް) ހުށަހެޅުމާއި އެ ދެ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާން ހުށަހެޅުމާއި 2025 ވަނަ އަހަރުގެ ބަޖެޓް ހުށަހެޅުމެވެ. އަދި، މީގެ އިތުރުުން، 2025 އިން 2028 އަށް އެފްއޭއެމް އޮޑިޓްކުރާނެ އެކްސްޓާނަލް އޮޑިޓަރުން އައްޔަނުކުރުން ހިމެނޭއިރު، އިސްލާހު ކުރެވުނު ހިންގާ ގަވާއިދާއި އިލެކްޓޯރަލް ކޯޑު ފާސްކުރުމުގެ އިތުރުން، އެފްއޭއެމްގެ ހިންގާ ކޮމިޓީ އިންތިހާބުކުރާނެ އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުން ވެސް ހިމެނެ އެވެ.
އެފްއޭއެމްގެ ހިންގުން ބޮއްސުންލައި، ދަރަނިވެ ބަނގުރޫޓުވާ ހާލަތުގައި އޮއްވައި، އެ އެސޯސިއޭޝަން ހިންގުން ނޯމަލައިޒިން ކޮމިޓީއަކާ ހަވާލުކޮށްފައިވަނީ މިދިޔަ އޮގަސްޓް މަހު އެވެ. ފުރަތަމަ ފަސް މެމްބަރުންގެ ކޮމިޓީއެއްގެ ގޮތުގައި މަސައްކަތް ފެށި ނަމަވެސް، ފަހުން ފީފާ އިން ވަނީ ދެ މެމްބަރުން މަދުކޮށް، ތިން މެމްބަރުންގެ ކޮމިޓީ އަކަށް އެފްއޭއެމްގެ ނޯމަލައިޒިން ކޮމިޓީ ބަދަލުކޮށްފަ އެވެ.
ޖުލައި މަހުގެ ނިިޔަލަށް ނޯމަލައިޒިން ކޮމިޓީގެ މުއްދަތު ފީފާ އިން މި ވަގުުތު ކަނޑައަޅާފައި އޮތްއިރު، މިއަދުގެ ބަޔާނުގައި އެފްއޭއެމުން ބުނެފައިވަނީ، ކުރިއަށް މި އޮތް ކޮންގްރެސްއާ އެކު، ނޯމަލައިޒިން ކޮމިޓީގެ އެންމެ މުހިންމު މަރުހަލާގެ މަސައްކަތް ފެށޭނެ ކަމަށެވެ.
ނޯމަލައިޒިން ކޮމިޓީގެ އުންމީދަކީ، ފީފާ އިން ދީފައިވާ އަންނަ މަހުގެ ނިޔަލަށް އޮތް މުއްދަތުގެ ކުރިން، އެފްއޭއެމްގެ އާ ހިންގާ ކޮމިޓީގެ އިންތިހާބު ބޭއްވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ