މާލެ ސަރަހައްދުގެ ކަރަންޓް ލޯޑު 100 މެގަވޮޓް ފަހަނަ އަޅައިފި

ހޮނިހިރު ދުވަހު މާލެ ސަރަހައްދުގައި ކަރަންޓް ބޭނުންކުރި ނިސްބަތް ވަނީ 103 މެގަވޮޓްއަށް އުފުލިފަ އެވެ. މިއީ މި ރޯދަ މަހު ކަރަންޓުގެ ލޯޑް އެންމެ މަތިވި ދުވަހެވެ.
މާލެ ސަރަހައްދުގައި ކަރަންޓް ލޯޑް ނުވަތަ ކަރަންޓް ބޭނުންކުރި ނިސްބަތް 100 މެގަވޮޓް ފަހަނަ އަޅާ ގޮސްފައިވާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ. 
ސްޓެލްކޯއިން ބުނީ މާލެއާއި ހުޅުމާލޭގައި ހޮނިހިރު ދުވަހު ކަރަންޓު ބޭނުން ކުރެވިފައިވާ ގޮތަށް ބަލާއިރު، 103 މެގަވޮޓާއެކު މިއީ މިހާތަނަށް މި ރޯދަމަހު އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވާ ދުވަހެވެ."އަދި މޫސުމާއި ބެހޭ އިދާރާއިން ވެސް ރާއްޖޭގެ ފިނިހޫނުމިން މައްޗަށްދާކަން ފާހަގަކޮށްފައިވުމާއެކު އޭސީ ފަދަ ތަކެތި ބޭނުން ކުރުމުގައި ކަރަންޓު ހަރަދު ކުޑަވާނެ ގޮތް އިހުތިޔާރުކޮށް ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއްދެއްވުމަށް އިލްތިމާސްކުރަން،" ސްޓެލްކޯ އިން ބުނެފައިވެ އެވެ. 
ސްޓެލްކޯއިން އާއްމުކުރި މާލެ ސަރަހައްދުގައި ކަރަންޓް ބޭނުންކުރި ހިސާބުތައް ދައްކާ ގޮތުގައި ހޮނިހިރު ދުވަހުގެ 16:00 ގައި މާލެ ސަރަހައްދުގައި ކަރަންޓް ލޯޑް ވަނީ 103 މެގަވޮޓްއަށް އަރާފަ އެވެ. އަދި އެ ދުވަހު ކަރަންޓު އެންމެ މަދުން ބޭނުންކޮށްފައިވަނީ ދަންވަރު 23:00 ގަ އެވެ. މިދިޔަ އަހަރު އެންމެ މަތިން ކަރަންޓް ބޭނުންކޮށްފައިވަނީ 117 މެގަވޮޓް އަށެވެ. ސްޓެލްކޯގެ ފަންނީ ބޭފުޅުން އަންދާޒާ ކުރާ ގޮތުގައި މިހާރު މާލެ ސަރަހައްދުގައި އާބާދީ އާއި ކަރަންޓް ބޭނުން ކުރުމުގެ ލޯޑް ހުރި ގޮތަށް ބަލާއިރު މި ރޯދަ މަހުގެ ލޯޑް 130 މެގަވޮޓް އަށް އެރުމުގެ ފުރުސަތު އެބައޮތެވެ. 
ކަރަންޓު އިގްތިސޯދުކޮށް ބޭނުން ކުރުމުގައި އާއްމު މީހާއަށް ކުރެވޭނެ ގިނަ ކަންތައް ތަކެއް އެބަހުއްޓެވެ. ހާއްސަކޮށް އޭސީ ބޭނުން ކުރުމުގައި ސަމާލުކަން ދޭން ޖެހެ އެވެ.އެވްރެޖުކޮށް އޭސީއެއް 24 ގަޑިއިރު ފުލްކޮށް ހިންގައިފިނަމަ 2.2 ޔުނިޓް ނަަގަ އެވެ. މިއީ ފައިސާގެ ގޮތުން ބަލާނަމަ 80ރ. ވަރެވެ.އޭސީ ބޭނުން ކުރުމުގައި ކޮޓަރީން ބޭރުގައި އެއް ގަޑިއިރަށްވުރެ ގިނައިރު އުޅޭނަމަ ނިއްވާލުމާއި އޭސީ ސާވިސް ކުރުން ފަދަ ކަންކަން ކުރެވިދާނެ އެވެ. އަދި އޭސީގެ 24 އަށްވުރެ ދަށް ކުރުމަކީ ވެސް ބިލަށް ބޮޑު ބަދަލެއް އަންނާނެ ކަމެކެވެ.ބައެއް ގޭގޭގައި ބަހައްޓާފައި ހުންނަ އޭސީގެ ފިލްޓަރު ސާފުނުކޮށް ގިނަ ދުވަސްތަކެއްވަންދެން ހުރެ އެވެ. މިއީ އޭސީން ފިނި ކުރަން ކުރަން ޖެހޭ މަސައްކަތް އިތުރުވާނެ ކަމެވެ. މީގެ ކޮންމެ ކަމަކީ ކަރަންޓު ބިލަށް ބަދަލު އަންނާނެ ކަމެކެވެ. އޭސީ ބޭނުން ކުރުމުގައި ފިނި ލީކްވުން ފަދަ ކަންކަން ނުވާނެހެން ކޮޓަރި ރަނގަޅަށް ސިލްކޮށްފައި ބެހެއްޓުމާއި މަދުވެގެން އަހަރު އެއްފަހަރު އޭސީ ފުލް ސާވިސްއެއް ކުރުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން މިހާރު ލައިފް ސްޓައިލަަށް އައިސްފައިވާ ބަދަލާއެކު އޭސީ ކޮށްފައި ހުންނަ ތަންތަނުގައި ގޭގެ ތެރޭގައި ގަސް ވެސް އިންދަ އެވެ. މިއީ ވެސް އޭސީން ކުރަން ޖެހޭ މަސައްކަތް ދެގުނަ ބޮޑުވާނެ ކަމެކެވެ. އޭސީ ކޮށްފަ ހުންނަ ތަނެއްގެ ތެރޭގައި ފެން ހުރެއްޖެނަމަ މި ފެނުގެ ސަބަބުން އޭސީން ކުރަން ޖެހޭ މަސައްކަތް ބޮޑުވެ އެވެ. މީގެ އިތުރުން ހޫނުކޮށް ހުންނަ އެއްޗިހީގެ ފިނި ނުކެނޑެނީސް ފްރިޖަށްލުމާއި ފެން ކުރާ އިރުއިރުކޮޅާ ޖައްސަން ނުޖެހޭނެ ގޮތަކަށް އިންތިޒާމު ކުރުން ހިމެނެ އެވެ. އަދި އަވަސް އަވަހަށް އިސްތިރި ކުރުމުގެ ބަދަލުގައި ހަފުތާއަކު އެއް ދުވަހު އިސްތިރި ކުރުން ފަދަ ކަންކަން އިންތިޒާމުކޮށްލައިގެން ކުރިއަށް ގެންދިއުމަކީ ވެސް ކަރަންޓް ބިލަށް އަންނަ ބަދަލު ކުޑަކުރަން އެޅިދާނެ ފިޔަވަޅެކެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ