ފިލިޕީންސްގައި ޒަހަމްވި ދިވެހި ދަރިވަރުގެ ހާލު ދަނީ ގާތުން ބަލަމުން: މިނިސްޓަރު

ފިލިޕީންސްގެ ފްލައިން ސްކޫލެއްގައި ޕައިލެޓް ތަމްރީނު ހަދަމުންދިއުމުގެ ތެރޭގައި މަތިންދާބޯޓުގެ ބުރަފަތީގައި ޖެހި އަނިޔާވި ދަރިވަރުގެ ހާލަތު ސަރުކާރުން ގާތުން ބަލަމުންދާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިދިޔަ ހުކުރު ދުވަހު ހިނގި އެ ހާދިސާގައި އަނިޔާވީ އެއާވޯކްސް އޭވިއޭޝަން އެކެޑެމީގައި ތަމްރީނު ހަދަމުން އަންނަ އަބްދުލް މާނިއުއަށެވެ.
ތަފްސީލް - ހަލީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި މާނިއުގެ ބައްޕަ އާމިރުއާ ފޯނުން ގުޅައި އޭނާގެ ހާލަތާ ގުޅޭ ގޮތުން ވަނީ ވާހަކަ ދައްކައިފަ އެވެ.
"ދަރިފުޅުގެ މަންމައާއި ބޭބެ ފިލިޕީންސް އަށް މިހާރު ދެވިއްޖެ ކަމަށާއި މާތްﷲގެ ވާގިފުޅާއެކު ދަރިފުޅު ރަނގަޅު ވަމުން އަންނަ ކަމަށް ވިދާޅުވި،" އޭނާ ލިޔުއްވާފައިވެ އެވެ.
ފޮރިން މިނިސްޓްރީ، ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ އަދި ސިވިލް އޭވިއޭޝަނުން ވެސް ދަރިވަރުގެ ހާލަތު ސާފުކޮށްފައިވާކަން މާނިއުގެ ބައްޕަ ފާހަގަކުރިކަން، ހަލީލު ފާހަގަކުރެއްވި އެވެ.
"ސަރުކާރުން މިހާ ގާތުން މިކަން ބަލަމުން ގެންދާތީ އުފާކުރައްވާކަމަށް ވިދާޅުވި. ފިލިޕީންސްގައި ތިބި ކިޔަވާ އެހެން ދަރިވަރުންގެ ފަރާތުން މިފަދަ ވަގުތެއްގައި ލިބެމުންދާ އެހީތެރިކަން ފާހަގަކުރައްވާ، އެކަމާ ޝުކުރުވެރިވާ ކަމަށް ވެސް ވިދާޅުވި،" އޭނާ ލިޔުއްވި އެވެ.
ހަލީލު ވިދާޅުވީ ހާދިސާގެ ރިޕޯޓް ލިބުނު ވަގުތުން ފެށިގެން، ރައީސް މުހައްމަދު މުއިއްޒުގެ ލަފާފުޅާ އެއްގޮތަށް ސަރުކާރުން ގެންދަނީ ދަރިވަރުގެ ހާލު ވަރަށް ކައިރިން ބަލަމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ