މި ފެންނަނީ ޝަރުޢީ ދާއިރާގެ މައްޗަށް ރައްޔިތުންގެ މަޖިލީހުން ބާރު ހިންގާ ތަން: ރައީސް

މި ފެންނަނީ ޝަރުޢީ ދާއިރާގެ މައްޗަށް ރައްޔިތުންގެ މަޖިލީހުން ބާރު ހިންގާ ތަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެންވިދާޅުވީ އުތުރަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ނ.ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައިސް ވިދާޅުވީ "މި ރާއްޖޭގައި މިހާރު ކަންކަން ގޮސްފައިވާ ހިސާބަކީ، ތިންބާރު އޮންނައިރުގައި، އަޅުގަނޑުމެންނަށް މި ފެންނަނީ، ޝަރުޢީ ދާއިރާގެ މައްޗަށް ރައްޔިތުންގެ މަޖިލީހުން ބާރު ހިންގާ ތަން. ސުޕްރީމް ކޯޓުން އަމުރެއް ނެރުނަސް، ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި، އެ އަމުރު ނުވޭ އެއްވެސް އެއްޗަކަށް. މިއެއްނޫން އަޅުގަނޑުމެންގެ ދިވެހި ރައްޔިތުން ދެކެން ބޭނުންވި ދުވަހަކީ." ކަމަށެވެ.
"ކުރިއަށް މިއޮތް ދުވަސްތަކުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ރައްޔިތުން މި ނިންމަންޖެހެނީ، ރައްޔިތުން އެދި، ރައްޔިތުން އުންމީދުކުރާ ކަހަލަ ދިވެހި ޤައުމެއް ބިނާކުރުމުގެ ނިންމުން. އެ ބައެއްގެ މައްޗަށް، ބާރުގަދަ އެހެން ބަޔަކު އަންގާ އެންގުމަކަށް އޮޕަރޭޓް ކުރާ، ބޭނުންގޮތަކަށް ވޯޓު ދިނުމުގައި ތަބާވާ އަޅުންތަކެއްގެ ގޮތުގައި ތިބޭ މެންބަރުންތަކެއް، މަޖިލީހަށް ވެއްދުމަކީ، އެއީ، މިދިޔަ ތިންމަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ފެނުނު މަންޒަރު ތަކުރާރުވެ، ދުވަހަކުވެސް ރާއްޖެއަށް އަނބުރާ ދެން އިޢާދަ ނުކުރެވޭނެ ހިސާބަށް އަޅުގަނޑުމެންގެ ޤައުމުގެ ކަންކަން ދާނެ ކަމަކަށްވާނީ" ރައިސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ