އިމްޕޯޓު ޑިޔުޓީން ލިބުނު އާމްދަނީ ދަށްވީ ޗައިނާ އެފްޓީއޭ އާ ހެދިއެއް ނޫން

މި އަހަރުގެ ފުރަތަމަ މަހެއްހާ ދުވަހު، ދައުލަތަށް ލިބުނު އާމްދަނީ އާ އެކު އިމްޕޯޓު ޑިޔުޓީން ލިބުނު އާމްދަނީ ދަށްވުމުގައި، ޗައިނާ އާ އެކު އަމަލުކުރަން މިހާރު ފަށާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) އާ ގުޅުމެއް ނެތް
މި އަހަރުގެ ފުރަތަމަ މަހެއްހާ ދުވަހު، ދައުލަތަށް ލިބުނު އާމްދަނީ އާ އެކު އިމްޕޯޓު ޑިޔުޓީން ލިބުނު އާމްދަނީ ދަށްވުމުގައި، ޗައިނާ އާ އެކު އަމަލުކުރަން މިހާރު ފަށާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) އާ ގުޅުމެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް އިމްޕޯޓު ޑިޔުޓީގެ ގޮތުގައި ލިބިފައިވާ 138 މިލިއަން ރުފިޔާ އަކީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު، 64 ޕަސެންޓުގެ ވެއްޓުމެކެވެ. މިގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި އިމްޕޯޓު ޑިޔުޓީގެ ގޮތުގައި 384 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަހަރު މި ވަނީ 247 މިލިއަން ރުފިޔާގެ ވެއްޓުމެއް އައިސްފަ އެވެ.
އިމްޕޯޓު ޑިޔުޓީ މިހާ ބޮޑުތަނުން ދަށްވެފައިވަނީ، މި އަހަރުން ފެށިގެން ޗައިނާ އާ އެކު ސޮއިކޮށްފައިވާ އެފްޓީއޭ އަމަލުކުރަން ފަށާފައިވަނިކޮށެވެ. އެ އެއްބަސްވުމުގެ ދަށުން ރާއްޖޭން ޗައިނާއަށް ބޭރުކުރާ މުދަލުން ޑިޔުޓީ ކަނޑާލާފައިވާއިރު، އޭގެ ބަދަލުގައި ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ ގިނަ ބާވަތްތަކުން ވެސް މިހާރު ޑިޔުޓީއެއް ނުނަގަ އެވެ.
ޕީއެސްއެމްގައި މިރޭ ބޭއްވި "އަހާ ފޯރަމް" ގައި ޗައިނާ އެފްޓީއޭ އާ ގުޅުވައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ސައީދު ވިދާޅުވި ގޮތުގައި، އެ އެއްބަސްވުމުގެ ދަށުން ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ޗައިނާއިން ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާގެ މުދާ ވަނީ ރާއްޖެއަށް ގެނެސްފަ އެވެ. 
ނަމަވެސް، ގާތްގަނޑަކަށް 34 މިލިއަން ރުފިޔާގެ މުދަލުން، ޑިޔުޓީ މާފުވެފައިވަނީ 2.3 މިލިއަން ރުފިޔާ ކަމަށާއި، އެއީ މުދަލުގެ ސީއައިއެފުން ބަލާއިރު، އެންމެ ޕަސެންޓެއް ކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ. 
"އެހެންވީމާ އެފްޓީއޭއާ މި އަކާ ގުޅުމެއް ނެތް. މި އައި ޑްރޮޕުގެ، ޑިކްލައިންގެ ގުޅުމެއް އެ އަކާ ނެތް،" ސައީދު ވިދާޅުވި އެވެ.
ރާއްޖެ އަކީ އިމްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެއް ކަން ފާހަގަކުރައްވައި ސައީދު ވިދާޅުވި ގޮތުގައި، ރާއްޖެއަށް ފައިދާ ބޮޑުވާނީ ބޮޑެތި ރޭޓުތަކުގައި ޑިޔުޓީ ނެގުމުގެ ބަދަލުގައި ވިޔަފާރިވެރިންނަށް ފަސޭހައިން މުދާ ބޭރުކޮށް އެތެރެކުރެވޭނެ މަގު ތަނަސްވެގެންނެވެ. 
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެކުލަވާލި ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ގާއިމް ކުރިނަމަވެސް މިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ އެއްބަސްވުމަށް އަމަލު ކުރުން އޮތީ ހުއްޓުވާފަ އެވެ. ނަމަވެސް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ވަނީ ދިވެހިންނަށް ބޮޑު މަންފާއެއް ލިބޭ ގޮތަށް އެއްބަސްވުން ފަހި ކުރައްވާފަ އެވެ.
އެފްޓީއޭގެ ދަށުން ޗައިނާ އިން އެތެރެކުރާ މުދަލުގެ 91 ޕަސެންޓް މުދަލުން ޑިއުޓީ ނުނަގާއިރު، ރާއްޖޭން ޗައިނާއަށް އެކްސްޕޯޓް ކުރާ މަހުގެ ހުރިހާ ބާވަތްތަކުން ޑިއުޓީ މައާފުވާނެ އެވެ. މީގެތެރޭގައި، ތާޒާ، ފިނިކޮށް ގަނޑުކޮށްފައި ހުންނަ ކަޅު ބިލަމަހާއި ފާނައިގެ ބާވަތްތަކާއި އަދި ކަންނެލީގެ ބާވަތްތަކާއި މަސް ދަޅާއި ވަޅޯ މަހާއި ލޮނު މަހުގެ އިތުރުން ސީފުޑްގެ ބާވަތްތައް ވެސް ހިމެނެ އެވެ.
ރާއްޖެއަށް އަހަރަކު 700 މިލިއަން ޑޮލަރުގެ މުދާ އެތެރެކުރާ ޗައިނާއާ ދެމެދު ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު ސަރުކާރުން ވަނީ ޗައިނާ އާއި ރާއްޖޭގެ ވިޔަފާރި އަހަރު އެއް ބިލިއަން ޑޮލަރަށް މަތި ކުރާނެ ކަމަށް ބުނެފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ