މެދު ރާއްޖެތެރެއަށް މޫސުން ގޯސްވެ ރީނދޫ އެލާޓު، ބައެއް އުޅަނދުތައް ދުއްވުން މަނާ

މޫސުން ގޯސްވެ މެދުރާއްޖެތެރެއަށް ރީނދޫ އެލާޓް ނެރެފިއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ އިރުވައި މޫސުމުގެ ވިއްސާރކަމަށާއި، ކުރިއަށް އޮތް 24 ގަޑިއިރުވެސް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އެ އިދާރާއިން ވަނީ މެދުރާއްޖެ ތެރެ ހިމެނޭ ބ.އަތޮޅުން ފެށިގެން ކ.އަތޮޅާ ހަމައަށް ރީނދޫ އެލާޓް ނެރެފައެވެ. އެ އެލާޓް ނެރެފައިވަނީ ހެނދުނު 08:00އިން މެންދުރު 13:00އަށެވެ.
ރީނދޫ އެލާޓް ނެރެފައިވާނަމަ އެ ސަރަހައްދެއްގައި 19 މީޓަރަށްވުރެ ކުދި އުޅަދު ދުއްވުން މަނާވާނެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. ރާއްޖޭގެ އިތުރާއި މެދު ރާއްޖެ ތެރެއަށް ގަޑިއަކު 13 މޭލާއި 23 މޭލަށް ވައިގަދަވާނެކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މެދުރާއްޖެ ތެރެއާއި އިތުރުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓައް ހުންނާނެކަމަށެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރާ ގޮތުގައި މިހަފްތާގައިވެސް މުޅި ރާއްޖެއަށް ވަރަށްބޮޑަށް ވިއްސާރަކުރާނެއެވެ. އެހެންކަމުން މޫސުމަށް ސަމާލުވުމަށް އެއިދާރާއިން އިލްތިމާސްކުރައްވައެވެ.
ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، ކަނޑުދަތުރުފަތުރު ކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން ދަތުރުފަތުރުކުރުމަށް އެ އިދާރާއިން އިލްތިމާސްކުރައްވައެވެ.
ރީނދޫ އެލާޓަކީ ދިމާވެދާނެ ކަންކަމަށް ތައްޔާރުވެދިނުމަށް އެންގުމުގެ ގޮތުން ނެރޭ އެލާޓެކެވެ. އަދި އެއީ މޫސުމާ ގުޅޭ ކާރިސާގެ ހާލަތުގައި ކަންކަން ނުރައްކާވެގެން ދިއުމުން ދެވަނަ އަށް އެންމެ މަތިން ނެރޭ އިންޒާރުގެ އެލާޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ