އަންނަ އާދިއްތަ ދުވަހުން ފެށިގެން ކުރިއަށް އޮތް 5 ދުވަހު މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެއެވެ.
އެންޑީއެމްއޭއިން ބުނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް ބެލެވޭ ކަމަށެވެ.
އެގޮތުން ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް، ގުގުރުމާއެކު ވިއްސާރަކޮށް ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލާއި ދެމެދު ވައިބާރުވެ، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) މައުލޫމާތު ދީފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.
އެންޑީއެމްއޭއިން ވަނީ އާންމު ރައްޔިތުންގެ މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށް އިލްތިމާސްކޮށްފައެވެ.
ކަނޑު ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ މެޓް އޮފީހުން ވެސް ވަނީ ކަނޑު ދަތުރު ކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތް ވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް މެޓް އޮފީހުން ވަނީ ގޮވާލާފައެވެ.
ސަމާލުވޭ، އާދިއްތަ ދުވަހުން ފެށިގެން ކުރިއަށް އޮތް 5 ދުވަހު މޫސުން ގޯސްވާނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ