ޕާކިސްތާނުން އިންޑިއާގެ 5 ފައިޓާޖެޓް ވައްޓާލައިފި
އިސްލާމް އާބާދު (7 މެއި 2025) : ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަތް އިންޑިއާގެ ފަސް ފައިޓާޖެޓް ވައްޓާލައިފި ކަމަށް ޕާކިސްތާނުން ބުނެފިއެވެ. ޕާކިސްތާނުގެ ދިފާޢީ ވަޒީރު ޚަވާޖާ މުޙައްމަދު އާސިފް ވަނީ މިކަން ކަށަވަރުކޮށް ދެއްވާފައެވެ. އޭނާ ވިދާޅުވިގޮތުގައި ޕާކިސްތާނުން ވައްޓާލި އިންޑިއާގެ ފައިޓާ ޖެޓްތަކުގެ ތެރޭގައި ހިމެނެނީ ފަސް ޖެޓެކެވެ. އެއީ ފަރަންސޭސިވިލާތުގައި އުފައްދާ ރަފަލް މަރުކާގެ ތިން ޖެޓަކާއި ރަޝިއާގައި އުފައްދާ އެސްޔޫ-30 މަރުކާގެ ޖެޓަކާއި މިގް-29 މަރުކާގެ ޖެޓެކެވެ. އިންޑިއާ ވަނީ ނުސީދާ ގޮތެއްގައި މިކަމަށް އެއްބަސްވެފައެވެ. އިންޑިއާގެ އަސްކަރީ ބަޔާނެއް ބުނާގޮތުން އެ ގައުމުގެ ތިން ފައިޓާ ޖެޓް އުދުހެނިކޮށް ހަލާކުވެ ކަޝްމީރުގެ ތެރެއަށް ވަނީ ވެއްޓިފައެވެ. އަނެއް ދެ ފައިޓާޖެޓްއަށް ވީގޮތެއް އަދި އިންޑިއާއިން ހާމަކޮށްފައެއް ނުވެއެވެ. އިތުުރު ތަފްސީލެއް ނުދެއެވެ. ޕާކިސްތާނު ބުނާގޮތުން އިންޑިއާގެ ހަނގުރާމަމަތީ ޖެޓްތައް ވައްޓާލުމުގެ ކުރިން އިންޑިއާވަނީ މިސައިލުން ޕާކިސްތާނަށް އެތަށް ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި 12 މީހަކު މަރުވެ 35 މީހަކު ޒަޚަމްވިއެވެ. ޕާކިސްތާނު ވަނީ އިންޑިއާގެ ހަމަލާތަކަށް ރައްދު ދޭޭނެކަމަށް ބުނެފައެވެ. އިންޑިއާ ބުނެފައިވަނީ ޕާކިސްތާނުގެ ހަމަލާތަކެއްގައި ޖަންމޫ ކަޝްމީރުން ހަތް މީހަކު މަރުވެ އެތަށް ބަޔަކު ޒަޚަމްވެފައިވާ ކަމުގައެވެ. އިންޑިއާ ކޮންޓްރޯލް ކުރާ ކަޝްމީރުގެ ފަޅިކަމަށްވާ ޖަންމޫ ކަޝްމީރުގައި ފަތުރުވެރިން ތިބި ސަރަޙައްދަކަށް މިދިޔަ އެޕްރީލް މަހުގެ 22 ވަނަ ދުވަހު، ހަތިޔާރު އެޅި ބަޔަކު ދިން ބަޑީގެ ހަމަލާތަކެއްގައި 26 މީހުން މަރުވުމުން އެކަމުގެ ޒިންމާ އިންޑިއާ އަޅުވާފައިވަނީ ޕާކިސްތާނުގެ ބޮލުގައެވެ. އެ ހަމަލާގެ ފަހަތުގައި ޕާކިސްތާން އޮތްކަމުގެ ހެއްކެތް އިންޑިއާއިން ދައްކާފައެއް ނުވެއެވެ. އަދި އެ ހަމަލާ ދިން ބަޔަކު އިންޑިއާއަށް ހޯދި ފައެއްވެސް ނުވެއެވެ. އެންމެފަހުންވެސް އިންޑިއާ ބުނެފައިވަނީ ހަމަލާދިން ކަމަށް ބެލެވޭ މީހުން ހޯދައި ހައްޔަރު ކުރުގެ އޮޕަރޭޝަން ކުރިޔަށް ގެންދާ ކަމުގައެވެ. މިކަމުގެ ޒިންމާ ޕާކިސްތާނުގެ ބޮލުގައި އެޅުވުމަށްފަހު އިންޑިއާވަނީ ޕާކިސްތާނާ ދެކޮޅަށް ގިނަ ފިޔަޅުތަކެއް އަޅާފައެވެ. ރައްދުގައި ޕާކިސްތާން ވެސް ވަނީ އިންޑިއާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅާފައެވެ. ޕާކިސްތާނުގެ 12 މީހުން މަރުވި ހަމަލާތަކަކީ "އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި ޕާކިސްތާނާ ދެކޮޅަށް އިންޑިއާ ސިފައިން ފަށައިގެން އުޅޭ އަސްކަރީ އޮޕަރޭޝަނެއްގައި ދިން ހަމަލާތަކެއް ކަމަށް ޕާކިސްތާން ބުނެއެވެ. މި އޮޕަރޭޝަންގައި އިންޑިއާ ސިފައިން މިހާތަނަށް ޕާކިސްތާނުގެ ނުވަ ސަރަޙައްދަކަށް ރޮކެޓާއި މިސައިލުން ހަމަލާތައް ދީފައިވާ ކަމަށް ޕާކިސްތާނުގެ އަސްކަރީ ތަރުޖަމާން އަޙްމަދު ޝަރީފް ޗައުދަރީ ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި އެންމެ ވަރުގަދަ ހަމަލާތައް ދީފައި ވަނީ ފާކިސްތާނުގެ ޕަންޖާބުގެ ސަރަހައްދެއް ކަމަށްވާ އަހްމަދުޕޫރު ޝަރްގިޔާއަށެވެ. އެ ހަމަލާތަކުގެ ތެރެއިން ހަމަލާއެއް މިސްކިތެއްގެ ހަރިންމަ އެއްގެ ތެރެއަށް އަރައި ތިން އަހަރުގެ ކުޑަ ކުއްޖެއް ހިމެނޭ ގޮތަށް ފަސް މީހަކު ޝަހީދު ވެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. މީގެއިތުރުން ކަޝްމީރުގެ ޕާކިސްތާނު ފަޅީގެ ވެރިރަށްކަމަށްވާ މުޒައްފަރުއާބާދާއި ކޮޓްލީއަށް ވެސް އިންޑިއާގެ ހަމަލާތައް އަރާފައިވާ ކަމަށާއި އެ ހަމަލާތަކުގައި ހަތް މީހަކު ޝަހީދުވެ 35 މީހުން މަރުވެ ދެ މިސްކިތެއް ވަރަށް ބޮޑަށް ހަލާކުވިކަމަށް އޭނާ ވިދާޅުވިއެވެ. މި ހަމަލާތަކާ ގުޅިގެން އިންޑިޔާގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން "އޮޕަރޭޝަން ސިންދޫރު" ގެ ދަށުން އިންޑިއާ ސިފައިން ފެށި އޮޕަރޭޝަންގައި ޕާކިސްތާނުގެ ނުވަ ސަރަޙައްދަކަށް ވާނީ ހަމަލާތަކެއް ދީފައެވެ. އެއީ އެ ސަރަހައްދުގައި ތިބި ކަޝްމީރުގެ ހަނގުރާމަވެރި ޖަމާއަތެއްގެ ބަޔަކާ ދެކޮޅަށް ދިން ޙަމަލާތަކެއް ކަމަށާއި ޕާކިސްތާނުގެ ސިފައިންގެ އެއްވެސް އަސްކަރީ ތަނަކަށް ހަމަލާ ދީފައި ނުވާނެ ކަމަށްވެސް އިންޑިޔާ ސިފައިންގެ ބަޔާން ބުނެއެވެ. މިއީ މދިޔަ އެޕްރީލް މަހުގެ 22 ވަނަ ދުވަހު، ހަތިޔާރު އެޅި ބަޔަކު ދިން ޖަންމޫ ކަޝްމީރަށް ދިން ހަމަލާއަށް ބަދަލު ހިފުމުގެ ގޮތުން ހިންގި އަސްކަރީ އޮޕަރޭޝަނެއް ކަމަށާ ބަދަލު ހިފުމުގެ ކަންތައް ނިމުނީކަމަށް ވެސް އިންޑިއާގެ ބަޔާނުގައި ބުނެފައިވެއެވެ. އިންޑިއާގައި ހުންނަ އިސްރާއީލުގެ ސަފީރު ވަނީ އިންޑިއާއިން ޕާކިސްތާނަށް ދިން ހަމަލާތަކަކީ އަމިއްލަ ނަފްސުގެ ދިފާއުގައި ދިން ހަމަލާތަކެއްކަމަށް ސިފަކޮށް އިސްރާއީލުގެ ފުރިހަމަ ތާއީދު އިންޑިއާއަށް އޮތްކަަން ހާމަކޮށްފައެވެ. އޭނާ ބުނިގޮތުގައި އިސްރާއީލުވެސް ޣައްޒާގައި ކުރަމުން ގެންދަނީ ޓެރަރިސްޓުންނާ ދެކޮޅަށް އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ހަނގުރާމައެކެވެ. އިންޑިއާ ވެސް ކަޝްމީރުގައި ކުރަމުން ގެންދަނީ ޓެރަރިސްޓުންނާ ދެކޮޅަށް އަމިއްލަ ނަފްސުގެ ދިފާއުގައި ކުރާ ހަނގުރާމައެކެވެ. އިސްރާއީލު ފިޔަވައި އެ ނޫން ގައުމެއް އިންޑިއާއަށް ތާއީދުކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ